އޭނާއަކީ ކުޅަދާނަ އެރޮބިކްސް އިންސްޓެކްޓަރެކެވެ. ދުވުންތެރިއެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ހަގީގީ މަސައްކަތް ކަމަށްވާ އެރޮބިކްސް އަށް ވުރެ ދުވުމުގައި މިހާރު މާބޮޑަށް މަޝްހޫރު ވެއްޖެއެވެ. ދޭސީ، ބިދޭސީ ޓްރެކް ތަކުގައި އޭނާ ރާއްޖެ ތަމްސީލް ކުރަމުން ގެންދަނީ ފަޚުވެރި ދިވެހި އެތުލީޓެއްގެ ގޮތުގައެވެ.
އުމުރުން އެކާޅިސް އަހަރުގެ މިދުވުންތެރިޔާގެ ފަހަތުން ދުވެ އޭނާ އަތުލައި ގަތުމަކީ ޒުވާން އެތުލީޓުންނަށްވެސް ވާވަރު ކަމަކަށް ނުވެދާނެއެވެ. އެކަން އެނާ ގެންދަނީ އަމަލުން ދައްކަމުންނެވެ.
މިއީ ރާއްޖޭގައި ދުވުމުގެ ދާއިރާއިން ކުއްލިއަކަށް މަޝްހޫރުވެގެން އައި ދުވުންތެރިޔާ މަރިޔަމް އަބްދުލްކަރީމް (މަރީ) ވާހަކައެވެ. އޭނާގެ ވާހަކަ ފެށޭ ހިސާބަކީ ބަނޑޮސް އައިލެންޑް ރިސޯޓެވެ. އެތަނުގައި އޭނާ ވަޒީފާގައި އުޅެނިކޮށް ފިޓްނަސްގެ ތެރެއަށް އޭނާ "ދަމައިގެންފި" އެވެ. ހަމަ ހަގީގަތުގައި ވެސް ދަމައިގަތީއެވެ. ވަކި ސަބަބެއްނެތި އެކަމަށް އޭނާގެ ހިތްއެދެވެން ފެށީއެވެ. އެންމެފަހުން ފިޓްނަސްތެރެއަށް ވަދެ ހުސްވީއެވެ. އެދާއިރާއިން ކޯސްތައް ހަދައި ސްޕެޝަލައިޒްވީއެވެ. މިހާރު އޭނާއަކީ އެތައް ބަޔެއްގެ ފިޓްނަސް ޓީޗަރެވެ. އިސްޓެކްޓަރެވެ.
އޭނާގެ އިރުޝާދުގެ ދަށުން އެތައް ބަޔަކު މިހާރުވެސް ގެންދަނީ ފިޓްނަސް ހަދަމުން ދުޅަހެޔޮ ސިއްހަތެއް ލިބިގަންނަމުންނެވެ. އޭނާހުރީ އެހީތެރިކަން ބޭނުންވެގެން އަންނަ އެންމެނަށް އެފުރުސަތު ދިނުމަށް ތައްޔާރަށެވެ. އެކަމަކު އޭނާ ބުނާ ވަރަށް މުހިންމު ވާހަކައެއް އެބައިތެވެ. "އަންނަންވާނީ އަންނަނަހިތުން. މީހެއްގެ މަޖުބޫރު ކުރުމެއް އޮވެގެންނުވާނެ. މިސާލަކަށް މީހަކު މާ ފަލައޭ އެޒާތުގެ އެއްޗެއް ބުނުމުންނޭ ކިޔާފައި އަންނާނެ ކަމެއްނެތް. އަންނަންވާނީ އަމިއްލައަށް ބޭނުންވެގެން އެދިގެން. އޭރުން އެންމެ އެދެވޭ ގޮތުގައި މިކަން ކުރެވޭނީ،" މަރީ ބުންޏެވެ. ކަސްރަތު ކުރުމުގެ މުހިންމު ކަމާއި އެކަމުގެ ފައިދާ އަމިއްލައަށް ވިސްނިގެން އައިސްގެން ނޫން ގޮތަކަށް އެންމެ އެދެވޭ ގޮތުގައި ނަތީޖާއެއް ނުފެންނާނެ ކަމަށް އޭނާ ބުންޏެވެ.
