އަންނަ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު މިނިވަން މުސްތަގިއްލު އިންތިޚާބަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޔާމީން އދ. ގެ އެސިސްޓެންޓް ސެކްރަޓަރީ އަރިހު މިއަދު ވިދާޅުވެއްޖެއެވެ.
އ.ދ.ގެ ސިޔާސީ ދާއިރާއާއި ބެހޭ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލާވް އެންކާ، އަރިހު ރައީސް ޔާމީން މިހެން ވިދާޅުވީ މިރޮސްލާވް ރައީސް އަރިއަހަށް މިއަދު މެންދުރު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައެވެ.
މި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ރައީސް އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ނަމުގައި މިރޮސްލާވް އަށް މަރުހަބާ ވިދާޅުވެ ހެޔޮއެދުންތައް އަރިސް ކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައިވެސް ރާއްޖެއާއި އދ. އާއިދެމެދު އޮތް ގާތްކަން އޮންނާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
މިބައްދަލުވުމުގައި އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ރާއްޖެއަށް ވަޑައިގަތުމަށް އެމަނިކުފާނަށް ދައުވަތުދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ސަރުކާރުން ހޯދާފައިވާ އިގުތިޞާދީ ކާމީޔާބީތަކަށް ތައުރީފުކުރައްވައި މި ކާމިޔާބީގެ އަސްލަކީ ރައީސް ޔާމިން ކަމުގައި މިރޮސްލާވް ވިދާޅުވި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ކުރިއަށް އޮތް ރިޔާސީއިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި ގުޅިގެން މަސައްކަތް ކުރައްވަން އދ. އިން ތައްޔާރަށް އޮތްކަމަށް ވެސް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުހައްމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް އަލްއުސްތާޒާ އާޒިމާ ޝަކޫރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.