ސެޕްޓެމްބަރ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ރީރަޖިސްޓްރޭޝަނާ ބެހޭ ގޮތުން މިހާތަނަށް ކޮށްފައިވަނީ އެންމެ ޝަކުވާއެއް ކަމަށާއި އެއީ އެމްޑީޕީން ކޮށްފައިވާ ޝަކުވާއެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ވިދާޅުވެއްޖެއެވެ.
އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އެ ޝަކުވާއަށް މިއަދު ޖަވާބު ދެއްވާނެ ކަމަށެވެ.
"އެމްޑީޕީން ކޮށްފައިވާ ޝަކުވާއަކީ ސަރުކާރުގެ ބައެއް އޮފީސްތަކުގައި ވަކި ޕާޓީއަކުން (ޕީޕީއެމް) ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރަމުންދާ ކަމަށް. އަދި ބައެއް ފަރާތްތަކަށް ރީރަޖިސްޓްރީ ކުރުމަށް މަޖުބޫރު ކުރަމުންދާކަމަށް. އަދި އެކަން ކުރަމުންދަނީ ސިވިލް ސާވަންޓުންގެ ބޭނުން ހިފައިގެން ކަމަށް،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރީރަޖިސްޓްރޭޝަނަށް ހުޅުވާލުމުން އަމިއްލަ ފަރާތްތަކުންނާއި ޖަމައާތްތަކުންނާއި ޕާޓީތަކުންނާއި ސޯޝަލް ގްރޫޕުތަކުންވެސް ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ހިތްވަރު ދެއްވާ ކަމެއް ކަމަށެވެ.
އެއްވެސް ފަރާތަކުން ދައުލަތުގެ ވަސީލަތެއް ނަހަމަގޮތުގައި ބޭނުން ކުރަމުންދާ ކަމަށްވާނަމަ އެކަމަކާ ގުޅޭ މުއައްސަސާއަކަށް މައްސަލަ ހުށަހެޅުމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޖަވާބަކީ ސަރުކާރުގެ ވަސީލަތްތައް އެއްވެސް ފަރާތަކުން ނަހަމަ ގޮތުގައި ބޭނުންކުރާނަމަ އެކަމާ ގުޅޭ މުއައްސަސާއަކަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަވާށޭ. ރީރަޖިސްޓްރޭޝަން ނުކުރާށޭ ކިޔާފައި އަޅުގަނޑުމެން ނުއެއް އަންގާނެ،" ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން އެގޮތަށް ކުރަނީ ކޮންކޮން އޮފީހަކުން ކަމެއް ޝަކުވާ ހުށަހެޅިފަރާތުން ބުނެފައި ނުވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނުން ވެސް ގެންދަވަނީ ރީރަޖިސްޓްރޭޝަން ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީން ވެސް ގެންދަނީ ގޭގެއަށް ގޮސް ރީރަޖިސްޓްރީ ކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ.