އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމާ ގައުމުގެ ހުންގާނު ހަވާލުކޮށްފި ކަމަށްވާނަމަ ގައުމު ބޮޑު އަނދަވަޅަކަށް ވެއްޓިދާނެ ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އިބްރާހީމް ތާރިގު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ހދ. ނޮޅިވަރަމް ގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފެއްޓެވުމަށްޓަކައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ އެދެ ބޭފުޅުންނަކީވެސް ހިންގުމުގެ ދާއިރާގައި އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅުންނެއް ނޫން ކަމަށެވެ. އިބޫ އަކީ ކޮންމެވެސް ވަރަކަށް ފަރުނީޗަރު ވިޔަފާރި ކުރެއްވުމުގައި އުޅުއްވާ ބޭފުޅެއް ކަމަށާއި ފައިސަލް ނަސީމަކީ ރިސޯޓުތަކުގެ ބައެއްކަހަލަ ވަޒީތައް އަދާކުރެއްވި ބޭފުޅެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެބޭފުޅުންނަކީ ހިންގުމުގެ ދާއިރާއިން އެއްވެސް ކަހަލަ ތަޖުރިބާއެއް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެއްނޫން. އެއް ބޭފުޅަކީ ކޮންމެވެސް ވަރަކަށް ފަރުނީޗަރު ވިޔަފާރި ކުރައްވާ ބޭފުޅެއް. އަނެއް ބޭފުޅަކީ ރިސޯޓުތަކުގައި ބައެއް ކަލަހަ މަސައްކަތް ކުރައްވާ ބޭފުޅެއް،" މިނިސްޓަރ ވިދާޅުވިއެވެ.
މިފަދަ ބޭފުޅުންނާ ގައުމު ހަވާލު ކޮށްފި ކަމަށްވާނަމަ ކުރިން ވެއްޓިފައިވާ އަނދަވަޅަށްވުރެ ބޮޑު އަނދަވަޅަކަށް މި ގައުމު ވެއްޓިދާނެ ކަމަށްވެސް މިނިސްޓަރ ތާރިގު ވިދާޅުވިއެވެ.
އެބޭފުޅުންނަކީ ރައީސް ނަޝީދުގެ ރޮބަޓްތަކެއް ކަމަށާއި ވެރިކަން ލިބިވަޑައިގެންފިނަމަ ވެރިކަން ކުރައްވާނީ ރައީސް ނަޝީދު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންވީމާ އެބޭފުޅުންނަށް ވެރިކަންދީގެން ކަންކަންދާނީ ގޯހުން ގޯހަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިފަދަ ބޭފުޅުން ކެންޕޭނަށް އައުމުން އެބޭފުޅުންނަށް އާނ ބަސް ނުބުނުމަށް ވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އެބޭފުޅުން ވަޑައިގަންނަވަނީ ރައީސް ނަޝީދުގެ ފިކުރުގައި ކަމަށާއި އެ ފިކުރަކީ ޖެއްސުން ކުރުމާއި ލާދީނީ ފިކުރު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.