އިސްރާއީލު ސަރުކާރުން ތަޅާލަން މަސައްކަތްކުރާ އަވަށެއް ތަަޅާލުން ހުއްޓާލުމުގެ ވަގުތީ އަމުރެއް އިސްރާއީލުގެ ސުޕްރީމް ކޯޓުން ނެރެފިއެވެ. ކޯޓުން އަމުރު ނެރެފައި ވަނީ ޤުދްސުގެ އިރުމަތީގައި އޮންނަ ބަދަވީންގެ އަވަށެއް ކަމުގައިވާ ޚާނުލްއަޙްމަރު ތަަޅާލުން ހުއްޓާލުމަށެވެ.
އެއަވަށުގެ އިމާރާތްތައް ތަޅާލައި އަވަށް ސާފުކުރުމުގެ މަސައްކަތް ފަށަން އުޅުމުން ގިނަ އަދަދެއްގެ ނޫސްވެރިންނާ، އެއަވަށުގެ ބަދަވީންނަށް ތާއީދުކުރާ މީހުން ވަނީ އެއަވަށަށް އެއްވެ އެކަމަށް ހުރަސްއެޅުމުގެ ގޮތުން އިހުތިޖާޖުކުރަން ފަށާފައެވެ. އިހުތިޖާޖުކުރަން ތިބި މީހުންނާ ވާހަކަ ދައްކަމުމް ފަލަސްޠީނުގެ އެންޖީއޯ 'ސްޓޮޕް ދަ ވޯލް' ގެ ރައީސު ވަލީދު އަލްޢައްސާފު ބުނީ އޭނާގެ އެންޖީއޯގެ ފަރާތުން އިސްރާއީލުގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެއަވަށް ތަޅާލުމުގެ މަަސައްކަތް މި މަހުގެ 11 އާއި ހަމައަށް ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެދީފައިވާ ކަމުގައެވެ.
އިސްރާއީލު އަސްކަރިއްޔާގެ ބުލްޑޯޒަރުތަކާއި، ލޯޑަރުތަކާއި، ލޮރީތައް ޚާނުލް އަޙްމަރަށް ވަދެެ އެއަވަށް ތަޅާލުމުގެ މަސައްކަތް ފަށަން އުޅުނީ ފާއިތުވި ބުދަދުވަހުއެވެ. އެހެންނަމަވެސް އެއަވަށުގެ ބަދަވީ ޢާއިލާތަކާ އެމީހުންނަށް ތާއީދުކުރާ މީހުން ވަނީ އިސްރާލު ސިފައިނަށް ހުރަސްއަޅައި އެކަމާ ދެކޮޅަށް އިހުތިޖާޖު ފަށާފައެވެ.
އެއަވަށުގެ މީހުންނާ އެކުގައި ތިބިކަން ހާމަކުރުމުގެ ގޮތުން އެއަވަށް ބުރާސްފަތި ދުވަހު ދާން އުޅުނު ޔޫރަޕްގެ ޑިޕްލޮމޭޓުންނަަށް އިސްރާއީލު ސިފައިން ވަނީ ހުރަސްއަޅާފައެވެ. އިސްރާއީލު ސިފައިން އެންގީ އެއީ ބަންދުކުރެވިފައިވާ އަސްކަރީ ސަރަހައްދެއް ކަމުގައެވެ. އޭއެފްޕީން ބުނި ގޮތުގައި އެއަވަށް ވަންނަން މަސައްކަތްކުރި ޔޫރަޕްގެ ޑިޕްލޮމޭޓުންނަކީ ފްރާންސާއި، ސުވިޑަނާއި، ބެލްޖިއަމާއި، އިޓަލީއާއި، އަޔަލޭންޑާއި، ފިންލެންޑާއި، ސްޕޭނުގެ ކޮންސުލްނާއި، ޔޫރަޕިއަން ޔުނިއަންގެ މަންދޫބެެވެ.
ޚާނުލް އަޙްމަރުގައި ފަލަސްޠީނުގެ ބަދަވީ ޤަބީލާއެއް ކަމުގައިވާ ޖަހާލީންގެ 40 އާއިލާ ދިރިއުޅެމުން ދެއެވެ. އެމީހުން އެއަވަށުގައި ދިރިއުޅެން ފެށީ ނަގަބު ސަހަރާގައި އެމީހުން ދިރިއުޅެމުން ދިޔަ އެމީހުންގެ އަސްލު ވަޒަނުން 1951 ވަނަ އަަަހަރު އިސްރާއީލު ސިފައިން އެމީހުން ބޭރުކޮޮށްލުމުންނެވެ.