ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ރާއްޖެ ވަޑައިގެންފި

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، ރަސްމީ ދަރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ދެކަނބަލުންނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ޕާކިސްތާނުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމާއި ޕާކިސްތާނުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ޑިފެންސް އެޓާޗޭ ކާނަލް ސައްޖާދު ޢަލީގެ އިތުރުން ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައިން ހުންނަވާ ޑިފެންސް އެޓާޗޭ ލެފްޓިނެންޓް ކާނަލް އިބްރާހީމް ޙިލްމީއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރާއި ދައުލަތުގެ ބައެއް ވަޒީރުންނާ އާމީ ޗީފް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއީ މިއަދުން ފެށިގެން އަންނަމަހު އެކެއްގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ މިއަދު ރާއްޖެ ވަޑައިގެންނެވީ ޕާކިސްތާނު އަސްކަރިއްޔާގެ ޚާއްޞަ މަތިންދާ ބޯޓެއްގައެވެ.

"އުމުރުފުޅުން 57 އަހަރުގެ ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފްގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ 28 ނޮވެމްބަރު 2016 ގައެވެ. ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ ކޮމިޝަން ކުރައްވާފައިވަނީ 1980 ވަނަ އަހަރު 16 ވަނަ ބެޓޭލިއަން އޮފްދަ ބެލޮކް ރެޖިމެންޓްގައެވެ. ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފްގެ މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ މަސައްކަތްކުރައްވާ ފައިވަނީ ޕާކިސްތާން އަސްކަރިއްޔާގެ ހެޑްކްއޯޓަރުގައި ޓްރޭނިންގ އެންޑް އިވެލުއޭޝަން ބައިގެ އިންސްޕެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ."

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.