އިންޑިޔާއާ ދިވެހިރާއްޖެއާ ދެމެދު އެއްބަސްވުން ތަކުގައި ސޮއިކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ރައީސް ޢަބްދުﷲ ޔާމީން
އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ރައީސް ޢަބްދުﷲ ޔާމީން
އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ރައީސް ޢަބްދުﷲ ޔާމީން

އިންޑިޔާ ސަރުކާރާ ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުން ތަކެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ދެ ސަރުކާރުގެ މެދުގައި ސޮއިކުރެވިފައިވާ 6 އެއްބަސްވުމެއް ބަދަލުކުރެވުނެވެ. މިގޮތުން، އިންޑިޔާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އިންޑިޔާ ސަރުކާރުގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރެވެ. ދިވެހިރާއްޖޭގެ ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް އަޙްމަދު މުޙައްމަދެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެމެދުގައި ބޭއްވުނު މަޝްވަރާގެ ބައްދަލުކުރެއްވުމަށް ފަހުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އިންޑިޔާގެ ބޮޑު ވަޒީރުގެ ގެކޮޅު ކަމުގައިވާ ހައިދަރުއާބާދު ހައުސްގައެވެ.

މިއަދު ސޮއިކުރެއްވުނު އެއްބަސްވުންތައް ތިރީގައި މިދަންނަވަނީއެވެ.
1. ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ނިޒާމުން ލިބޭ ޑަބަލް ޓެކްސޭޝަނާ ދުރުހެލިވުމަށްޓަކައި އިންޑިޔާ ސަރުކާރާ ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުން.
2. ޓެކުހުގެ މަޢުލޫމާތު ފޯރުކޮށްދިނުމާބެހޭގޮތުން އިންޑިޔާ ސަރުކާރާ ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުން.
3. ދިވެހިރާއްޖޭގެ މިސްކިތްތައް ހިމާޔަތް ކޮށް މަރާމާތު ކުރުމާ ދިވެހިރާއްޖޭގައި ރިސާޗު އަދި ސާވޭ ހެދުމާ ބެހޭގޮތުން ވެވޭ އެއްބަސްވުން.
4. ދެކުނު އޭޝިޔާ ސެޓެލައިޓުގެ އޯބިޓް ފުރިކުއަންސީ ކޯޑިނޭޝަންއާ ބެހޭގޮތުން ދެ ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުން.
5. ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުން އިންޑިޔާ ސަރުކާރާ ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުން.
6. ޑިފެންސްގެ އެކްޝަން ޕްލޭނާ ބެހޭގޮތުން އިންޑިޔާ ސަރުކާރާ ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުން.

ދެ ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާއާ އިންޑިޔާގެ ބޮޑު ވަޒީރު ވަނީ ޕްރެސް ސްޓޭޓްމަންޓެއް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއާއި، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް އަޙްމަދު މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.