އުމަރު ނަސީރު ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވައި ކެންޕޭން ފެއްޓުމުން ތަފާތު އަޑުތައް އިވެން ފެށިއެވެ.
ބައެއް މީހުން ބުނަމުންދަނީ އުމަރަކީ ރައީސް ޔާމީނަށް ތާއިދު ކުރައްވާ އެމަނިކުފާނުގެ ސަޕޯޓަރެއް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އުމަރަކީ ގާސިމް އިބްރާހީމަށް ތާއިދު ކުރައްވާ ގާސިމް ގެ މީހެއް ކަމަށެވެ.
މިހުރިހާ ތުހުމަތުތަކަށް އުމަރު ދެކޮޅު ހައްދަވައެވެ. "ބައެއް މީހުން ބުނޭ އަހަންނަކީ ޔާމީންގެ މީހެކޭ އަނެއްބައި މީހުން ބުނޭ ގާސިމްގެ މީހެކޭ. އަހަންނަކީ އެއިން އެއްވެސް ބޭފުޅެއްގެ މީހެއްނޫން. މަށަކީމަ،" އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސިޔާސީ އެއްވެސް ބޭފުޅެއްގެ ހިޔަނީގައި (އެގޮތަށް) އުޅުއްވަން ބޭނުންފުޅުނުވާ ކަމަށެވެ. އަބަދުވެސް އުޅުއްވަން ބޭނުންފުޅުވަނީ މިނިވަން ވިސްނުމެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.
"ގުޅިގެން މަސައްކަތް ކުރެއްވުމާއި ވަކި ބޭފުޅެއްގެ މީހަކަށް ވެގެން އެބޭފުޅެއްގެ ހިޔަނީގައި އުޅުމާ ވަރަށް ތަފާތު،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އޭނާއަކީ ރައީސް ޔާމީންގެ މީހެއްނަމަ އަދިވެސް ހުންނަވާނީ އެމަނިކުފާނުގެ ކެބިނެޓް މެންބަރެއްގެ ގޮތުގައި ކަމަށެވެ. އޭނާއަކީ ގާސިމް އިބްރާހީމްގެ މީހެއްނަމަ އަދިވެސް ހުންނަވާނީ ޖޭޕީގައި ގާސިމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
"މަމީ ޔާމީނުގެ މީހެއްނަމަ އެބޭފުޅާގެ ކެބިނެޓުގެ ވަޒީރަކަށް އަހަރެން ހުންނާނީ. އޭރުން މާފަސޭހަވާނެ މަށަށް. ނޫނީ އަހަރެން ހުންނާނީ ރީކޯ މޫސަ އެހުރި ޕޮޒިޝަންގައި ކޮންމެވެސް ރިސޯޓެއް ނަގައިގެން، ކޮންމެ ވެސް ލާރިގަނޑެއް ހަދައިގެން ހުންނާނީ. މަމީ ގާސިމް މީހެއްނަމަ މަ ހުންނާނީ ޖުމްހޫރީޕާޓީގައިދޯ،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތް ޚިޔާރުކޮށްގެން މަޑުމަޑުން ހުންނެވުމުން އެފަހަރު މީހުން ބުނެފައިވަނީ ރައީސް މައުމޫންގެ މީހެއް ކަމަށެވެ. "އެއީ މައުމޫން ފެންނަހާ ތާކުން ހެއްދެވީހެން މައުމޫނާ ދިމާއަށް މަނުގޮވާތީ. އިންތިޚާބު ނިމުމުން އެންމެނަށް އެނގުނު މަމީ އެއްވެސް މީހެއްގެ މީހެއްނޫންކަން،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ސިޔާސީ ދާއިރާގައި އަބަދުވެސް ހުންނަވަނީ ކުރިން ވެސް ގެންގުޅުއްވި ސިޔާސަތާއި ހަމަތުގެ މަތީގައި ކަމަށެވެ. އަބަދުވެސް އެންމެ އިސްކަން ދެއްވާނީ އިސްލާމްދީނުގައި ކަންކަން އޮންނަ ގޮތަށް ކަމަށާއި އެއަށްފަހު ދެން ބައްލަވާނީ ރާއްޖޭގެ ގާނޫނާއި ގަވާއިދު ތަކަށް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކެންޑިޑޭޓެކެވެ.