ފަރުކޮއި ޕްރޮޖެކްޓް މުޙިޔިއްދީން ސްކޫލުން ފުރިހަމަ ކޮށްފި

ފަރުކޮއެ ޕްރޮޖެކްޓްގެ އެންމެ މުހިއްމު މިބައި މުޙިއްދީން ސްކޫލުން މިއަދު ފުރިހަމަކޮށްފި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ އެސްކޫލްގައި ތަޢުލީމް ހާޞީލްކުރަމުންދާ 700 ދަރިވަރުން އެ ޕްރޮޖެކްޓް ނިންމައިފައިވާ ކަމަށެވެ. އެ ސްކޫލުގެ ދަރިވަރުން އެ ކަންކޮށްފައިވަނީ އެއްމަސް ދުވަސްތެރޭގައެވެ.

"އަޅުގަނޑުމެން މިއަދު މިފާހަގަކުރަނީ އެސްކޫލަކީ ވޮއިސް ފޮރ ދަ އޯޝަން ސްކޫލެއްގެ ގޮތުގައެވެ. މީގެތެރޭގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 10 ގެ ދަރިވަރުން ހިމެނެއެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެސްކޫލުން އެބައި ފުރިހަމަކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންވެސް އިސްތިސްނާ ނުކޮށެވެ. އެ ސްކޫލުން އެކަން ފުރިހަމަކުރީ ވިލިނގިލީގެ ދެ ޑައިވް ސެންޓަރ ކަމަށްވާ ޑައިވަރޒް ލޮޖާއި، މޫދުބުޅާ ޑައިވް ސެންޓަރާ ގުޅިގެންނެވެ. އެކަމުގައި ސޭވް ދަ ބީޗް ޖަމްޢިއްޔާގެ އެހީތެރިކަންވެސް ލިބިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އެ މަސައްކަތް އެ ސްކޫލުން ފުރިހަމަކޮށްފައިވަނީ ކޮންމެ ދުވަހަކުވެސް ކުލާހެއް ސްނޯކްލިންގ އަށް ގެންގޮސްގެންނެވެ. އެ މަސައްކަތް އެތަންތަނުން ކޮށްދެއްވާފައިވަނީ ހިލޭ ސާބަހަށެވެ.

ފަރު ކޮއެ ޕްރޮޖެކްޓް އަނެއް މުހިއްމު ބައި ކަމަށްވާ ޕްލާސްޓިކް ސްކޫލްތަކުން ބޭންކުރުމުގެ މަސައްކަތް މާރޗް 1އިން ފެށިގެން މުޅި ރާއްޖޭގެ ހުރިހާ ސްކޫލަކުން ވަރަށް ބާރުމިނުގައި ކުރިއަށް ގެންދާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން މާރޗް 31 އަށް "އިރާދާކުރެއްވިއްޔާ ހުރިހާ ސްކޫލެއްގައި ޕްލާސްޓިކް ކޮތަޅު އަދި ފެންފުޅީގެ ބަދަލުގައި އެހެން ތަކެތި ބޭނުންކުރެވިގެންދާނެއެވެ." މިނިސްޓްރީން ވިދާޅުވިއެވެ.

މިޕްރޮޖެކްޓްގެ ދަށުން ޖަމާޢަތަށް ފައިދާ ހުރި ތިމާވެއްޓާ ގުޅުންހުރި އެކި ހަރަކާތްތައް ކޮންމެ ސްކޫލަކުން އިސްނަގައިގެން ކުރިއަށްގެންދިއުމުގެ އަމަލީ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ފަރުކޮއެ ޕްރޮޖެކްޓަކީ ދަރިވަރުންނަށް މޫދު އަޑީގެ ފަރުތަކާއި މަސްތަކާއި މުރަކަތައް ހަމަލޮލުން ބަލައިލުމުގެ ފުރުސަތު ހޯދައިދިނުމުގެގޮތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. ބޭނުމަކީ ފަރުތަކާމެދު ކުދިންގެ ހިތުގައި ލޯބި ޖައްސައި ފަރުތައް ހިމާޔަތް ކުރުމުގެ ރޫހު އުފެއްދުމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.