ސަރުކާރުން މަސައްކަތްކުރައްވަނީ އެއްވެސްބަޔަކު ބާކީނުކޮށް ތަރައްގީ ގެންނަން: ރައީސް

މި ސަރުކާރުން މަސައްކަތްކުރަނީ އެއްވެސް ބަޔަކު ބާކީނުކޮށް، މުޅި ރާއްޖެއަށް އަންނަ ތަރައްޤީގައި އެންމެންވެސް ހިމެނޭ ގޮތަށް ތަރައްޤީ ގެނައުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާލެއަތޮޅު ތުލުސްދޫގެ ބަނދަރު ހުޅުއްވައިދެއްވުމަށް މިއަދު ހެނދުނު ތުލުސްދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކަންކަން ނިންމުމުގައި ޒުވާނުންނަކީ މުހިންމު ބައެއް ކަމަށެވެ. ރާއްޖޭގެ ހާލަތު ބަދަލުވެ ރާއްޖެއަށް އަންނަމުންދާ ތަރައްޤީއަކީ ގަދައަޅާ މަސައްކަތްކުރުމުގެ ނަތީޖާކަން ޒުވާނުންނަށް އެނގެންޖެހޭ ކަމަށާއި، މިކަމުން އިބްރަތް ހާޞިލްކުރުމަށް ޒުވާނުންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ދިވެހިންގެ އުންމީދުތައް އާވެފައިވަނީ ފާއިތުވެދިޔަ 4 އަހަރުގެ ކުރު މުއްދަތުގެ ތެރޭގައި މީގެ ކުރިން ނުވެފައި ހުރި އެތައް ކަމެއް މި ސަރުކާރުން ކޮށްދީފައިވާކަން ރައްޔިތުންނަށް ޤަބޫލުކުރެވޭތީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ކުރިޔަށް އޮތްތާގައިވެސް ރައްޔިތުންނަށް ބޭނުންވެފައިހުރި ހުރިހާކަމެއް ކޮށްދެއްވޭތޯ ގަދައަޅާ މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ނިސްބަތްވަނީ ހަމައެކަނި ވަކި ޞަރަޙައްދަކަށް ނޫންކަމަށާއި ހުރިހާ ރައްޔިތުންވެސް ވަކިވަކި ފަރުދުންގެ މަސްލަހަތަށްވުރެ ޤައުމުގެ މަސްލަހަތު އިސްކޮށް، ހަމަޖެހުމަށް ލޯބިކޮށްގެން ކުރިޔަށް ދިޔުމުގެ ރޫޙާއި އެކީ މަސައްކަތްކުރުމަށް އިސްކަންދިނުމަށް ރައީސް ގޮވައިލެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.