އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ސ. އަތޮޅު ބުރުގައި ފޭދޫކުޅުނު ދެވަނަމެޗުންވެސް މޮޅުވެއްޖެއެވެ. ދެވަނަ މެޗުގައި އެޓީމް ބައްދަލުކުރީ ހިތަދުއާއެވެ. މިއީ ހިތަދޫގެވެސް ދެވަނަ މެޗެވެ.
އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު މިމެޗުން ފޭދޫ މޮޅުވީ 1-0 ލަނޑުންނެވެ. މިމެޗުގެ ހަމައެކަނި ލަނޑު ޖަހައިފައިވަނީ ފޭދޫ ޓީމުހެ ޖާޒީނަމްބަރު 7 މުހައްމަދު އާލިފް ފަހުމީއެވެ. މިލަނޑު އޭނާޖަހައިފައިވަނީ މެޗުގެ 26 ވަނަ މިނިޓުގައެވެ. މި މެޗުގައި އިތުރު ލަނޑުޖަހާނެ ފުރުސަތު ދެ ޓީމަށްވެސް ވަނީ ލިބިފައެވެ. އެހެންނަމަވެސް މެޗު ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.
މި މުބާރާތުގައި ފޭދޫ ފުރަތަމަ މެޗުގައި ބައްދަލުކުރީ މަރަދުއާއެވެ. އެ މެޗު ފޭދޫ ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މި މުބާރާތުގައި ހިތަދޫ ގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މަރަދޫފޭދުއާއެވެ. އެމެޗު ހިތަދޫ ކާމިޔާބުކުރީ 3-0 ލަނޑުންނެވެ.
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި މިއަހަރު އައްޑޫސިޓީން ބައިވެރިވެފައިވަނީ ހިތަދޫ، ފޭދޫ، މަރަދޫ، އަދި މަރަދޫ ފޭދޫއެވެ.
މިމުބާރާތުގައި މާދަމާ ކުޅޭނީ މަރަދޫއާއި، މަރަދޫ ފޭދޫއެވެ.