ޕީއެޗުޑީ ސެޓްފިކެޓާއެކު އެތައް ޒިންމާއެއް މިވަނީ ކޮނޑުގައި އެޅިފައި:ސުނީނާ

ޕީއެޗުޑީ ސެޓްފިކެޓާއެކު އެތައް ޒިންމާއެއް ކޮނޑުގައި އެޅިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ ދަށުން އެންމެ ފުރަތަމަ ގައުމީ ޔުނިވަރސިޓީން ޕީއެޗުޑީ ހާސިލް ކުރެއްވި ދަރިވަރު ސުނީނާ ރަޝީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި އެމްއެންޔޫގެ ގުރެޖުއޭޝަން ހަފްލާގައި ޕީއެޗުޑީ ސެޓްފިކެޓް ހާސިލް ކުރެއްވުމަށްފަހު އޭނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ "އަޅުގަނޑުމެން އެންމެހާ ދަސްވެނިން މިމާހައުލުން މިނުކުންނަނީ އެވްރީ އެންޑް އިޒް ބިގްނިން އޮފް ނިއުޗެޕްޓަރ (ކޮންމެ ނިމުމަކީ އައު ކަމެއްގެ ފެށުން) އޭ ބުނާ ފަދައިން މިރޭ މިލިބުނު ސެޓްފިކެޓަކީ މިކަހަލަ ތާރީޚީ އެތައް ރެއެއް ދައްކުވައިދޭނެ، ގެނުވައިދޭނެ ބަހާއެއް ކަމަށް ދެކިގެން. އަދި މިސެޓްފިކެޓާއެކު އެތަކެއް ޒިންމާތަކެއް އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާކަންވެސް ހަނދާން ކޮށްގެން،" ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެންޔޫގެ ދަރިވަރުން ދެމިތިބޭނީ ނަޒާހަރާތްތެރިކަމާއި އިޚުލާސްތެރި ކަމާއެކު ގައުމަށް ޚިދުމަތް ކުރުންމަތީގައި ކަމަށެވެ. ސުނީނާ ވިދާޅުވީ ޕީއެޗުޑީ ހާސިލް ކުރެއްވުމަކީ ފިނިފެންމަލުގެ ދާނެއް ނޫން ކަމަށެވެ. އެއީ ބުރަބޮޑު މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގައި ތިބެގެން މަތީތައުލީމަށް ކިޔަވަން ފުރުސަތު ލިބުމަކީ ދިވެހިންނަށް މިއަދު ލިބިފައިވާ ބޮޑު ނަސީބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރިސާޗު ފެލޯޝިޕް ލިބުނު ފުރަތަމަ ދަރިވަރުގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ މިއަދު އަޅުގަނޑުމެން ދިވެހި ދަރިންނަކީ ކޮންފަދަ ނަސީބުވެރި ބައެއްތޯއޭ. ދިވެހި ބިމުގައި ދިވެހި ލޮބުވެތި ފަސްގަނޑުގައި ދިވެހި އާއިލާތަކުން ވަކިނުވެ ދިވެހި ގައުމީ ޔުނިވަރސިޓީން އިލްމީ އެންމެމަތީ ސަނަދު ކަމަށްވާ ޕީއެޗުޑީ އަދި ހަމައެއާއެކު ޑޮކްޓަރީ ފެންވަރަށް ކިޔެވޭނެ ފުރުސަތު ލިބުމަކީ މިއަދު ކޮންފަދަ ނަސީބެއްތޯއޭ،" އޭނާ ވިދާޅުވިއެވެ.

އެފަދަ ނަސީބެއް މިއަދު ލިބިފައި އޮތުމުން ދައްކުވައިދެނީ ތައުލީމީ ނިޒާމަށް ގެނެވޭ އިންގިލާބީ ބަދަލްތަކެއްގެ ނަތީޖާ ކަމަށާއި، އެއިން ލިއްބައިދޭ އެއް މެސެޖަކީ މަތީ ތައުލީމަށް އަސްދަނޑިން ބޭރަށް ބަރޯސާ ވުމަކީ މާޒީކަމުގައި ހަދަން ވެއްޖެކަން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް ދިވެހިވަންތަ ގައުމީ ރޫހުހުރި މަތީ ތައުލީމަކަށް ވިސްނަންވެއްޖެ ކަމަށާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަކީ މިގައުމުގެ އެންމެ އުސްކުރިބޯށި ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެބޭފުޅުންނަކީ ދިވެހި މުޖުތަމައުގައިހުރި އިޖުތިމާއީ، އިގްތިސާދީ، ތައުލީމީ މައްސަލަތަކަށް އިލްމީ ނަޒަރިއްޔާތުގެ އަލީގައި ހައްލު ހޯއްދަވައި ދެއްވޭނެ ބޭފުޅުންކަން ގަބޫލު ކުރައްވާ ކަމަށާއި، އެފުރުސަތު ތައުލީމީ ސިކުނޑިތަކަށް ދެއްވަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނީ އަޅުގަނޑުމެންގެ ތެރޭގައިހުރި އިޖުތިމާއީ އިގުތިސާދީ އަދި ތައުލީމީ މައްސަލަތައް ތަފާތު އިލްމީ ނަޒަރިއްޔާތުގެ އަލީގައި އެމައްސަލަތައް ހައްލު ކުރެވޭނެފަދަ ގާބިލްކަން ލިބިފައިވާ މިނިވަން މުސްތަގިއްލު ބައެއްކަން އަޅުގަނޑު ގަބޫލުކުރަން. އިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބެލިޔަސް އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ތަޖުރިބާކާރުން މަދެކޭ ނުދެންނެވޭނެ. އެހެންކަމުން ތައުލީމީ ސިކުނޑިތަކަށް ޖާގަދޭން އެބަޖެހޭ. އިލްމީ ގާބިލް ދިވެހި ދަރިންނަށް ފުރުސަތުގެ ޔަގީންކަންދޭން އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.

ސުނީނާ ވަނީ ޕީއެޗުޑީ ހެއްދެވުމުގައި ގައުމީޔުނިވަރސިޓީން އޭނާއަށް ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި އެ ޔުނިވަރސިޓީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ. އޭގެ އިތުރަށް އާއިލާއިން އޭނާއަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރި ކަމަށްވެސް ޝުކުރު ދެންނެވިއެވެ. އަދި ޕްރެޒިޑެންޝަލް ރިސާޗު ފެލޯޝިޕް ތައާރަފް ކޮށްދެއްވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އޭނާ ޝުކުރު އަދާ ކުރެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.