ކަލޭގެ ޕާޓީއާއި މަގޭ ޕާޓީގެ ތަފާތު މިހާރު ވިސްނިއްޖެއެވެ.
ކަލޭގެ ޕާޓީން ވޯޓަކާ ނުލައި ކަމެއް ނިންމައިފިއްޔާ އެއީ ރައްޔިތުންގެ ވިސްނުމާ ޚިލާފު ކަމެކެވެ.
މަގޭ ޕާޓީ އެކަހަލަ ކަމެއް ކޮށްފިއްޔާ އެއީ ރައްޔިތުންގެ ވިސްނުމާ އެއް ގޮތަށް ޕާޓީން ކުރި ކަމެކެވެ.
ކަލޭގެ ޕާޓީން ރިޔާސީ ޕްރައިމަރީ ނުބޭއްވުމަކީ ނުހޮވިދާނެތީ ބިރުން ކުރި ފިނޑި ކަމެކެވެ.
މަގޭ ޕާޓީން އެކަހަލަ ކަމެއް ކޮށްފިއްޔާ އެއީ ގަވާއިދާ އެއްގޮތަށް ކުރި ޑިމޮކްރެޓިކް ކަމެކެވެ.
ކަލޭގެ ޕާޓީގެ ތެރެއިން މީހަކު ޕާޓީގެ ޚިޔާލާ ދުރު ވާހަކައެއް ދައްކައިފިއްޔާ އެއީ ޕާޓީ ދެފަޅި ވީއެވެ.
މަގޭ ޕާޓީގެ މީހަކު އެކަހަލަަ ކަމެއް ކޮށްފިއްޔާ އެއީ ޕާޓީގެ ތެރޭގައި އެކި ވިސްނުމަށް ޖާގަ އޮތް މިންވަރު ހާމަވާ ކަމެކެވެ.
ކަލޭގެ ޕާޓީން މީހަކު ވަކި ވެއްޖެ ނަމަ އެއީ ޕާޓީގެ ޚުދުމުޚްތާރުކަމުން ކެތް ނުކުރެވިގެން ވަކިވީ މީހެކެވެ.
މަގޭ ޕާޓީން މީހަކު ވަކިވެއްޖެ ނަމަ އެއީ ޑިމޮކްރަސީއަށް ތާއީދު ނުކުރާ ބޯދާ ވިސްނުމުގެ ޣައްދާރެކެވެ.
ކަލޭގެ ޕާޓީގައި ހުންނަ މީހަކު ދީނީ ވާހަކައެއް ދައްކައިފިނަމަ އެއީ ފޭކު ސެޓުފިކެޓު ގެންގުޅޭ ފުޅަކާ ދަންނަބޭކަލެކެވެ.
މަގޭ ޕާޓީގެ ޢިލްމުވެރިޔަކު އެފަދަ ވާހަކައެއް ދައްކައިފިނަމަ އެއީ ސީދާ ދީނުގައި އޮތް ގޮތަށް ދެއްކި ވާހަކައެކެވެ.
ކަލޭގެ ޕާޓީގައި ކޮތަޅާއި ފޮށިފޮށީގައި ގޭގެއަށް ހިނގައިގެން ވޯޓު ލައިފި ނަމަ އެއީ ސައްހަ ކަމަކަށް ނުވާނެއެވެ.
މަގޭ ޕާޓީން އެކަހަލަ ކަމެއް ކޮށްފިނަމަ އެއީ ބުއްދިވެރިކަމާއި، ހެއު ވިސްނުމުގެ އަލާމާތެކެވެ.
ކަލޭގެ ޕާޓީން މަގޭ ޕާޓީން ކަމެއް ކުރި ގޮތުގެ ވާހަކަ ދައްކައިފިއްޔާ އެއީ މަގޭ ޕާޓީގެ މަގުބޫލުކަން ބޮޑު ކަމުން ކެތް ނުކުރެވިގެން ދެއްކި ފިނޑި ވާހަކައެކެވެ.
މަގޭ ޕާޓީން އެކަހަލަ ވާހަކައެއް ދައްކައިފި ނަމަ އެއީ ރާއްޖޭގެ ސަލާމަތަށްޓަކައި ދެއްކި މޮޅު ވާހަކައެކެވެ.
ކަލޭގެ ޕާޓީގެ ލީޑަރު ކިތަންމެ މޮޅު ވާހަކައެއް ދެއްކިޔަސް އެއީ މޮޔަ ވާހަކައެކެވެ.
މަގޭ ޕާޓީގެ ލީޑަރު ދައްކާ މޮޔަ ވާހަކަވެސް އެއީ ރަނުން ކަނޑައި ނަގަން ޖެހޭ ވަރުގެ މޮޅު ވާހަކައެވެ.
ކަލޭގެ ޕާޓީގެ ލީޑަރަކީ ވަގެކެވެ. މޮޔައެކެވެ. ބީތާއެކެވެ. ޚިޔާނާތްތެރިއެކެވެ. އަނިޔާވެރިއެކެވެ. ކިބުރުވެރިއެކެވެ.
މަގޭ ޕާޓީގެ ލީޑަރަކީ ތެދުވެރިއެކެވެ. އަމާނާތްތެރިއެކެވެ. މުސްލިހެކެވެ. އަދުލުވެރިއެކެވެ. ހިތްތިރިކަމުގެ ނަމޫނާއެކެވެ. ދުވަހަކުވެސް ކުޑަވެސް ކުށެއް ނުކުރާ މައުސޫމު މީހެކެވެ.
ކަލޭގެ ޕާޓީއާ ކިތަންމެ ރަނގަޅު މީހަކު ގުޅުނަސް އެމީހާ އެހައިތަނުން ނުދިންނަވާނޭ ވަރުގެ ނުބައި މީހަކަށް ވީއެވެ.
މަގޭ ޕާޓީއާ ކިތަންމެ ނުބައި މީހަކު ގުޅުނަސް އެހައިތަނުން އެމީހަކު ހައްޖުވުމެކޭ އެއްފަދަ ވީއެވެ. ހުރިހައި ނުބައި ކަމެއް ފޮހެވި ހުދު ފޮތިކޮޅަކަށް ވީއެވެ.