ރާއްޖޭގައި މިނިވަން ނޫސްވެރިންނެއް ނެތް:އައިބީ

ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އެބައޮތް ކަމަށާއި އެހެންނަމަވެސް މިނިވަން ނޫސްވެރިންނެއްނެތް ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީ (އައިބި) ވިދާޅު ވެއްޖެއެވެ.

ޗެނަލް 13 އިން މިހާރު ގެނެސްދެމުން ގެންދާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސަރުކާރުންވަނީ ވަރަށް ރަނގަޅަށް ގާނޫނުތައް ހައްދަވައި ދެއްވައި ނޫސްވެރިކަން ކުރުމަށްޓަކައި މުއައްސަސާތައްވެސް އުފައްދަވާފައި ކަމަށެވެ.

އައިބީ ވިދާޅުވީ ރާއްޖޭގެ ބައެއް ޓީވީޗެނަލް ތަކުންވެސް މަސައްކަތް ކުރަމުންދަނީ "ރާއްޖެ ފުނޑާލަން" ކަމަށެވެ. އެގޮތަށް އިދިކޮޅު ފަރާތްތަކުން ކަންތައް ކުރަމުންދާ ކަމަށްވާނަމަ ދެންފެންނާނީ މަޑުމަޑުން އެކަން ފެތުރިގެން ދާތަން ކަމަށެވެ. އެފަދަ ޗެނަލް ތަކަށް ރާއްޖޭގެ ދެފުށް ފެންނަ ސިޔާސަތު ނުފެންނަކަމަށާއި ފެންނަނީ އެފަރާތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ބެލިބެލުމުން ފެނުނީ ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އެބައޮތްކަން. އެހެންނަމަވެސް ދިވެހިރާއްޖޭގައި މިނިވަން ނޫސްވެރިންނެއްނެތް. ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ރަނގަޅަށް ރާއްޖޭގައި އެބައޮވޭ. އެހެންނަމަވެސް ރާއްޖެއަށް މިދިމާވެގެން އުޅޭގޮތަކީ ނޫސްވެރިން އެމީހުންގެ މިނިވަންކަން ބޭނުންކުރާގޮތް. އެމީހުން މިތިބެނީ ވަކި އަތަކަށް ޖެހިފައި،" އައިބީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމު ތަރައްގީ ކުރަން ބޭނުންވާ ކަމަށްވާނަމަ ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވެސް މިފަދަ ކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށެވެ. "އެއްކޮޅުން މިކަން ރަނގަޅު ކޮށްގެން ނުވާނެ،" އައިބީ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.