މަރީއަކީ ހީޓް ހެލްތު އެންޑް ފިޓްނަސްގައި ކަސްރަތު ކްލާސްތައް ނަގައިދޭ، ޕާސަނަލް ޓްރެއިނަރެކެވެ. އެއީ އޭނާގެ ޚާއްސަ ދާއިރާއެވެ. އޭގެ އިތުރަށް މަރީއަކީ ސްޕީޑު ބާރު މޮޅު ދުވުންތެރިއެކެވެ.
އެންމެ ފުރަތަމަ އޭނާ ދުވުމުގައި ބައިވެރިވީ 2010 ވަނަ އަހަރު ބޭއްވި ދިރާގު ރޯޑުރޭސްގައެވެ. އެފަހަރު ބައިވެރިވީ އާއިލާ މީހުން ބައިވެރިވާތީ އެމީހުންނާ އެކު މަޖާކޮށްލާށެވެ. އެކަމަކު އޭނާ ބައިވެރިވި އަންހެނުންގެ 5 ކިލޯމީޓަރުގެ ދުވުމުން އޭނާ ދެވަނަ ހޯދިއެވެ. އެކަން ގަބުލުކުރަން އޭނާއަށް ވެސް ދަތިވިއެވެ. އެއަށްފަހު އޭނާގެ ދުވުން މެދު ކަނޑައިލިއެވެ. ދެން ވެސް ނުކުތީ 2014 ވަނަ އަހަރު ބޭއްވި ދިރާގު ރޯޑުރޭސް އަށެވެ. އެފަހަރު ނުކުތީ ދަރިފުޅު ބައިވެރިކުރުމުގެ ނިޔަތުގައެވެ. އެފަހަރު ވެސް 5 ކިލޯ މީޓަރު ދުވުމުގައެވެ. އެފަހަރު އެބައިން އެއްވަނަ ހޯދައި ނޫސްތަކުގެ ސުރުޚިތަކުން އޭނާ ޖާގަ ހޯދިއެވެ.
މަރީއަކީ މިހާރު ގައުމީ އެއްވަނަ އަންހެން އެތުލީޓެވެ. އަޖައިބުވާ ކަމަކީ މަރީގެ ހިތްވަރެވެ. ކެރުންތެރިކަމެކެވެ. ކަންކަމަށް ކުރިމަތިލާން ދައްކާ ހިތްވަރެވެ. ނަމޫނާއެވެ. ކުރިމަތިލައިފިނަމަ ކާމިޔާބުކުރަން އެކުރާ މަސައްކަތެވެ. އޭނާއަށްވުރެ މާބޮޑަށް ވެސް ޒުވާންކުދިންނާ ވާދަކޮށް އެކުދިން ފަހަތަށް ޖައްސައިލުމުގެ ހަގީގީ ސިއްރަކީވެސް އޭނާގެ ހިތްވަރެވެ.
މަރީ ދުވަން ފެށީ މާބޮޑަށް ވަގުތަށް ބަލައިގެނެއް ނޫނެވެ. އެކަމަކު ދުވަހަކަށްވުރެ ދުވަހެއް ދުވުމުގައި ކުރިއެރުން ހޯދޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. "އަހަންނަށް ވުރެ ބޮޑަށް އަހަރެންނާއެކު ދުވާމީހުން އަހަނަށް އިތުބާރުކުރެޔޭ ބުންޏަށް ދޮގަކަށް ނުވާނެ. އެމީހުން ބުނާނެ މަރީ ބައިވެރިވާށޭ. ބައިވެރިވެއްޖެއްޔާ ވަނަ ގެންނާނެކަން އެއީ ޔަގީން ކަމެކޭ. ކަންމިހާތަނަށް ވެފައިވަނީ ވެސް އެހެން،" މަރީ ބުންޏެވެ.
