ޕުޓިން ހަތަރުވަނަ ދައުރަކަށް ހޮވިވަޑައިގެންފި

ރަޝިޔާގެ ރިޔާސީ އިންތިޚާބުގައި ބަޔަކު ވޯޓުލަނީ

ރަޝިޔާގައި އާދިއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބުކުރަައްވައި، ވްލާޑިމިރް ޕުޓިން ރަޝިޔާގެ ރައީސުކަމަށް ހަތަރު ވަނަ ދައުރަކަށް ހޮވިވަޑައިގެންފިއެެވެ.
ވޯޓުގެ %86 ގުނައި ނިމުނުއިރު ޕުޓިން އުޅުއްވަނީ ގާތްގަނޑަކަށް %75 ހޯއްދަވައިގެން އެންމެ ކުރީގައެވެ. މިއީ 2012 ވަނަ އަހަރު އޭނާ ހޯއްދެވި %63 އަށްވުރެ މާ ރަނގަޅު ނަތީޖާއެކެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި، ކޮމިއުނިސްޓް ޕާޓީގެ ކެންޑިޑޭޓް ޕަވެލް ގްރުޑިނިން އަށް ލިބިވަޑައިގަތީ %13 ވޯޓެވެ. %6 ވޯޓާއެކު ތިންވަނަ ލިބިވަޑައިގެންނެވީ ނޭޝަނަލިސްޓް ކެންޑިޑޭޓު ވްލާޑިމިރް ޒިރިނޯސްކީއަށެވެ.
ބޮޑު ތަފާތަކުން ޕުޓިން އިންތިޚާބު ކާމިޔަބުކުރެއްވީ ރަޝިޔާއާ ހުޅަނގުގެ ޤައުމުތަަކާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރެެއްގައެވެ. ރަޝިޔާ އިން ސީރިޔާގެ ރައީސަށް ތާއީދުކުރުމާ، 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބަށް ނުފޫޒުުފޯރުވަން ރަޝިޔާއިން މަސައްކަތް ކުރިމަކަމަށް ދެކެވޭ ވާހަކަތަކާ، އިނގިރޭސިވިލާތުގައި ދިރިއުޅެމުން ދިޔަ ރަޝިޔާގެ ކުރީގެ ޖާސޫސަކަށް ނާވް ގޭހުގެ ހަމަލާއެެއް ދިނީ ރަޝިޔާއިން ކަމަށް ކުރެވޭ ތުހުތުމަތު ތަކަކީ ގުޅުން ގޯސްވުމުގެ މައިގަނޑު ސަބަބުތަކެވެ.
އިންތިޚާބު ބޮއިކޮޓްކުރުމަށް އިދިިކޮޅު ފަރާތްތަކުން ގޮވާލާފައި ވީނަަވެސް، ސެންޓްރަލް އިލެކްޓޯރަލް ކޮމިޝަނުން ބުނެފައިވަނީ 60% އާ ގާތަށް މީހުން ވޯޓުލާފައިވާ ކަމުގައެވެ. މި އިންތިޚާބުގައި 108 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ.
އުމުފުޅުން 65 އަހަރު ވެފައިވާ ވްލާޑިމިރް ޕުޓިން ވަނީ ރަޝިޔާގެ ރައީސުކަމުގައި 14 އަހަަރު ހޭދަކުރައްވާފައެވެ. 2000 ން 2008 އަށް 4 އަހަރުގެ 2 ދައުރު ފުރިހަމަކުރެއްވުމަށްފަހު، ޖެހިޖެހިގެން ދެ ދައުރަށްވުރެ ގިނައިން ރަޝިޔާގެ ޤާނޫނު އަސާސީ ތަން ނުދޭތީ، ކުރިމަތި ނުލައްވައި އޭނާގެ ބޮޑުވަޒީރު މެޑްވަޑޭވަށް ފުރުސަތު ދެއްވިއެވެ. މެޑްވަޑޭވްގެ ރައީސުކަމުގައި ޤަނޫނު އަސާސީ ބަދަލުކޮށް ރިޔާސީ ދައުރު 6 އަހަރަށް ބަދަލުކުރެވުނުވެ. 2012 ވަނަ އަހަރު އިންތިޚާބަށް ކުރިމަތިލައްވައި 6 އަހަރުގެ ދައުރަކަށް ހޮވިވަޑައިގަތެވެ. މިހާރު އޭނާ މި ހޮވިވަޑައިގަތީ 6 އަހަރުގެ ދެވަނަ ދައުރަކަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.