ކޮންމެބަޔަކު ކޮންމެފަދަ ވާހަކައެއް ދެއްކިޔަސް ރައީސް ޔާމީންނަކީ އެމަނިކުފާނުގެ ބޭބޭފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކެ ނުލާހިކު ލޯބިފުޅުވާ ބޭފުޅެއް ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އެހެންނަމަވެސް ރައިސް ޔާމީނަކީ އަދުލު އިންސާފު ގާއިމް ކުރެއްވުމުގައި "ކުޑަކެކުރިއެއް ބޮޑު ކެކުރިއެއް" ބައްލަވާނެ ބޭފުޅަކަށް ނުވާތީ ރައީސް މައުމޫން ވެސް ޖަލަށް ވަޑައިގަންނަވަން ޖެހުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއްވެސް މީހަކު އިސްތިސްނާނުވެ ހަމަހަމަކަން ގާއިމް ކުރެއްވުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެއް ކަމަށާއި އެމަނިކުފާނު އެގެންދަވަނީ އެކަން ކުރައްވަމުން ކަމަށްވެސް ވިދާޅުވިއެވެ.
"އެކަން ކުރެއްވުމަށްޓަކަށް ކަންދިމާކުރި ގޮތުން އެމަނިކުފާނަށް މިއަދު މިޖެހުނީ އެމަނިކުފާނު ވަރަށް ބޮޑަށް ލޯބިފުޅުވާ އެމަނިކުފާނުގެ ބޭބޭފުޅު ޖަލަށްލާން. ބަޔަކު ކޮންމެއެއްޗެއް ކިޔަސް އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލުކުރަން ރައީސް ޔާމީނަކީ ރައީސް މައުމޫންދެކެ ވަރަށްލޯބިފުޅުވާ ބޭފުޅެއް. އެހެންނަމަވެސް ކުށެއް ކޮށްފިއްޔާ ނުވަތަ ކުށުގެ ތުހުމަތެއް ކުރެވިއްޖެއްޔާ އަދުލު އިންސާފުގެ ކުރިމައްޗަށް ހާޒިރު އެބަކުރެވޭ،" ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީއާ ބެހިވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށާއި އެދާއިރާ ހިނގަމުންދަނީ ވަރަށް މިނިވަންކަމާއެކުގައި ކަމަށެވެ. ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއި ހިނގަމުންދަނީ ފުރިހަމަ މިނިވަންކަމާއެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޭގެ ލާމަސީލު މިސާލެއް ސްޕްރީމްކޯޓުން ނެރުނު ހުކުމާ ހަމައަށް އެބޭފުޅުން ސޮއި ޖައްސަވާލައިފައި އޭތި އަޕްލޯޑު ކުރެވެންދެން އެބޭފުޅުންނަށް އޮތެއް ނޫންތޯ މިނިވަންކަން. އެމަނިކުފާނަކީ ޝަރުއީ ނިޒާމްގެ ތެރެއަށް އަތްބާނައިގެން އުޅުއްވާ ބޭފުޅެއް ކަމަށްވާނަމަ އެމަނިކުފާނުގެ ފަރާތްޕުޅުންވެސް ތިއްބަވާނެ ނޫންތޯ ޖާސޫސު ކުރާނެ މީހުން،" ޒަރީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ކޯޓަށް ހުށަހެޅޭ މައްސަލަތައް އަވަސް ކުރައްވަން ބާރުއަޅުއްވާ ބޭފުޅެއް ކަމަށެވެ. ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި އިގްތިސާދާ ގުޅުންހުރި މައްސަލަތައްވެސް ހިމެނޭ ކަމަށާއި އެފަދަ މައްސަލަތތައް ނުނިމި ލަސްވާ ކަމަށްވާނަމަ ދައުލަތަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ. މިހުރިހާ ކަމަކަށް ބަލާއިރު ރައީސް ޔާމީންވަނީ އަދުލު އިންސާފުގެ ދާއިރާގައިވެސް ވަރަށް ހަމަހަމަ އުސޫލުތައް ގެންގުޅުއްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.