
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން ނެރޭ ކެންޑިޑޭޓުންގެ ތެރެއިން ސާފު ކެންޑިޑޭޓް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު މިރޭ ރައްދު ދެއްވައިފިއެވެ.
މީގެދެތިން ދުވަސްކުރިން ޖޭޕީގެ ލީޑަރު ގާސިމް އާންމު ކުރެއްވި ބަޔާނުގައި އިދިކޮޅުން ނެރޭ ކެންޑިޑޭޓުން ވާންޖެހޭނީ ސާފު ކެންޑިޑޭޓަކަށް ކަމަށް ވިދާޅުވުމުން ނަޝީދު އެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅުން އެއްކެންޑިޑޭޓް ނެރުމަށް އެމަނިކުފާނު ހުރަހަކަށް ނުވާނެ ކަމަށާއި އިދިކޮޅުން އެއްކެންޑިޑޭޓް ނެރޭނެ ކަމަށެވެ. ނަމަވެސް މިރޭ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސާފު ނުސާފު ނިންމާނީ ރައްޔިތުން" ކަމަށެވެ.
ނަޝީދު މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިދިކޮޅުން ސާފު ކެންޑިޑޭޓް ހޯދުމަށްޓަކައި އިލެކްޝަން ކޮމިޝަނުން ދައްކަވާ "ތިނޯހެއްގެ ފަނގައިގެ މިންވަރަކީ" ދިވެހިންނަށް ހައްގުވާ މިންވަރެއް ނޫން ކަމަށެވެ.
"ދިވެހިން ބޭނުންވާ މީހާ ދިވެހިންގެ ވެރިކަމަށް ދިވެހިންނަށް ގެނެވެން ޖެހޭނެ، ސާފު ނުސާފު ނިންމާނީ ރައްޔިތުން" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ރައްދު ގާސިމްއަށް އަމާޒު ކުރެއްވިއިރު ގާސިމް ވިދާޅުވެފައި ވަނީ އިދިކޮޅުން އެއްކެންޑިޑޭޓް ނެރުން މުހިންމު ކަމަށާއި ނަމަވެސް ކެންޑިޑޭޓަކު ނެރޭއިރު ރިސްކެއް ނަގައިގެން ނުވާނެ ކަމަށެވެ. އެގޮތުން ޝަރުއީ ޙުކުމެއް އިއްވާފައިވާ ބޭފުޅަކު، ނުވަތަ ޕީޖީ އޮފީހުގައި މައްސަލައެއް ފައިލް ކޮށްފައި އޮތް ބޭފުޅަކު، ނުވަތަ ޕޮލިހުގައި މައްސަލައެއް އޮތް ބޭފުޅަކު ކެންޑިޑޭޓަކަށް ނެރުނުނަމަވެސް އެބޭފުޅެއްގެ ކެންޑިޑެންސީ ސަރުކާރުން ދުއްވާލައިފާނެ ކަމަށާއި ސާފު ކެންޑިޑޭޓަކު ނެރުނަސް ސަރުކާރުން ގޯނާ ކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެހެންވެ ދެޕާޓީއެއްގެ ނަމުގައި ސާފު ދެ ކެންޑިޑޭޓުންނާއި ރަނިންމޭޓުން ނެރެ ހުރިހާ ކަމެއް ސާފު ވުމުން އެއިން އެއްކެންޑިޑޭޓުގެ ފަހަތަށް އިދިކޮޅު ފަރާތްތަކުން އެރުމަށްވެސް ގާސިމް ގޮވާލެއްވިއެވެ.