އަޅުގަނޑުމެން ތިބޭނީ އިސްލާމްދީނުގެ ދިފާއުގައި ތައްޔާރަށް: ޝައިޚް ރަޝީދު

އިސްލާމްދީނުގެ މިނިވަންކަން ނޫން އެހެން މިނިވަންކަމެއް ދިވެހީން ބޭނުންނުވާ ކަމަށް އިސްލާމީ ފަތުވާ މަޖިލީހުގެ ރައީސް އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖެއާ ބެހޭ ގޮތުން އީޔޫއިން ނެރެފައިވާ ގަރާރަށް ރައްދު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މާތްވެގެންވާ އިސްލާމްދީން ނޫން އެހެން ދީނެއް ރާއްޖެއަށް ގެންނަން މަސައްކަތްކުރާ މީހުންނަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ. އަދި ދީނީ މިނިވަންކަމާއި އެއްޖިންސުން ގުޅުން ހިންގުމާއި ދީނީ ހުކުމްތަކަށް ގޮންޖަހަން  ގޮވާލާ މީހުންނާއި ޖަމާއަތްތަކަށް އެއްގޮތަކަށްވެސް އިޖާބަދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއްޖިންސުން ގުޅުންހިންގުފަދަ ޖިންސީ ކަންކަމުގެ މިނިވަންކަން ދިނުމަކީ ކަނޑައެޅިގެން ދީނާ ޚިލާފު ކަމެއް ކަމަށާއި އޭގެ ސަބަބުން ދަރިފަސްކޮޅު އޮޅި މަސްހުނިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެފަދަ ނުބައި ކަންކަމަށް ތަރުހީބު އެކަންކަން ރާއްޖޭގައި ބަލައިގެންފި ކަމަށްވާނަމަ ލޫތުގެފާނުގެ ގައުމުގެ މީހުންނަށް ދިމާވި ފަދަ ކަމެއްވެސް ދިމާވެދާނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދީނީ މިނިވަންކަން ދޭށޭ ކިޔާފައި ރާއްޖޭފަދަ އިސްލާމީ ގައުމެއްގައި ބުދުފައްޅިއާއި އެފަދަ އެހެން ތަންތަން ގާއިމްކުރުމަކީ ދީނާ ޚިލާފުކަންކަން ކަމަށެވެ.

މަރަށްމަރު ހިފަން ރާއްޖެއިން ތައްޔާރުވަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް އިޔޫއިން ގޮވައިލުމުން އެކަމަށް ރައްދު ދެއްވައި ޝައިޚް ވިދާޅުވީ ދީނުގައި އައިސްފައިވާ އެފަދަ ހުކުމްތައް ތަންފީޒު ކުރުން ނޫންގޮތެއް ނޯންނާނެ ކަމަށެވެ. އެއީ ބޭރުގެ ޖަމާއަތުން ބުގެން އުވައިލެވޭނެ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ތަފާތު ކުށްކުރާ މީހުންނަށް އަދަބުވެސް ދެވޭ ކަމަށާއި އެއަދަބު ދެނީ އިސްލާމީ ހަމަތަކާއި ގާނޫނޫ އަސާސީއާވެސް އެގޮތަށް ކަމަށް ޝައިޚް ވިދާޅުވިއެވެ.

އެމަނުކުފާނު ވިދާޅުވީ އަދުގެ ވަލިއްޔުލް އަމްރު (ރައީސް ޔާމީން) ވަނީ އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ޖާގައެއް ނުދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އެއީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި، ރައީސް ޔާމީން ގެންދަވަނީ ބައެއް މުއާހަދާތަކުގައިހުރި ބައެއް ކަންކަމަށް ސީދާ ދެކޮޅު ހައްދަވަމުން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ސީޑޯ މުއާހަދާގެ ދެ މާއްދާއެއް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ފާހިޝް އަމަލުތަކާއި ދީނާއި ޚީލާފު ކަންކަން ހުއްޓުވުމަކީ އެންމެންގެ ވާޖިބެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވީމާ އެންމެން އެކަތި ގަނޑަކަށްވެ ތިބެގެން އިސްލާމްދީނާ އެއްގޮތަށް އަމަލު ކުރެއްވުމަށް ދިވެހިންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.