ރޯވިން އެސޯސީއޭޝަނާމެދު ކުރިން ގެންގުޅުއްވި ވިސްނުންފުޅު ބަދަލުވެފައިވާ ކަމަށާއި އެ އެސޯސިއޭޝަންގެ ރައީސް އަޙުމަދު ޙަބީބު އެދިވަޑައިގެންނެވި ކަންކަން ކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓް އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޯވިންއެސޯސިއޭޝަންގެ ފަލިޖަހާ ބޯޓުފަހަރު ބަހައްޓާފައިވާ މިފްކޯގެ އައިސްޕްލާންޓް ސަރަޙައްދަށް ވަޑައިގެން ބޯޓުފަހަރާއި ރޯވިންއެސޯސިއޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތް ބެއްލުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރޯވިން އެސޯސިއޭޝަންގެ ރައީސް ހަބީބު ރޯވިން ތަރައްޤީ ކުރުމަށް މިނިސްޓްރީގެ އެހީތެރިކަމަށް އެދިވަޑައިގެން މިނިސްޓަރަށް ހުށަހެޅުއްވި ކަންކަން ކަމުގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް ކުދިންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ބައެއް ކަންކަމާއި އަދި ވެސް އިތުރު ކަންކަން ހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފަލިޖަހާ ކުދިންގެ ބެލެނިވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙުމަދު ހަބީބު ވަނީ އެސޯސިއޭޝަނަށް ބޭނުންވާ ކަންކަމާއި ހުރިތަދަތި ކަމާބެހޭ މަޢުލޫމާތު ޙިއްސާ ކުރައްވާފައި ކަމަށެވެ.
ހަބީބު ވިދާޅުވީ ދާއިމީކޯޗުން ހަމަޖައްސައި ދިނުމާއި، ރޯވިން އެސޯސިއޭޝަންގެ އިދާރީކަންކަން ހަރުދަނާކޮށް ހިންގުމަށް އެހީތެރިވެ ދެއްވުމާއި ރޯވިން އެސޯސިއޭޝަންގެ ބޯޓުފަހަރު އަތްވާއި ވާރެއިން ސަލާމަތް ވެވޭނެ ގޮތެއް ހޯއްދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިސަރުކާރުން މޫދުކުޅިވަރަށް ވަރަށްބޮޑަށް އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ރޯވިންއަކީ ރާއްޖޭގައި ކުރިއެރުވިދާނެ ކުޅިވަރެއް ކަމުން މެދު ނުކެނޑި އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސެމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙުމަދު ހަބީބު ވިދާޅުވީ މެދު ނުކެނޑި ރޯވިންގެ ޙަރަކާތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން މިހާރުވެސް އައު ކުދިންތަކެއް ނަގައިގެން އެކުދިންނަށް ހަފްތާއަކު 6 ދުވަހު ތަމްރީން ދެއްވަމުން ގެންދަވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކުދިންނަށް މިހާރު ބޭނުންވަނީ ދާއިމީ ކޯޗުން ކަމަށެވެ. ދާއިމީ ކޯޗުން ހަމަޖައްސަވައިދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް ހަބީބު މަޢުލޫމާތު ދެއްވިއެވެ. އެއީ ރޯވިން ކުރިއަރުވަން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ދިރުމަކާއި ހިތްވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ. "މިހާރުވެސް ކޯޗުން އެބަތިބި. ބޭނުވަނީ އެމީހުންން ދާއިމީ ކޯޗުންގެ ގޮތުގައި އެމީހުން ހަމަޖެހިގެންދިޔުން،" ހަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޔޫތު މިނިސްޓަރ މިއަދު ދެއްވި އުފާވެރި ޚަބަރުތަކުގެ ސަބަބުން މުޅި ރޯވިން ފެމިލީ އޮތީ އުފަލުން ކަމަށެވެ. އެކަމަށްޓަކައި މިނިސްޓަރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
ރޯވިން ސައިޓަށް ވަޑައިގެން މިނިސްޓަރ މަހުލޫފު މިއަދު ވަނީ ރޯވިންގައި ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވައިފައެވެ. މިއީ ދިވެހިތާރީޚުގައި ރާއްޖޭގެ މިނިސްޓަރަކު އޮލިމްޕިކު ކުލާސް ރޯވިން ބޯޓެއްގައި ފަލިޖެއްސެވި ފުރަތަމަ ފަހަރު ކަމަށް ރޯވިންއެސޯސިއޭޝަނުން ވިދާޅުވިއެވެ.