އިންޑިޔާއަކީ ދިވެހިރާއްޖޭގެ އެންމެ މުހިންމު ބައިވެރިޔާ - ރައީސް ޔާމީން

75530_c48ca825-6_

 

އިންޑިޔާއަކީ ދިވެހިރާއްޖޭގެ އެންމެ މުހިންމު ބައިވެރިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމަނިކުފާނާ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައިވެރިވެވަޑައިގެންނެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޚާއްޞަ ޕްރެސް ކޮންފަރެންސް ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އިންޑިޔާގެ ބޮޑު ވަޒީރު ވަކިން ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައެވެ.

މި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާގެ ކެރެލާގައި ހުންނަ ފައްޅިއެއްގައި، ހިންދޫމީހުންގެ އާ އަހަރު ފާހަގަކުރަމުންދަނިކޮށް ހިނގި އަލިފާނުގެ ޙާދިޘާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އިންޑިޔާގެ ބޮޑުވަޒީރަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ރައިސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނާއެކު މި ރަސްމީ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް އިންޑިޔާގެ ސަރުކާރުގެ ފަރާތުންނާ އިންޑިޔާގެ ރައްޔިތުންގެ ފަރާތުން ދެއްވި ހޫނު މަރުޙަބާ އަށާއި އަދާކުރެއްވި މެހެމާންދާރީއަށް އެމަނިކުފާނު ޝުކުރު ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ މެދުގައިވާ ގުޅުން ބިނާވެފައިވަނީ ދެ ޤައުމުގެ މަދަނިއްޔަތުގެ އަސްލަށާ ޘަޤާފީ އަދި ބަހުގެ އެއްގޮތް ކަމަށާ ޒަމާންވީ ތަރިކަތައް ކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ގުޅުމަށް އިޝާރާތް ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ރައްކާތެރިކަން ގުޅިފައިވަނީ އިންޑިޔާގެ ރައްކާތެރިކަމާއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނާ އިންޑިޔާގެ ބޮޑުވަޒީރާ، ދެ ޤައުމަށް ދިމާވެފައިވާ އަސްކަރީގޮތުން ހައްދުފަހަނައެޅުމާ، ޞަރަޙައްދީ ހިސާބުގައި ހިނގާ ޓެރަރިޒަމްގެ ޢަމަލުތަކާ މި ނޫންވެސް ދެ ޤައުމުގެ ސަލާމަތަށް ނުރައްކާތެރިކަން ކުރިމަތިކުރުވާ ފަދަ ކަންތައްތަކާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތައް ފުޅާ ކުރެއްވުމާމެދު މަޝްވަރާ ކުރެއްވެވި ކަމަށެވެ.

އިންޑިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ޑިމޮކްރަސީ އަލަށް އުފެދިގެން އަންނަ ޤައުމު ތަކުން އިންޑިޔާގެ ތަޖުރިބާއިން ފިލާވަޅު ލިބިގަންނަން ޖެހޭކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އިންޑިޔާގެ ބޮޑުވަޒީރުގެ ފަރާތުން، ދިވެހިރާއްޖޭގެ ވެރިކަމާ ޑިމޮކްރަސީ ވަރުގަދަ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ލައްވާފައެވެ.

މި ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ކަމަކީ އިޤްތިޞާދީ ތަރައްޤީކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދާއިރާއިން ދިވެހިރާއްޖެ ކުރިއެރުވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން އިންޑިޔާއަށް ލިބިފައިވާކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އިންޑިޔާ ސަރުކާރުގެ ދަޢުވަތަކަށް، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކައިރި މުސްތަޤްބަލެއްގައި ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު ދެއްވަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއާއި، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް އަޙްމަދު މުޙަންމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.