އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އެއްވެސް ހަރުދަނާ ވައުދެއް ނުކުރައްވާ:ތާރިގު

ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ނެރެފައިވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއްވެސް ހަރުދަނާ ވައުދެއް ނުކުރައްވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ހުވަދު އަތޮޅުގެ ދެބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތާރިގު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެއްވާނެ ކަމުގެ ވައުދު އިބޫ ކުރައްވައިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރައްވާނެ ގޮތަކާއި އެކަން ކޮށްދެއްވާނީ ކިތައް މީހުންނަށް ކޮންތާކަށްތޯ ވެސް ވިދާޅުވެ ދެއްވިފައި ނުވާ ކަމަށެވެ.

"ރައީސް ޔާމީން އެވިދާޅުވަނީ މިވެނި ތަނެއްގައި ތިންލައްކަ ފަނަރަހާސް މީހުންނަށް މިވެނިތަނެއްގައި މިވެނި މުއްދަތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނަމޭ. އަޅުގަނޑު އިބޫއަށް ގޮވާލަނީ ބޯހިޔާވަހިކަން ދެއްވާނެ ގޮތެއް ނިކަންކެރި ވަޑައިގެން ވިދާޅުވާން،" މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިބޫ ކުރައްވަމުން ގެންދަވާ ވައުދަކީ އެއްވެސް ވަރަކަށް ރޭވިގެން ކުރައްވަމުން ގެންދަވާ ވައުދެއް ނޫންކަމަށެވެ. އެއީ އެރަށަކަށް ވަޑައިގެން ކުއްލިއަކަށް ކުރައްވާ ވައުދުތަކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ރައީސް ޔާމީނާއެކު ތިއްބަވައިފި ކަމަށްވާނަމަ ވިލިމާލެ 2 ފަދަ މަޝްރޫއުތައް ފެށި ކާމިޔާބު ކުރެވޭނެ ކަމަށެވެ. އޭގެސަބަބުން މާލޭ ސަރަހައްދުގައި އުޅެން ބޭނުންވާ މީހުންނަށް އެސަރަހައްދުގައި، އަމިއްލަ ރަށުގައި ތިބެން ބޭނުންވާ މީހުންނަށް ރަށުގައި ތިބުމުގެ އެފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.