މަރީ ވަނީ 2015 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އެތުލެޓިކްސް މުބާރާތުގައި ބައިވެރިވެފައެވެ. އެ މުބާރާތުން ދެ ރަންމެޑެލް އޭނާ ހޯދިއެވެ. 2016 ވަނަ އަހަރު އޮކްޓޯބަރުމަހު ބޭއްވި ދުވުމުގައި 5000 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުގެ ރަން މެޑަލް ދިފާއުކުރިއެވެ. އަދި 800 މީޓަރު ދުވުމުން ވެސް ރަން ހޯދިއެވެ. އެއީ ގައުމީ އެއްވަނަ އަންހެން އެތުލީޓުގެ މަގާމް އޭނާ ހާސިލް ކުރި ފަހަރެވެ.
އެފަހުން އޭނާ ފަހަތަކަށް އެނބުރި ބަލައެއް ނުލައެވެ. ދުބާއީ މެރެތަންގައި ދުވެ މެރެތަންގެ 10 އަހަރުވީ އަންހެނުންގެ ރާއްޖޭގެ ރެކޯޑު އޭނާ ވަނީ މުގުރާލައިފައެވެ. އޭނާ އަތުގައި ގައުމީ ފަސް ރެކޯޑެއް މިހާރުވެސް އެބައޮތެވެ.
އެއީ ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، 20 ކިލޯމީޓަރު، ހާފް މެރަތަން (21 ކިލޯމީޓަރު) އަދި މެރެތަން (42 ކިލޯމީޓަރު) ގެ ރެކޯޑެވެ. އެންމެފަހުން އައްޑޫގައި ބޭއްވި ދުވުމުގައި ވެސް އޭނާ ބައިވެރި ބައިން ވަނީ އެއްވަނަ ހޯދައިފައެވެ.
މިހުރިހާ ކުރިއެރުމެއްގެ ފަހަތުގައި ހުރީ މަރީގެ ފިރިމީހާއެވެ. އޭނާކުރާ ކޮންމެ ކަމެއްގައި އެންމެ ބޮޑަށް އެހީވަނީ ފިރިމީހާއެވެ. ދުވުމަކީވެސް ފިރިމީހާދޭ ހިތްވަރުން އޭނާކުރާ ކަމެއް ކަމަށް ބުނެވިދާނެއެވެ. ދުވުމުގައި މަރީ ކުރިއެރުވުމަށް ކުރަންކެހުނު ކޮންމެ ކަމެއްވެސް އޭނާގެ ފިރިމީހާ ކޮށްދެއެވެ. އެހެންވެ މަރީގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީ ވެސް ފިރިމީހާއެވެ.
އެއީ ޒުވާން އެތުލީޓުން ނަމާނާއަކަށް ބަލަން މޮޅު އެތުލީޓެލެވެ.
މިލިޔުމުގައި މަރީގެ މިހާރުގެ ކޯޗު ޑރ. ކުޑަހުސެންގެ ވާހަކަ ލިޔެފައިނެތުމަކީ ދެރަކަމެއް. މަރީގެ ޕްރެކްޓިސް ކުރިއަށްދަނީ ކުޑަހުސެން އެކަޑަމީއާއި އެކު. އެތުލީޓު މޮޅުވަނީ ކޯޗުގެ ބަސްއަހައިގެން ބަރާބަރަށް ޕރެކްޓިހަށް ދިޔުމުން. ކުރީގެ ކޯޗުގެވާހަކަ ދައްކާފަ މިހާރުގެ ކޯޗުގެ ނަންވެސް ލިޔެލަންވާނެއެންނު!