ތަރައްގީގެ ބައިވެރިއަކަށް ވުމުގެ ދައުވަތު ރައީސް ދެއްވައިފި

ރާއްޖެ ތަރައްގީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ބައިވެރިވުމުގެ ދައުވަތު ކޮންމެ ދިވެހި ރައްޔިތަކަށް އެމަނިކުފާނު ރޭ ދެއްވައިފިއެވެ.

މިއަހަރުގެ މިނިވަންދުވަހުގެ ރަސްމީޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "މި ފުރުޞަތުގައި ތަރައްގީގެ ބައިވެރިއަކަށް ތިޔައިން ކޮންމެ ބޭފުޅަކަށްވެސް އަޅުގަނޑު ދައުވަތު އަރުވަން. ދިވެހިންގެ ހުވަފެން ޙަގީގަތަކަށް ހެދޭނީ ހަމަ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން ދިވެހިންނަށް،" ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ "ރާއްޖޭގެ އެކިކަންކޮޅުގައި ޤާއިމުކުރެވެމުންދާ ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، އެއަރޕޯޓްތަކުގައި ދިއްލޭ ބޮކިތަކުން އުދަރެސް ޖަރީވެ،އަމާންކުރެވިފައިވާ ހޮޅުއަށިތަކާއި މައިދާންތައް އަޅުގަނޑުމެންގެ ތުއްތުކުދިންގެ އުފާވެރި އަޑުތަކުން ގުގުމާ، ތަރައްޤީގެ އަމާޒުތައް ފުރިހަމަވެގެންދާތަން ފެނުމަކީ، އަޅުގަނޑުގެ ވަރުބަލިކަން ހަނދާންނެތިގެންދާ ކަމެއް،" ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމޭއިރު ކަނޑުގެ ބަނދަރުގެ މަސައްކަތް ފެށުމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ. މާލޭ-ހުޅުމާލޭ ބްރިޖް ނިމޭއިރު، މާލޭ-ވިލިނގިލި، ގުޅިފަޅު އަދި ތިލަފުށީގެ ބްރިޖްގެ މަސައްކަތް ފެށޭނެކަމުގެ އުންމީދު ވެސް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ އެމަނިކުފާނުގެ ހިތްވަރު އާލާވާ ކަންކަން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގައި މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއާއި، ވިލިމާލޭ 2 ގައި ތައްޔާރުކުރަން ރާވާފައިވާ 315,000 މީހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއާއެކު ކުރިޔަށް އޮތް 10 ވަރަކަށް އަހަރަށް ދިވެހިންނަށް ބޭނުންވާ ހުރިހާ ކަމެއްހެންމެ ފުރިހަމަކޮށް ނިންމޭނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައީސް ދެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ކުރިޔަށްދާނޭ މަގުތައް މިހާރުވަނީ ފެނިވަޑައިގެންފައި ކަމަށެވެ. އެގޮތުން ވިލިމާލެ 2 މަޝްރޫއު ފެށުމަށް ބޭނުންވާ ދިރާސާތައް މިހާރުވަނީ ކޮށްނިމިފައި ކަމަށެވެ. ވިލިމާލެ 2 ގެ މަޝްރޫއުގެ ދަށުން 315,000 މީހުންގެ އާބާދީއަށް ބޭނުންވާ ވަސީލަތްތަކާއެކު "ދެވަނަ ޝަހަރު ތަރައްގީކޮށް މާލެއާ ގުޅައިލެވޭނެ" ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަޝްރޫއާއި މިހާރު ކުރިއަށްދާ ހިޔާމަޝްރޫއުގެ ދަށުން، 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ގެދޮރުނެތް މީހުންނަށާއި، "މި އިޙްތިފާލު ކުރަމުންގެންދާ މިއަދުގެ މިނިވަންދުވަހުން ފެށިގެން،2030 ވަނަ އަހަރުގެ މިނިވަންދުވަހާ ހަމަޔަށް 18 އަހަރު ފުރެމުންދާ ހަމަ ކޮންމެ ދިވެހި ޒުވާނަކަށްމެ، މަދުވެގެން 1000 އަކަފޫޓުގެ ބިމުގެ ތަނަވަސްކަން ނުވަތަ އެޕާޓްމަންޓެއް ލިބިދެވޭނެ. ﷲގެ އިރާދަފުޅުން ހިޔާވަހިކަމެއްނެތް ދިވެއްސަކު އިރާދަކުރެއްވިއްޔާ ދެނެއް ރާއްޖެއަކު ނުހުންނާނެ،" ރައީސް ރައްޔިތުންނަށް އުންމީދު ދެއްވަމުން ވިދާޅުވިއެވެ.

"އުޑުމަތި ސާފުރީތި ދުވަހެއްގައި، އިރު އެރުމަށް އުދަރެސް ދޮންވެ ފައްކާވާއިރު، ކުލަޔަކަށްފަހު، ކުލައެއް ޖެހި، ރޭގަނޑުގެ އަނދިރިކަމުގެ މައްޗަށް ފަތިހުގެ ރީތި މަންޒަރުތަކާއި ދުވާލުގެ އަލިކަން ޤާއިމުވާ ފަދައިން، ހިންގޭ ކޮންމެ މަޝްރޫޢަކުން ރައްޔިތުންނަށް ދިމާވެފައިވާ ކޮންމެވެސް ބޮޑު މައްސަލައެއް ޙައްލުވެ، މުޅި ޤައުމުގެ އުދަރެސް، ކުލަތަކުން ފުރާ ފުރިހަމަކުރެވުނީމާ އަޅުގަނޑުގެ ވަޒީފާގެ ޒިންމާއަކީ ހިތްހަމަޖެހޭ އެއްޗެއް ކަމުގައި ދިވެހި ރައްޔިތުންގެ އަރިހުގައި މިރޭ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.