އެނބުރޭ ވަހުތާން (7)

(19 ޖުލައި 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ތަރައްޤީއާއި ކާމިޔާބީގެ އެންމެ މަތީ ހަރުފަތަށް އަރައި، ވިސްނާލާނެ ފުރުޞަތެއް ލިބުމާ އެކު ޔޫސުފަށް އަނެއްކާވެސް ހިނާގެ ޚިޔާލު ކުރެވެން ފަށައިފިއެވެ. ހިނާ ހާސިލު ކުރެވޭތޯ އޭނާ ހިސާބަކަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ހިނާ ކުރީ އިންކާރެވެ. ހިނާގެ ޖަވާބު ކުރުވެފައި ސާދާއެވެ. "މާޒީވެ ގޮސްފައިވާ ކަންތައްތައް ހަނދާން ނައްތައިލާ- ޔޫސުފް- އަހަރެން މިއީ މިހާރު މީހެއްގެ އަނތްބެއް-"

އަނެއް ކޮޅުން މަޢާޝީ ގޮތުން ހިތް ހަމަ ޖެހޭ ވަރަށް ކުރިއަށް ދެވުމުން ނަޖްމާ ދެން ވިސްނަން ފެށީ ފަރުޒާނާއާ މެދުގައެވެ. މަތީ ޢާއިލާއެއްގެ މީހަކާ ފަރުޒާނާގެ ކާވެނި ކުރުވުމަކީ ނަޖްމާގެ ހުވަފެނެވެ. އޭނާ މި ކަމަށްޓަކައި ތައްޔާރު ވާން ފެށީ ހަމަ އިހެކޭ އެއްގޮތަށް ފިސާރި ވަރުގަދަ ޔަޤީން ކަމަކާ އެކުގައެވެ. އޭނާ ނޭވާ ވެސް ލީ މަތީ ތަޢްލީމް ހާސިލު ކުރުމަށްޓަކައި ފަރުޒަނާ އެމެރިކާއަށް ފޮނުވާފައެވެ.

މިހާރު ފަރުޒާނާ ކިޔަވައިގެން އެނބުރި އަތުވެއްޖެއެވެ. ނަޖްމާގެ މަޝްރޫޢުގެ ދެވަނަ މަރުޙަލާގެ ތައްޔާރީތައް ފެށިއްޖެއެވެ. މުއްސަނދި، އަދި މަތީ ޢާއިލާއެއްގެ މީހަކު ފެނޭތޯ އޭނާގެ ދުރުމީ ކޮޅުކޮޅުމައްޗަށް އަނބުރަން ފަށައިފިއެވެ. ފަރުޒާނާގެ ކިބައިގައި މިހާރު އެއްވެސް އުނި ކަމެއް ނެތެވެ.

   

ހުކުރު ދުވަހެވެ. ފަރުޒާނާ އިނީ ކްލަބްގެ ފެންޑާގައި ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ. އޭނާގެ އެއް ފަރާތުގައި ތިބީ ޝަބާނާ އާއި އިޤްބާލެވެ. އަނެއް ފަރާތުގައި ސަލްމާއެވެ. ކުރިމަތީގައި ތިބީ ނަވީން އާއި އަޖުމަލެވެ. ދެކެވެމުން ދަނީ ކުޅިވަރުގެ ވާހަކަ އެވެ. މީގެ އިރުކޮޅެއް ކުރިން އިޤްބާލާއި ޝަބާނާ، އަދި ނަވީންއާއި އަޖުމަލާ ހަތަރު މީހުންގެ މެދުގައި މިކްސްޑަބަލްސް މެޗެއް ކުޅެވުނެވެ. ވަރަށް ހިތްވަރާ އެކު ކުޅެ މެޗް ކާމިޔާބު ކުރީ އިޤްބާލާއި ޝަބާނާއެވެ.

