އެނބުރޭ ވަހުތާން (18)

(27 އޯގަސްޓް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރޫފީއަށް ނަވީންގެ ޚިޔާލު ކުރެވެން ފަށައިފިއެވެ. އޭނާއަށް ނަވީންގެ ގެޔާ ހަމައަށް  ދެވުނުއިރު ރޭގަނޑު ދިހަގަޑި ބަޔަށްވުރެ ބޮޑު ވެއްޖެއެވެ. އޭނާ ހީކުރީ ނަވީން އޮންނާނީ ނިދާފައި ކަމަށެވެ. އެކަމަކު ރަނގަބީލު ޖެހުމާއެކު ދޮރު ހުޅުވިއްޖެއެވެ.

"­މި ތަނަށް މިރޭ ފުލުހުން އައި- ބޮޑުބޭބޭ އަމިއްލައަށް މަރުވެގެންފި-" އޭނާ ބުންޏެވެ.

ރޫފީ އެތެރެއަށް ވަދެ ދޮރު ލައްޕައިލިއެވެ. "ކަލޭ ތިޔަހަރީ އަމަލުވެފައި-؟"

އޭނާ ކަޅި އަޅައިލިއެވެ. "އަހަރެން އަމަލެއް ނުވޭ- މިއީ ދޮގެއް ނޫން- އޭނާ އަމިއްލައަށް މަރުވެގެންފި-"

"އިށީނދޭ- ރަނގަޅަށް ކިޔައިދީބަލަ-"

"އޭނާ މަރުވީ އަހަރެމެންނާ ހެދި- ކަލޭ މިތަނަށް އަންނަތަން އޭނާއަށް ފެނުނީ- ހަސަދަވެރިވީ- އަހަރެމެންގެ ގުޅުމަކީ އެކަހަލަ ގުޅުމެއް ނޫން ކަމެއް އޭނާއަކަށް ނޭނގޭ-"

"އަމިއްލައަށް ބޮލުގައި އިލްޒާމް އަޅުވާނެ ކަމެއް ނެތް- އިރުޝާދުމެން ކަހަލަ މީހުންގެ ނިމުން އަންނަނީ އެކަހަލަ ގޮތަކަށް- ފުލުހުންނާ ބެހޭ ވާހަކަ ކިޔައިދީ-"

"ބޮޑުބޭބެ މަރުވީ ސިޓީއެއް ލިޔެފައި-" ނަވީން ބުންޏެވެ.

"ޔާރައްބީ-" ނަވީން ތުރުތުރު އަޅައިގަތެވެ. "އެ ސިޓީ ފުލުހުންނަށް ފެނުނުތަ-؟"

"ނުފެނޭ- އަހަންނަށް ހީވަނީ އޭނާ މިތަނަށް އައީ ދުވާލުހެން- އަހަރެން ހަވީރު އައި އިރު ސިޓީ އޮތީ ދޮރުދަށުން އެތެރެއަށް ދުއްވައިލާފައި- އޭގައި ލިޔެފައި އޮތީ ހަގަޑި ބައި ވާއިރު އެ ގެއަށް ނުދިޔައިއްޔާ އަމިއްލައަށް މަރު ވާނަމޭ-" ނަވީން އިސް ޖަހައިލިއެވެ. އަޑު މަޑު ވެއްޖެއެވެ. އަހަރެން ހީކުރީ އަހަރެން ގެންދަން ވެގެން ބިރު ދައްކަނީ ކަމަށް- އެހެން ވެގެން އަޅާނުލައި ހުރިީ- އެކަމަކު ފުލުހުން މިރޭ އައިސް ބުނީ އޭނާ މަރުވެއްޖެއޭ-"

ރޫފީއަކަށް ހަދާނޭ އެއްވެސް ގޮތެއް ނުވިސްނުނެވެ. ޖެހި ބުދެއްހެން ބަލަހައްޓައިގެން ހުރީއެވެ. ނަވީން ބަދިގެއަށް ގޮސް ކޮފީ ހަދައިގެން އަތުވެއްޖެއެވެ.

"އޭނާ އަހަރެން ދެކެ ލޯބިވީ – މި ސިޓީ ފުލުހުންނަށް ނުފޮނުވާ އަހަންނަށް ދިނީ އެހެން ވެގެން- އޭނާ ޙަޤީޤަތުގައިވެސް އަހަރެން ދެކެ ލޯބިވީ-" އޭނާ ގިސްލާން ފަށައިފިއެވެ.

