މޯލްޑިވިސް ބްރޮޑް ކާސްޓިން ކޮމިޝަން (ބްރޮޑް ކޮމް) އާއި މީޑިޔާ ކައުންސިލް އެއްކޮށްލުމަށް ސަރުކާރުން ނިއްމަވާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިހެން ވިދާޅުވީ ދިޓީވީގެ ޚަބަރުތެެރެއިން ޕްރޮގުރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖެ ކަހަލަ ކުޑަ ދައުލަތެއްގައި މީޑިޔާ ރެގިއުލޭޓް ކުރުމަށް ދެ މުވައްސަސާ އެއް އޮންނަންޖެހޭ ކަމަށް ސަރުކާރުން ގަބޫލު ނުކުރާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބްރޮޑް ކާސްޓިން ކޮމިޝަން އާއި މީޑިޔާ ކައުންސިލް އެއްކޮށްލުމަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ކުރަމުންދާ ކަމަށެވެ.
..." އަޅުގަނޑުމެން ގަބޫލު ކުރަނީ, މިހާ ކުޑަ ދައުލަތެއްގައި އަގުހެޔޮ ކޮށް މިކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި, އޮންނަންވާނީ އެއް މުވައްސަސާ ކަމަށް, އެހެންވީމާ އެ ދެމުވައްސަސާ އެއްކޮށްލުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ކުރައްވަމުން އެބަ ގެންދަވާ, އަޅުގަނޑުގެ އުއްމީދަކީ ލަސްތަކެއް ނުވެ އެބިލް މަޖިލީހަށް ހުށައެޅިގެންދިޔުން އޭރުން ދިވެހި ރާއްޖޭގައި އޮންނާނީ (މީޑިޔާ ރެގިއުލޭޓް ކުުރާ) އެއް މުވައްސަސާ..." ހޯމް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ގާނޫނުން މިހާރު އުފައްދާފައިވާ ބްރޮޑް ކާސްޓިން ކޮމިޝަންއާއި މީޑީޔާ ކައުންސިލަށް ވުރެ މީޑިޔާ ރެގިއުލޭޓް ކުރުމަށް މާބޮޑެތި ބާރުތަކެއް ދީފައިނުވާ ކަމަށާއި, މީޑިޔާތަކުން ގާނޫނާއި ޚިލާފުވުމުން އަޅާނެ މާބޮޑު ފިޔަވަޅެއް ވެސް ނެތް ކަމަށެވެ. އަދި އަލަށް ހަދާ މުވައްސަސާގައި މީޑިޔާ ރެގިއުލޭޓް ކުރުމަށް ބާރުތަކެއް ދޭނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
..." މިހާރު ގާނޫނު އޮތް ގޮތުން ނެތް އެކަށީގެންވާ ބާރުވެރިކަމެއް ނެތް މީގެ ތެރެއިން އެއްވެސް ބޮޑީއެއްގަ, ބޮޜްޑް ކާސްޓިން ކޮމިޝަންގައި ވެސް މީޑިޔާ ކައުންސިލްގައި ވެސް ނެތް, ބަސް ނަހާ މީޑިޔާ އަކާއި ދެމެދު އަމަލު ކުރާނެ އެއްވެސް ގޮތެއް އަމަލު ކުރަން އޮތީ ވަރަށް ދިގު މަގެއް ދައްކާފަ, އެދިގު މަގުން ދަތުރުކޮށްފަ ގޮސް ބަސްނާހާ މީޑިޔާ އަކާއި މެދު އަޅަން އޮތީ ވަރަށް ކުޑަ ފިޔަވަޅެއް, އެހެންވީމާ އެކަށީގެންވާ ދަތެއް ނެތް މީގެން އެއްވެސް މުވައްސަސާ އެއްގެ ވެސް, އެހެންވީމާ ދިމާވެގެން އުޅޭ މައްސަލަ އެއްމީ..." އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ މީޑިޔާ ރެގިއުލޭޓް ކުރުމަށް އަލަށް ހަދާ މުވައްސަސާގައި ރައީސް ޔާމިން އައްޔަން ކުރައްވާ ދެ މެމްބަރުންނާއި, މީޑިޔާތަކުން ހަމަޖައްސާ 3 މެމްބަރުން ހިމެނޭނެ ކަމަށެވެ.