ޝަބާނާ އިނީ ވަރަށް އުފަލުންނެވެ. އޭނާގެ ޙަރަކާތްތަކުންވެސް އެކަން އެނގޭހައި ވެއެވެ. އެއްކަލަ ރޭގެ ފަހުން މިއީ އިޤްބާލާއެކު މިހައި ކައިރީގައި އުޅެން ދިމާވީ ފުރަތަމަ ފަހަރެވެ. މިއަދު ހަމަ އެކަނި އިޤްބާލާ އެކު ކުޅެވުނީ އެއް ނޫނެވެ. ގެއަށް ގެންގޮސް ދޭނަމޭވެސް އޭނާ އޮތީ ބުނެފައެވެ. މިހާރު ޝަބާނާ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަނީ އެ ވަގުތަކަށެވެ.

ކުޑަ އިރުކޮޅަކު އެހެން ތިބެފައި ނަވީން ތެދުވެއްޖެ އެވެ. "އަހަރެން ދަނީ- ކަލޭމެން އިމްތިޔާޒުމެންގޭ ޕާރޓީ އަކަށް ނުދަންތަ-؟"

ފަރުޒާނާ ވެސް ތެދުވެއްޖެއެވެ. "އާނ- އަހަރެންވެސް ދަނީ- އަހަރެންގެ ކާރު އޮތީ މަރާމާތު ކުރަން ދީފައި- މި ހިސާބުގަނޑުން ކުލީ ކާރެއް ހޯދުން މާ ފަސޭހަ ކަމަކަށް ނުވާނެ-"

އިޤްބާލް ހަލުވި ކަމާއެކު ފުންމައިގެން ތެދުވެއްޖެ އެވެ. "ހިނގާ- އަހަރެން ގެއަށް ގެން ގޮސް ދީފާނަން-"

ފަރުޒާނާ ޖަވާބެއް ދޭން ޖެހިލުންވިއެވެ. އޭނާ ޝަބާނާއާ ދިމާއަށް ބަލައިލިއެވެ. ޝަބާނާ އިނީ ޓެނިސް ކޯޓާ ދިމާއަށް ސަމާލުކަން ދީގެންނެވެ.

ނަވީން ޝަވްޤުވެރިކަމާ އެކު އެކި މީހުންނަށް ވަކި ވަކިން ނަޒަރު ހިންގައިލިއެވެ.

"އެއީ ރަނގަޅު ގޮތެއް- ފަރުޒާނާ- ހުކުރު ދުވަހު ކުލީ ކާރު ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް-" ސަލްމާ ބުނެލިއެވެ.

"އެންމެ ރަނގަޅު- އަހަރެން އަންނާނަން އެތެރެއަށް ގޮސް ދަބަސް ހިފައިގެން-"

ޝަބާނާ އެއްވެސް ޙަރަކާތެއް ނެތިފައި އިނެވެ. މޫނު މަތީން ތަފާތު އެއްވެސް ކުލައެއް ފެންނާކަށް ނެތެވެ. "ހިނގާ ޝަބާނާ- އަހަރެން ކަލޭވެސް ގެއަށް ލައިދޭނަން-" އިޤްބާލް ބުންޏެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ- އަޅުގަނޑު އަދި ގެއަށް ދާ ހިތެއް ނުވޭ-" ޝަބާނާ އޭނާ އާ ދިމާއަށް ބަލައިވެސް ނުލާ ޖަވާބު ދިނެވެ.

އިޤްބާލް ކުޑަކޮށް ޙައިރާން ވިއެވެ. "ވިސްނާލާ- އިމްތިޔާޒުމެންގޭ ޕާރޓީ އަށް ދެވޭނީ މިހާރު ގެއަށް ދިޔައިއްޔާ-"

މި ފަހަރު ޝަބާނާ ގެ އަޑު ވަނީ ހަރުކަށި ވެފައެވެ. "އަޅުގަނޑާ ދޭތެރޭ ވިސްނަވާނެ ކަމެއް ނެތް- އަޅުގަނޑު ހިނގައިދާނަން-"

"އެންމެ ރަނގަޅު- ފަހުން ބައްދަލު ކުރާނީ- އަށްގަޑި ބައިގައި-"

އެ ވަގުތު ފަރުޒާނާ ދަބަސް ހިފައިގެން އެނބުރި އަތުވެއްޖެއެވެ. އިޤްބާލްވެސް ފަރުޒާނާ އަށް ސަމާލުކަން ދީފި އެވެ.