   

ބުރާސްފަތި ދުވަހު ހަވީރު ޝަބާނާ ކްލަބަށް ދިޔައީ ނަޞީރާ އެކީގައެވެ. ކާރުން ފައިބަމުން ޝަބާނާ ޝުކުރު އަދާކުރިއެވެ. ނަޞީރު ހީނލިއެވެ. ޝަބާނަ ކުރީ ދޮރާ ލިމާއަށް ގުދުވެފައި ނަޞީރާ ދިމާއަށް ބަލައިލިއެވެ. "ކަލޭ ހެދީ ހުސް ދޮގު- ފަރުޒާނާ ކަލެޔަކާ ނުގުޅޭނެ- އޭނާ ލޯބި ވަނީ އިޤްބާލް ދެކެކަން އެންމެންވެސް ދަނޭ-"

"އެހެން ވެއްޖެއްޔާ މި ކަންތައް ވާނީ އިޤްބާލަށް ލިބޭ ވަރުގަދަ ސިހުމަކަށް ޝައްބޫ- ކަލެއަށް ޔަޤީން ނުކުރެވެއްޏާ މާދަމާ ރޭ އަށްގަޑި ބަޔަށް ބީޗްލޭން ރެސްޓޯރަންޓަށް އާދޭ-" ނަޞީރު ހީނގަތެވެ. "އަދި ބުނަންތަ...؟ މި ހޫނުގައި ހަށިގަނޑު އަންދަން ޓެނިސް ކުޅުމުގެ ބޭނުމަކީ ކޮބާ-؟ ހިނގާ އަހަންނާއެކީ-" އޭނާ ޝަބާނާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

ޝަބާނާ ހަލުވިކަމާއެކު ފަހަތަށް ޖެހިލިއެވެ. "މަކަރުވެރި މީހާ... ކަލޭ ފަރުޒާނާގެ ވާހަކަ ތިޔަ ދެއްކީ ހަމަ ދެންމެއެއްނު-؟"

"އަހަރެން މި ހުރިހައި ކަމެއް ކުރަނީ ކަލެއަށްޓަކާ- ނިކަން ހިތް ފަޅައިގެން ބަލައިލަބަލަ-"

"ދޮގު... އެންމެ ރަނގަޅު- ކަލެއަށް ފަރުޒާނަ ލިބުނީ ކަމަށް ބަލަމާ ހިނގާ- އަދި އިޤްބާލްވެސް އަހަރެންގެ މައްޗަށް ލެނބިއްޖެ ކަމަށް ބަލާ- އޭރުން ފަރުޒާނާ އަށް ހަދާނީ ކިހިނެއް-؟"

"ކަލޭ ފަރުޒާނާގެ ފިކުރު ކުރަނީ ކީއްކުރަން-؟ ކަލޭ އަހަރެން ދަންނަމެއްނު-؟ އަންހެނުންގެ ކަންތަކުގައި އަހަރެން ފަހެއް ނުޖެހޭނެ- ދުވަހަކުވެސް އަހަންނަށް ނާކާމިޔާބު ވީތަ-؟"

"ފަރުޒާނަ ކަލޭ ހައްދަނި ކަމަށްވެސް ވެދާނެ- އޭނާ މާދަމާ ރެއަކު ނާންނާނެ-" ޝަބާނާ ބުއްޏެވެ.

"ތިޔަހެނެއް ހަމަހިލާ ނުވާނެ- އޭނާ އަންނާނެ- އަހަރެނެް ކަލެއަށްޓަކާ ކޮންމެ ކަމެއްވެސް ކޮށްފާނަން- ކީކޭ ބިނަނީ-؟ ދާންވީނު-؟ ޝުކުރު އަދާކުރަން..."

ޝަބާނާ ރުޅިއައިސް ރަތްވެފައި އޭނާއާ ދިމާއަށް ބަލައިލިއެވެ. އަދި އަނގައިންވެސް ނުބުނެ ކްލަބަށް ވަދެގެން ހިނގައްޖެއެވެ.

ފެންޑާގެ މޭޒެއްގެ ދޮށުގައި އިޤްބާލާއި ފަރުޒާނާއާ ދެމީހުން ވާހަކަ ދައްކަން ތިއްބެވެ. ދެމީހުން އެކަކު އަނެކެއްގެ ލޮލަށް ބަލަހައްޓައިގެންނެވެ. ހިނިތުން ވޭވެއެވެ. އޭނާ ނަޞީރުދެކެ ރުޅިއަންނަން ފަށައިފިއެވެ. އެހައި ބޮޑު ދޮގެއް ހެދި އިރު ބިރެއްވެސް ނުގަނެއެވެ. ނަޞީރު ދެއްކި ވާހަކަތައް ތެދަކަށް ވާނެނަމަ ކޮންފަދަ ރަނގަޅުހެއްޔެވެ.

