އެމްޑީޕީގެ ޕްރައިމަރީގައި އެކަކު ވާދަކުރުމީ ލަދު ގަންނަން ޖެހޭ ކަމެއް: އުމަރު

ރާއްޖޭގެ އެންމެ ބޮޑު ޑިމޮކްރެޓިކް ޕާޓީ ކަމަށް ބުނާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެންމެ ބޭފުޅަކު ވާދަ ކުރެއްވުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ހަދަ ކުރައްވާނެކަން އިއުލާން ކުރައްވައިފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އެންމެ ބޮޑަށް ވަކާލާތުކުރި ޕާޓީ ކަމަށެވެ. "އެއީ ސާޅީސް ހާސް މީހުންނަށްވުރެ ގިނަ މެންބަރުން ހިމެނޭ ކަމަށް ބުނާ ޕާޓީއެއް. އެކަމަކު ޕްރައިމަރީގައި ވާދަކުރީ އެންމެ ކެންޑިޑޭޓެއް. މިއީ ލަދުގަންނަން ޖެހޭކަމެއް،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީއަކަށް އެންމެ ފުރަތަމަ ވަކާލާތުކުރަން ފެށި ޕާޓީ ކަމަށެވެ. އިންތިޚާބުތަކުގައި އެކަކު ވާދަކުރާތީ އެކަމާ އެންމެ ބޮޑަށް ވަކާލާތުކުރީ ވެސް އެޕާޓީން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް ވޯޓު ފޮށިމަތީގައި ބަނޑުއަޅާ ވާހަކަ އެންމެ ގަދަޔަށް ދެއްކީ ވެސް އެ ޕާޓީން ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ކުރިން އޮތް ވޯޓިން ސިސްޓަމްވެސް ކަމަކުނުދާ ކަމަށް ވަކަލާތުކުރީ އެމްޑީޕީން ކަމަށް ވިދާޅުވިއެވެ.

"އެކަކު ވަށައިގެން މީހުން އެނބުރޭ ވާހަކަވެސް ދެއްކީ އެމީހުން. ހަމަ އޭތީގައި އެމީހުންވެސް އެނބުރި އައިސް ޖެހިފައި އެވަނީ. އެންމެފަހުން އެ ޕާޓީންވެސް ޕްރައިމަރީ މިބޭއްވީ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައި، އެކަކު ބައިވެރި ކޮށްގެން،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޮޑު ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީގައި އެންމެ ކެންޑިޑޭޓަކު ކުރިމަތިލަނީ ނުފޫޒެއްގެ ސަބަބުން ކަމަށެވެ. "ކީއްވެގެން އިރާގުގެ ކުރީގެ ރައީސް ސައްދާމް ވެރިކަމުގައި ކޮންމެ އިންތިތިޚާބެއްގައި އޭނާ އެކަނި ކުރިމަތިލީ. ހުސްނީ މުބާރަކުގެ ވެރިކަމުގައި އޭނާވެސް އެހެން. މީގެ ކުރީގައި ރައީސް މުހައްމަދު އަމީނާއި، އިބްރާހީމް ނާސިރާއި، ރައީސް މައުމޫނުގެ ޒަމާނުގައި ރާއްޖޭގައި ވެސް ކުރިމަތިލަނީ އެންމެ މީހެއް ހަމަ. އެހެންވީމާ ކޮންމެ ވެސް މައްސަލައެއް އެއުޅެނީ އެތެރޭގެ ޑިމޮކްރަސީގައި،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެމްޑީޕީގެ މިފަހަރުގެ ރިޔާސީ ޕްރައިމަރީން ދައްކައިދިނީ އެމީހުން ވަކާލާތުކުރި ނިޒާމް ދޫކޮށްލި ކަން ކަމަށެވެ. އެއީ ވަރަށް ދެރަ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.