"ކިހިނެއްވީ-؟ ޝަބާނާ ނުދަނީތަ-؟" ފަރުޒާނާ އަހައިލިއެވެ.

"އޭނާ އަދި ދާކަށް ނުވޭ-" އިޤްބާލް ފަރުޒާނާގެ ދަބަސް އަތުލަމުން ބުނެލިއެވެ.

ކާރުގައި އިށީނުމަށް ފަހު އިޤްބާލް ފަރުޒާނާއާ ދިމާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. އަދި ހިތާހިތުން ޝަބާނާއާއި ނަވީންއާއި ފަރުޒާނާއާ އަޅައިބަލަން ފެށިއެވެ. ނަވީން ވަރަށް ގިނައިން އޭނާ އަށް ފުރުޞަތު ދެއެވެ. ނަވީންއަކީ މުޅީން އެހެން ވައްތަރެއްގެ ކުއްޖެއްކަން އޭނާ އަށް އެނގެއެވެ. މިނިވަން ޚިޔާލެއްގެ ތަހުޒީބު ކުއްޖެކެވެ. ޝަބާނާ ފަރުޒާނާ އަށްވުރެ ރީއްޗެވެ. އެހެން ނަމަވެސް ފަރުޒާނާ އާ މުޅީން ތަފާތެވެ. ފަރުޒާނާ އަކީ ޝަބާނާއާއި، ނަވީން ކަހަލަ ކުއްޖެއް ނޫނެވެ. ގޮތް ހުރި ހަރުދަނާ ކުއްޖެކެވެ. އޭނާއާ ދިމާއަށް އަތް ދިތް ކުރަން ޖެހިލުންވާ ކަހަލަ ކުއްޖެކެވެ. ޝަބާނާގެ ގައިގައި އަތް ލާއިރު އެއްވެސް ބިރެއް ނުގަނެއެވެ. އަދި އޭނާގެ ދެކޮޅު ހެދުމަކުން ދެރައެއް ވެސް ނުވެއެވެ.

ދަތުރު މަތީގައި އިޤްބާލް ފަރުޒާނާ ކުރެން އަހައިލިއެވެ. "ޕާރޓީއަށް ދާނީ ކިހިނެއް-؟"

"މަންމަގެ ކާރު އަތުލާނީ-"

"އަހަރެން އަތުވެދާނަން ބަލާ- އެންމެ ރަނގަޅުތަ-؟"

"ނޫނޭ- އެހައި ބޮޑު ބުރައެއް އުފުލާނެ ކަމެއް ނެތް- އިޤްބާލާ އެކީ ޝަބާނާވެސް އަންނާނެއެއްނު-؟"

އިޤްބާލް އަވަސް އަވަހަށް ބުނެލިއެވެ. "އަހަރެން އޭނާ ގޮވައިގެން ތަންތަނަށް ދަނީ އޭނާގެ އަތުގައި ކާރެއް ނޯންނާތީ- އެއީ ނަވީންއާ ހެދި އަހަރެންނަށް ޖެހުނު އުނދަގުލެއް- ފުރަތަމަ ދާނީ ތިޔަ ގެއަށް- ދެން ދެ މީހުން އެކީގައި ޝަބާނާ ބަލައި ދާނީ-"

