ވެރިކަމަށް 4 އަހަރު ފުރުނުއިރު ގައުމުވަނީ "ވިދިވިދި އޮޓެއޮޓެ" ކޮށްފައި:އަމީތު

ރާއްޖޭގެ މިހާރުގެ ސަރުކާރަށް 4 އަހަރު ފުރުނުއިރު މުޅިގައުމު މިވަނީ "ވިދިވިދި އޮޓެއޮޓެ" ކޮށްފައި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފާއިތުވި 4 އަހަރުތެރޭގައި ސަރުކާރުންވަނީ ގާނޫނޫއަސާސީއާއި، ދައުލަތާއި، ގައުމުވެސް "ފުނޑާލައިފައި" ކަމަށެވެ.
"މިއަނިޔާވެރި ވެރިކަމަށް ހަތަރު އަހަރު ފުރިގެންދިޔައިރުގައި ފުނޑާލީކީ ހަމައެކަނި އަޅުގަނޑުމެންގެ ގާނޫނޫ އަސާސީއެއްނޫން. ވިދިވިދި އޮޓެއޮޓެކޮށްލީކީ އަޅުގަނޑުމެންގެ ދައުލަތެއްނޫން. ވިދިވިދި އޮޓެއޮޓެކޮށްލައިފި އަޅުގަނޑުމެންގެ މި ދިވެހި ގައުމުވެސް،"
އަމީތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތެއްނެތް ތަނެއްގައި ގައުމެއް ނޯންނާނެ ކަމަށެވެ. ގާނޫނު އަސާސީއެއް ނެތްތަނެއްގައި ދައުލަތެއްވެސް ނޯންނާނެ ކަމަށެވެ. "ގައުމެއްގެ އާބާދީއެއްގެ ތެރެއިން ފަސްދޮޅަސް ހާސް ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތީމާއި އޭގެ މާނައަކީ ދައުލަތް އެއޮތީ ފެއިލްވެފައޭ. އޭގެ މާނައަކީ ގައުމުގެ ކަރާމާތެއްނެތޭ. ގައުމުގެ އިއްޒަތެއްނެތޭ. އަޅުގަނޑުމެންގެ ގައުމު ހަގީގަތުގައި ވެއްޔާ މޮޑެލައިފި،" އަމީތު ވިދާޅުވިއެވެ.

ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ގެއްލިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރަ މެންބަރެއްގެ ހައްގުތަކެއް ނޫންކަމަށާއި އޭގެ ސަބަބުން ފަސްދޮޅަސް ހާސް ދިވެހި ރައްޔިތުންގެ ހައްގުތައް ގެއްލިގެން ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަމިތު ވިދާޅުއީ ޕީޕީއެމުން އާނާ ވަކިކުރިތާ އިއްޔެ އެއްހަރު ފުރިއްޖެ ކަމަށެވެ. އެޕާޓީން ވަކިކުރުމަކުން ޝަކުވާއެއްނެތް ކަމަށާއި ޕާޓީން ވަކިކުރުމާއެކު ނިގުޅައިގެންފައިވާ މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ ހައްގުތައް އަދިވެސް މިވަނީ އިޔާދަ ނުކުރެވި ކަމަށްވެސް ވިދާޅުވިއެވެ. އެ ރައްޔިތުންގެ ހައްގުތައް އަނބުރައި އިޔާދަކޮށްދެއްވާތޯ ސަލާންޖަހަން ނުދާ އެއްވެސް މުއައްސަސާއެއް ނެތްކަމަށްވެސް އަމީތު ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަނަށް ދިޔައިމާ އެކޮމިޝަނުގެ މެންބަރުން ފިލީ. ކޮޓަރިއަށްވަދެ ތަޅުލައިގެންތިބެ އެތަގެ މުވައްޒަފުން ގާތު ވިދާޅުވީ އަޅުގަނޑުމެން ގާތުގައި ދަންނަވާށޭ ތިމަންނާމެން ކޮމިޝަނަކުނެތޭ. އެ ހައްގުތައް ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ދިޔައިމާ އެތަނުގެ ދޮރާށިމަތިން ނަގައިފައި އަޅުގަނޑުމެން ބޭރަށް އުކައިލީ. އެހައްގުތައް ހޯދުމަށްޓަކައި ޖަލުން މިނިވަންވީފަހުން ދިވެހިރާއްޖޭގެ ކޯޓުތަކަށް އަޅުގަނޑުމެން މިދަނީ އަދިވެސް އަޅުގަނޑުމެންނަށް އެހައްގުތަކެއް ނުލިބޭ،" އޭނާ ވިދާޅުވިއެވެ.

އެވަރުން ނުނިމޭ ކަމަށާއި ވެރިމީހާ ވިދާޅުވަނީ "ތިމަންނަ މިހުރީ ފަސްދޮޅަސް ހާސް ރައްޔިތުން މަގުމަތިކޮށްގެންނޭ،" އޭނާ ވިދާޅުވިއެވެ. މިދައުލަތް ބިނާވެފައިވަނީ ގާނޫނު ހަދާ މަޖިލީހާއި ވެރިކަން ކުރުމުގެ ބާރާއި، ޝަރިއަތް ކުރުމުގެ ބާރުގެ މައްޗަށެވެ. އެހެންނަމަވެސް އެއިން އެއްވެސް ބާރަކުން އެ ފަސްދޮޅަސް ހާސް ރައްޔިތުންގެ ހައްގުތައް އަނބުރައި އިޔާދަ ކުރެވިފައެއްނެތް ކަމަށްވެސް އަމީތު ވިދާޅުވިއެވެ.

"މިހުރިހާ ބާރެއް ފުނޑާލީ ވެރިކަމަށް އައި އަނިޔާވެރި ވެރިއެއް. އެވެރިމީހާއަށް ބިރުން އެވެރިމީހާއަށް އަޅުވެތި ވެގެން، އެވެރިމީހާގެ ރުހުން ނުލިބިއްޖެ ނަމަ ދިރިދުނިޔޭގައި ނޫޅެވޭނެ ކަމަށް ބައެއް މީހުންނަށް ހީވެގެން އަޅުގަނދުމެންގެ ދައުލަތް މިހިސާބަށް މިއައީ،" އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެހުރިހާ ބާރުތަކެއް އިރާދަ ކުރެއްވިއްޔާ ގާނޫނީ ތަރަހައިގެ ތެރެއަށް ވައްދާނެ ކަމަށާއި ނިގުޅައިގެންފައިވާ ރައްޔިތުންގެ ހުރިހާ ހައްގެ އިޔާދަ ކުރައްވާނެ ކަމަށް އަމީތު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.