އަންނަ ހަފްތާގައި ވޯޓާސް ލިސްޓް އިއުލާން ކުރާނަން: އީސީ

މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް (ވޯޓާސް ލިސްޓް) އަންނަ ހަފްތާގައި އިއުލާން ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެލިސްޓް އެކުލަވާލުމުގެ މަސައްލަތް މިހާރުވަނީ ގާތްގަޑަކަށް އެއްކޮށް ނިމިފައި ކަމަށެވެ. "ވޯޓާސް ލިސްޓު އިރާދަ ކުރެއްވިއްޔާ އަންނަ ހަފްތާގައި އިއުލާން ކުރާނަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އިންތިޚާބުގެ ކަންކަން ހަމަޖައްސަވަމުން ގެންދަވަނީ އެންމެންނަށް ވެސް ލުއިފަސޭހަވާނެ ގޮތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ. މިއިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އިންތިޚާބު އޮބްޒާވް ކުރުމަށްޓަކައި އޯއިސީއާއި، އިޔޫއަށް ދައުވަތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން މި އިންތިޚާބު އޮބްޒާވް ކުރަން ބޭނުންވާ އިންޓަރނޭޝަނަލް ޖަމިއްޔާތަކަށް ވެސް ވީ ވަރަކުން ފުރުސަތު ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.