ރައީސް ޔާމީނާއެކު ގައުމުގެ ކަންކަމަށް ހައްލެއްނެތް: ނިޒާރު

މިގައުމަށް މިހާރު ދިމާވެފައިވާ ސިޔާސީ އެއްވެސް މައްސަލައަކަށް ރައީސް ޔާމީނާއެކު ހައްލެއްނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނުދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ ރާއްޖެއަށް ދެން ހައްލެއް ލިބޭނީ ކޯލިޝަނުން ނެރޭ ކެންޑިޑޭޓަކު ވެރިކަމަށް ވަޑައިގެން އެބޭފުޅަކު ކަންކަން ހައްލު ކުރެއްވުމުން ކަމަށެވެ. "އެނޫން ގޮތަކަށް އަދިއެއްނެތް އެއްވެސް ކަމެއް ހައްލުވާކަށެއް،" ނިޒާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ މިނިވަން މުއައްސަސާތައްވެސް މިހާރުވަނީ ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށެވެ. ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކުން މަހުރޫމްވުމުންވެސް ދާނެ ތަނެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ތަންތަން ހުއްޓަސް އެއިން ތަނަކަށް ގޮސްގެން މިހާރުވާ އެއްވެސް ކަމެއް ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ. "ހިޔުމަން ރައިޓްސް ކޮމިޝަނަށް ދިޔަސް އެތަނުންވެސް ވާކަމެއް އޮންނަނީއެއްނޫން،" އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ކޮންމެދުވަހަކުވެސް މިހާރު ފެންނަމުންދަނީ ދައުލަތުގެ މުއައްސަސާތަކުން ކޮންމެވެސް ގޯހެއް ހަދާތަން ކަމަށާއި މިނިވަން މުއައްސަސާތަކުން ގާނޫނާ ޚިލާފަށްކުރާ އެއްވެސް ކަމެއް ބަލައެއް ނުގަނެވޭނެ ކަމަށް ވިދާޅުވިއެވެ. އެފަދަ ޝަކުވާއެއް ހުށަހެޅިއަސް އެއްވެސް ތަނަކުން އެއްވެސް ކަމެއް ނުވާކަމަށްވެސް ވިދާޅުވިއެވެ.
އެހިސާބަށް ކަންތައް ދިޔުމުން ދެންޖެހެނީ އެކަންކަން ހައްލު ކުރުމަށް ގޮވާލައި އިހުތިޖާޖު ކުރުމަށް މަގުތަކަށް ނިކުންނަން ކަމަށްވެސް އޭނާ ވިދާޅިވިއެވެ. އެގޮތަށް ނުކުތުމް ފުލުހުން އައިސް އަނިޔާކޮށް އެ އިހުތިޖާޖަކަށް ހުރަސް އަޅައި ހުއްޓުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައިވެސް އެ ވާޖިބު އަދާކުރެވޭ ކަމުގެ އެއްވެސް އިހުސާސެއް މިހާރު ނުކުރެވޭކަމަށެވެ. ރައްޔިތުންގެ މަޖިލިސްކުރާގެވެސް މިހާރު ހުންނަނީ އަސްކަރިއްޔާގެ ދަށުގައި ކަމަށާއި އެކަމުގެ ސަބަބުން ބައެއް މެމްބަރުންނަށް ދަތިވާ ކަމަށްވެސް ވިދާޅުވިއެވެ. "އިހަށްދުވަހު އަޅުގަނޑަށް މަޖިލީހުން ނުކުމެވުނީ އެތެރޭގައި އައިނު ބާއްވައިފައި. އެ ނަގަން އަލުން އެތެރެއަށްދާން އަޅުގަނޑަށް ޖެހުނު އެތައްބައެއްގެ ފަރާތުން ހުއްދަނަގަން. އެތަނުގައި މިހާރު ހިނގަނީ އަސްކަރިއްޔާގެ ބާރު،" ނިޒާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސަރުކާރުން މިހާރު ފެންނަނީ ކުރިން އުންމީދުވެސް ނުކުރާ ކަހަލަ ކަންކަން ކަމަށެވެ. "އުންމީދުވެސް ނުކުރާ ދުވަސްވަރެއް މިސަރުކާރުން މިފެންނަނީ. ޑިމޮކްރަސީއެއް އޮވެމެ ހައްގުތައް މިހާބޮޑަށް ނިގުޅައިގަންނާނެ ކަމަށް ހީވެސް ނުކުރަން. އިންސާނީ ހައްގުތައް މިވަނީ ހަނިކުރެވިފައި. އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމާއި ނޫސްވެރިކަމުގެ މިނިވަންކަން މިވަނީ ހަނިކުރެވިފައި. ޖުޑިޝަރީތެރެއިން އިންސާފު ލިބޭވަރު އެންމެނަށް އެނގޭ،" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް އެމަނިކުފާނު މިފަދައިން ކަންތައް ކުރައްވައިފާނެ ކަމަށް ގަބޫލު ކުރެވުނު ކަމަށް ނިޒާރު ވިދާޅުވިއެވެ. "އިންތިޚާބު ތެރޭގައިވެސް އަޅުގަނޑު ބުނިން ޔާމީނަކީ ގޮތްނޭގޭ ބޭފުޅެކޭ ވެރިކަމަށް ގެންނަން. ގާސިމް އެނގޭ، ރައީސް ނަޝީދު އެނގޭ. ޔާމީނަކީ ރައްޔިތުން ދަންނަ ބޭފުޅެއްނޫން. ރައްޔިތުންނާ ރައްޓެހި ބޭފުޅެއްނޫން. އެހެންވީމާ މި ގޮތަށް ކަންކަންވުން އޭރުވެސް ގާތްކަމަށް ވިސްނުނު،" ނިޒާރު ވިދާޅުވިއެވެ.

އެހެންނަމަވެސް ރާއްޖޭގައި ޑިމޮކްރެޓިކް ގާނޫނު އަސާސީއެއް އޮތީމައި މިހިސާބަށް ކަންތައް ހިނގައިދާނެ ކަމަށް ހިތަށްވެސް ނާރާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ނަޝީދާއި، ރައީސް ވަހީދުވެސް ވެރިކަން ކުރެއްވީ މި ގާނޫނު އަސާސީގެ ދަށުން ކަމުން މިވެރިކަންވެސް އެއާ އެއްގޮތަށް ދާނެކަމަށް އުންމީދު ކުރެވުނު ކަމަށް ނިޒާރު ވިދާޅުވިއެވެ.

ގާނޫނު އަސާސީން ރައްޔިތުންނަށް ސުލްހަވެރި އިހުތިޖާޖު ކުރުމުގެ ފުރުސަތު ހޯދައިދީފައިވަނީ ސަރުކާރުންކުރާ ނޭދެވޭ ކަންކަން ހައްލުކުރުމަށް ގޮވާލުމަށް ކަމަވެސް އޭނާ ވިދާޅުވިއެވެ. ގައުމުގެ ކަންކަން ހަމައަކަށް އެޅުވޭނީ ބަޔަކު ނުކުމެ ވަރަށްބޮޑެތި ގުރުބާނީތައް ވެގެންކަމަށާއި މާޒީގައިވެސް އެކަންވެފައިވަނީ އެހެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.