އިޤްބާލަށް ޝަބާނާއަކީ އެއްވެސް އަގެއްނެތް "އެއްޗަކަށް" ވެއްޖެއެވެ. ފަރުޒާނާގެ ކައިރީގައި ހުރެވުމުން އެކަމުގެ މަސްތުގައި އުދެހެވެނީ ކަމުގައި އޭނާއަށް އިޙްސާސް ކުރެވެން ފަށައިފިއެވެ. މާ ގިނަ އިރުތަކެއް ނުވެ ގޮސް ފަރުޒާނާގެ ގޭގެ ދޮރާށި ދޮށަށް ކާރު މަޑުކޮށްލައިފިއެވެ. "އަހަރެން އަށެއް ޖަހާ އިރު އަންނަންތަ-؟"

"ހަތްގަޑި ބައިގައި އާދޭ- މި ގެއިން ސައި ބޯން ވާނެ-"

"އެންމެ ރަނގަޅު-" އިޤްބާލް ބުނެލިއެވެ. ފަރުޒާނާ އެތެރެއަށް ވަދެގެން ގޮސް ގެއްލެން ދެން އޭނާ ބަލަން އިނެވެ.

   

ނަޖްމާ މަލިކު އިނީ ކޮޓަރީގެ ކުޑަދޮރުން މި މަންޒަރު ބަލާށެވެ. "ވަރަށް ރީތި ޒުވާނެއް-" އޭނާ ބުނެލިއެވެ. "އެއީ ކޮން ކުއްޖެއް-؟"

ޔޫސްފް ސުއްޓާ ދަމައިލާފައި ބުނެލިއެވެ. "ޙައިރާން ވާ ވަރުގެ ކަމެއް- ކަލޭ އިޤްބާލް އަޙުމަދު ވެސް ނުދަންނަމުތަ-؟"

"އާނ- ހަނދާން ވެއްޖެ- އިޤްބާލް އަޙުމަދު- އެއްދުވަހަކު ގޮލްފް ކްލަބުން އޭނާ ފެނުނު-" އެ ވަގުތު ފަރުޒާނާ އައިސް ކޮޓަރި ތެރެއަށް ވަދެއްޖެ އެވެ. "ފަރުޒާނާ- ކަލޭ ވަރަށް ކުރީއްސުރެ އިޤްބާލް ދަންނަންތަ-؟"

"ނޫން- ފުރަތަމަ ބައްދަލުވީ ކްލަބުން-" ފަރުޒާނާ ޖަވާބު ދިނެވެ.

"ވަރަށް ރީތި ކާރެއް- ހީވަނީ ވަރަށް ފަހުގެ މޮޑެލެއްހެން-" ނަޖްމާ ބުންޏެވެ.

"މަންމަ އަމިއްލަ އަށް އޮޅުން ފިލުވައިލާ- އިމްތިޔާޒުމެންގޭ ޕާރޓީއަށް ދާން އަޅުގަނޑު ބަލާ ހަތްގަޑި ބައިގައި އޭނާ އަންނާނެ-"

"ގުޑް-" ނަޖްމާ އަމިއްލަ ނަފްސާ މުޚާތަބު ކުރި އެވެ. ފަރުޒާނާ ދިޔަ ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

"ކަލޭގެ ތިޔަ އާދަ ފިލާނީ ކޮން ދުވަހަކުން-؟ ގައިގާ ނެތްހައި ބާރަށް ދުވަން މަސައްކަތް ނުކުރޭ-" މަލިކު އަނެއް ސުއްޓާ ރޯ ކޮށްލަމުން ބުނެލި އެވެ. "އަދި ކިރިޔާ ފަރުޒާނާ އާއި އިޤްބާލާ ދެ މީހުން ބައްދަލުވީ-"

"ހެޔޮ- އަހަރެންނަށް އެނގޭ ވަރަކީ އަހަރެންގެ ފަރުޒާނާ އަށް އިޤްބާލް ވަރުގެ ކުއްޖެއް ނެތް ކަން- އޭނާގެ ކުންފުނި މިހާރު ކިހިނެއްތަ-؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.