ކުޑަ އިރުކޮޅެއް ފަހުން އިޤްބާލްގެ ސިންގަލް މެޗެއް ފެށިއްޖެއެވެ. ފަރުޒާނާ ބޭރުގައި މެޗު ބަލަން އިނީއެވެ. މާ ގިނައިރު ތަކެއް ނުވެ ނަވީން އައިސް ފަރުޒާނާގެ ކައިރީގައި އިށީނދެއްޖެއެވެ. އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު ނަވީން ކުއްލިއަކަށް ބުނެލިއެވެ. "އަހަރެން މި ހަދަނީ ދޮގެއް ކަމަށް ވަންޏާ މަޢާފް ކުރާތި- ފަރްޒާނާ، އިޤްބާލާ ގުޅިގެން ތިޔަ އުޅޭ އުޅުމުގެ ސަބަބުން ހުރިހާ ގެއްލުމެއް ވަނީ ޝަބާނާއަށް-"

ފަރުޒާނާ ދިޔައީ ސިއްސައިގެންނެވެ. "ކީކޭ-؟ ތިޔަ ކިޔަނީ ކީކޭ-؟ ޝަބާނާ ޖައްބާރުތަ-؟"

"އާނ- ޝަބާނާ ޖައްބާރު-"

"އެ ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވަނީތަ-؟"

"ތިޔަ ކަމެއް އަހަންނަކަށް ނޭނގޭ- އެ ދެ މީހުން އެކީގައި އުޅޭތަން އަހަރެން ދެކެން- ހަމައެކަނި އިޤްބާލެއް ނޫން- އެ ގިޓާޖަހާ ނަޞީރުވެސް..."

"ޔާރައްބީ- އަހަރެން ނުވެސް ދެނަހުރިން-"

"ނަޞީރުގެ ކަންތައް އެއީ މާ ބޮޑު ކަމެއް ނޫން- އެކަމަކު ޝަބާނާ ހުންނަނީ އިޤްބާލް އަޙުމަދާ ހެދި މަރުވާ ވަރު ވެފައި-"

ފަރުޒާނާ ކުޅިވަރުގެ މަތިން ހަނދާން ނެތިއްޖެއެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިއްޖެއެވެ.

"ދަނީ އިޤްބާލާ އެކީގައިތަ-؟" ނަޖްމާމަލިކު ފަރުޒަނާއާ ސުވާލުކުރިއެވެ.

"ނޫން-"

ނަޖްމާގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުން ޣާއިބުވެ ނިމިއްޖެއެވެ. "އެހެންވެއްޖެއްޔާ ނަލަވެގެން ކޮންތާނކަށް ތިޔަ ދަނީ-؟"

"ރައްޓެއްސަކާ އެކީ ކާން-"

"ކާކާ އެކީ-؟"

"މަންމަ އަކަށް އޭނާއެއް ނޭނގޭނެ-"

"އަންހެން ކުއްޖެއްތަ-؟"

"ނޫން-"

ނަޖްމާގެ ސުވާލުގެ ސިލްސިލާ ދިޔައީ ކުރިއަށެވެ. "ކޮން ރައްޓެއްސަކާ އެކީގައިތަ ދަނީ-؟"

"ބުނެފީމެއްނު މަންމައަކަށް އޭނާއެއް ނޭނގޭނެއޭ-"

"ދެން އިޤްބާލޯ-؟"

އޭނާ... އޭނާއަކާ އަހަންނަކާ ކީކީތަ؟"

"ކަލޭ ދަނީ ކާކާ އެކީގައިކަން އޭނާއަށް އެނގޭތަ-؟"

"އަހަންނެއް ނުބުނަން- ބުނުމުގެ ބޭނުމެއް އަހަންނަކަށް ނުވެސް ވިސްނޭ-"

"ކީކޭ-؟ ޔޫސުފު- އެބަ އަޑު އިވޭތަ-؟" ނަޖްމާ ތާއީދަށް އެދި ފިރިމީހާއާ ދިމާއަށް ބަލައިލިއެވެ.

"މަންމާ- ފަރުޒާނާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. "އިޤްބާލާ އަހަންނާ ދެމެދަކު މަންމަ ތިޔަ ހީކުރާ ކަހަލަ ގުޅުމެއް ނޯވޭ- ދެން މަންމަވެސް ފުލުހުން ކުރާ ކަހަލަ ތަހުގީގު ނުކުރޭ- އެމެރިކާގައި އަހަރެން ހަތަރު އަހަރު ހޭދަ ކުރިން- އެ ތާނގައިވެސް އަބުރާ ޢިއްޒަތް ރައްކާތެރި ކުރި ގޮތަށް މި ތާނގައިވެސް ކުރެވިދާނެ-"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.