ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ބަންދުގައި ބަހައްޓާން ކްރިމިނަލް ކޯޓުން 13 ދުވަސް ޖަހައިދީފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް މަހުލޫފް ގެންގޮސްފައިވަނީ ފެބުރުއަރީ 22 ވަނަ ދުވަހުއެވެ. އޭނާ ބަންދު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަުންނެވެ. އެހާލަތުގައި ބަންދުކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަ ކޯޓަށް ގެންދަންނުޖެހެއެވެ. އެހެންނަމަވެސް މިރޭ ކްރިމިނަލް ކޯޓަށް އޭނާ ގެންދިޔައީ ބަންދާމެދު ގޮތެއް ނިންމުމަށެވެ.
ފެބުރުއަރީ އެކަކުން ފެށިގެން ރައްޔިތުންގެ ގެންދަނީ މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށައިފިއެވެ. އެމުޒާހަރާގައި މީހުން މައިގަނޑު ގޮތެއްގައި ގޮވަމުންދަނީ އެކެއް ފެބުރުއަރީގައި ސްޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށެވެ. މަހުލޫފުވެސް ހައްޔަރު ކޮށްފައިވަނީ މިފަދަ މުޒާހަރާއަކުންނެވެ.
އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ގޮވާލައި ރޭ ބޭއްވި މުޒާހަރާއިން އެކަނިވެސް 141 މީހުން ބަންދުކޮށްފައެވެ. އެ އަދަދާއެކު މިހާތަނަށް 300 އެއްހާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އޭގެތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު ފަންސާހަށްވުރެ އިތުރުވާނެ ކަމަށް އިދިކޮޅު ފަރާތްކުން ބުންޏެވެ.