ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ގދ. ކާޑެއްދުއަށެވެ. ކާޑެއްދޫ އެއާޕޯޓުން އެމަނިކުފާނަށް ވަނީ ހޫނުމަރުހަބާއެއް ދަންނަވައިފައެވެ. ކާޑެއްދުއަށްފަހު ރައީސް މިހާރު ވަޑައިގެން އުޅުއްވަނީ އެއަތޮޅު މަޑަވެލީގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މަޑަވެލީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށާއި، ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށާއި، އެރަށުގެ އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގދ. ގައްދުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްސްތައް ހުޅުއްވައިދެއްވުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގއ. ކޮނޑޭއަށް ވަޑައިގެން އެރަށު ބަނދަރު ހުއްޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މި ދަތުރުފުޅުގައި ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.