އިންސާފުވެރި އިންތިޚާބެއް ބާއްވަން އިދިކޮޅުން ބޭނުންނުވޭ: ތާރިގު

ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވަން ސަރުކާރުން ހުރަސް އަޅާ ކަމަށް އިދިކޮޅުން ބުނަމުންދާ ކަމަށާއި އެކަމަކު އެކަމަށް ހުރަސް އަޅަނީ އިދިކޮޅުން ކަމަށް ތިމާވެއްޓާބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދިއްދޫގައި މިހާރު ކުރިއަށްދާ ޖަލްސާގައިވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތާރިގު ވިދާޅުވީ ރާއްޖޭގައި އންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ބޭރުގެ ގައުތަކަށް ގޮސް އިންތިޚާބަށް ހުރަސް އަޅަން ވާހަކަދައްކަމުން ގެންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިހާރުވެސް ގެންދަވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވަމުން ކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން އިދިކޮޅު ފަރާތްތަކަށް މަޝްވަރާއަށް އެތައްފަހަރަކު ދައުވަތު ދެއްވުމުން ވެސް އެމީހުން އެކަން ގާބޫލުނުކުރީވެސް އިންތިޚާނަށް ހުރަސް އެޅުމަށް ކަމަށް ތުހުމަތު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މަޝްވަރާ ކޮށްގެން ކަންކަން ހައްލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންނަމަވެސް އިދިކޮޅުން ބުނަމުން ގެންދަނީ މަޝްވަރާ ކުރުމުގެ މާހައުލެއްނެތް ކަމަށް އިދިކޮޅު ކެންޑިޑޭޓް ވަނީ ވިދާޅުވެފައެވެ.

އެގޮތަށް އެވަނީ އެމްޑީޕިއަށް ތާއީދުނެތްކަން އެޕާޓީއަށް އެނގޭތީ ކަމަށް ވެސް ތާރިގު ވިދާޅުވިއެވެ. "އެމްޑީޕީއަށް ތާއީދެއްނެތްކަން މިރަށުން މިއަދު ވެސް އެނގިގެންދިޔަ. އެކަން އެމްޑީޕީއަށް ޝޮކަކަށްވާނެ،" މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ޔޫރަޕާއި އެތަން މިތަނުގައި އަތްފުނާ އަޅައިގެން ވެސް ބޭނުންވި ކަމެއް ނުކުރެވުނު ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރައްވަނީ ލަދުން ސަލާމަތްވާން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ނެރެފައިވާ ރިޔާސީ ކެންޑިޑޭޓުންނަކީ ހިންގުމުގެ ކެންޑިޑޭޓުންނަކީ ހިންގުމުގެ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅުން ކަމަށެވެ. ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހަކީ ފަރުނީޗަރު ވިޔަފާރި ކުރައްވާ ބޭފުޅެއް ކަމަށާއި ރަނިންމޭޓަކީ ރިސޯޓުތަކުގެ ތަފާތު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން އެބޭފުޅުން ފަހަތަށް ދޫކޮށްލާފައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި 85 އިންސައްތައިން ރައީސް ޔާމީން އިންތިޚާބު ކުރުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ. އެމަންޒަރު މިހާރުވެސް އެބަ ފެންނަ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އީޔޫ އިން ބުނަމުން ގެންދަނީ އިސްލާމް ދީން ނޫން އެހެންދީން ތަކަށް ރާއްޖެއިން ފުރުސަތު ދޭންޖެހޭ ކަމަށެވެ. އެކަމަކު އެއީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއްނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއްޖިންސުން ކައިވެނި ކުރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް ވެސް އެފަރާތްތަކުން ގޮވާލަމުންދާ ކަމަށް ވިދާޅުވިއެވެ. އެއީ އެމްޑީޕީގެ މަތީފަންތީގެ މީހުން ބޭނުންވާ ގޮތަ ކަމަށާއި އެކަން ބޭރުގައި ކުރުމަށް އެމީހުންނަށް ދޫކޮށްލާފައި ރައީސް ޔާމީނާއެކު ތަރައްގީގައި ކުރިއަށް ދިޔުމަށް މިނިސްޓަރ ގޮވައިލެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.