ދިވެހިރާއްޖޭގައި ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކޮށްފި

ޕާކިސްތާނުގެ 75 ވަނަ މިނިވަން ދުވަސް މިއަދު ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީގައި ފާހަގަ ކޮށްފިއެވެ. ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޕާކިސްތާނުގެ ދިދަ ނަންގަވައިދެއްވީ ހައި ކޮމިޝަނަރ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ޢަޠަރް މުޚްތާރެވެ.

ރަސްމިއްޔާތު ފެށްޓީ ކީރިތި ޤުރްއާނުގެ ބަރަކާތުންނެވެ. އެޔަށް ފަހު އޮތީ ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާންގެ މެސެޖެއް އިއްވުމެވެ. މެސެޖު ވިދާޅުވެދެއްވީ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިން އަޙްމަދެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޢަޠަރް މުޚްތާރު ވަނީ ޕާކިސްތާނުގެ ބިމާއި މިނިވަންކަމާއި ދީނަށްޓަކައި ގުރުބާންވީ ދަރިންގެ ޒިކުރާ އައު ކުރައްވައިފައެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ޕާކިސްތާނުގެ ޤާއިދު އަޢުޒަމް މުޙައްމަދު ޢަލީ ޖިނާޙްގެ ދުރުވިސްނޭ ގިޔާދަތުގެ ދަށުން ޕާކިސްތާނު އުފެދި މުސްލިމުންގެ ވަކި ގައުމެއްގެ ގޮތުގައި ކުރިއަރަމުން ވަނީ ގޮސްފައެވެ. ޕާކިސްތާނު އުފެދުނީ 14 އޯގަސްޓަ 1847 ގައި ކަމަށާއި މިއީ ދީނީ ބިންގަލެއްގެ މަތީގައި ދުނިޔޭގައި އެންމެ ފުރަތަމަ އުފެދުނު ގައުމު ކަމުގައި ހައި ކޮމިޝަނަރ ވިދާޅުވިއެވެ.

ޢަޠަރް މުޚްތާރު ވިދާޅުވި ގޮތުގައި މިހާރުގެ ބޮޑު ވަޒީރު ޢިމްރާން ޚާންގެ ވެރިކަމުގައި ޕާކިސްތާނުން ވަނީ ކޯވިޑް-19 އެކަށޭނަ ކާމިޔާބު ފެންވަރެއްގައި ކޮންޓްރޯލު ކޮށްފައެވެ. މީގެ އިތުރަށް މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި ޢިމްރާން ޚާން ފަށްޓަވާފައިވާ ގަސް އިންދުމުގެ ޕްރޮގްރާމް "ބިލިއަން ޓްރީ ސުނާމީ ޕްރޮގްރާމް" ވެސް ކާމިޔާބު ކަމާއެކު ކުރިއަށް ދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

މިއަދު ޕާކިސްތާން މިނިވަން ދުވަސް ފާހަގަ ކުރަމުން ދާއިރު ކަޝްމީރުގެ އިންޑިއާ ފަޅީގެ ރައްޔިތުން ތަހައްމަލު ކުރަމުން ގެންދާ އަނިޔާއާއި ދުއްތުރާލުގެ މަތީން އޭނާ ހަނދާން ކުރެއްވިއެވެ. އަދި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުން ތިބީ ކަޝްމީރުގެ ރައްޔިތުން މިނިވަންކަމަށްޓަކައި ކުރާ ޖިހާދަށް ތާއީދުކުރުން މަތީގައި ކަމަށްވެސް ވިދާޅުވިއެވެ.

ޢަޠަރް މުޚްތާރުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގެ މައްޗަށްވެސް އަލި އަޅުވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި އޮތީ ބަދަހި އެކުވެރި ގުޅުމެކެވެ. ދިވެހިރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ގާއިމުކުރިތާ މިހާރު 55 އަހަރު ވެއްޖެއެވެ. މި ގުޅުން ގާއިމު ކުރެވުނީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ ބަރާބަރު އެއް އަހަރު ފަހުން 26 ޖުލައި 1966 ގައެވެ.

މި ހަފުލާގައި ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްާރްނައިން ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ދިވެހިންނާއެކު ރާއްޖޭގެ އެކި ސެކްޓްރުތަކުގައި ޕާކިސްތާނުގެ ރައްޔިތުން ޚިދުމަތް ކުރަމުން ގެންދާ ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ޕާކިސްތާނުން ވެދޭ ކުޑަ އެހީއެއް ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިވަގުތު މާލޭގައި ތިބި ޕާކިސްތާނުގެ ބައެއް ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.