ރިޟްވާން ހޯދުމުގެ މަސައްކަތް ކުރަން ޖެހޭ ވަރަށް ކުރާ ކަމަކަށް ގަބޫލެއް ނުކުރަން: ރައީސް މައުމޫން

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ އަށް ވީނުވީއެއް ނޭނގި ގެއްލުނުތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަން ޖެހޭ ވަރަށް ކުރާ ކަމަށް ޕާޓީގެ މެންބަރުން ގަބޫލު ނުކުރާ ކަމަށް ޕީޕީއެމްގެ މައުމޫނު ފިރުގާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފިއެވެ. އެ ނޫސް ބަޔާނުގައި ސަރުކާރަށް ގޮވާލާފައި ވަނީ އެ ނާތަހުޒީބު އަމަލު ހިންގި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާށެވެ.

މައުމޫނު ނެރުއްވި ނޫސް ބަޔާނުގައި ވަނީ ނޫސްވެރިންނަށް ކުރިމަތިވާ މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާާ ލީވާން ޢަލީ ނަސީރާއި އާދަމް ޒަރީރާއި، މިހާރު ނޫހުގެ ނޫސްވެރިޔާ ފަޒީނާ އަޙްމަދަށް ދައުވާ ކުރަނީ އެ މީހުންގެ މަސައްކަތް ހަމަ ގޮތުގައި ކުރަމުން ގެންދަނިކޮށް ކަމަށް މައުމޫނު ވަނީ ވިދާޅުވެފައެވެ.

"މީހަކު ބުނި އެއްޗެއް، ބުނި ގޮތަކަށް ރިޕޯޓު ކުރުމުން ނޫސްވެރިޔާއަށާއި އެ މީޑިއާއަކަށް އަދަބު ލިބެން ޖެހޭ ކަމަކަށް ނުދެކެމެވެ. އެހެން ކަމުން މި ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އަނބުރާ ގެންދިއުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލަމެވެ."

ގާނޫނުތަކުން ނޫސްވެރިންނަށް ލިބިފައިވާ ފުރިހަމަ މިނިވަންކަމަށް ބުރޫ އަރާ ގޮތަށް "ޚިޔާލު ފާޅު ކުރުމާއި އަބުރު ރައްކާތެރިކޮށް ދިނުމުގެ ގާނޫނެއް" ފާސްކޮށް އެ މިނިވަންކަން ހަނި ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށް މައުމޫނު ވަނީ ތުހުމަތު ކުރައްވައިފައެވެ. ނޫސްބަޔާނުގައި މައުމޫނު ބަޔާން ކުރައްވާފައިވާ ގޮތުގައި އެ ގާނޫނަކީ ސަރުކާރުން ހިންގާ ޚިޔާނާތާއި ފަސާދައިގެ އަމަލުތައް ފޮރުވައި ނޫސްވެރިންގެ އަޑު ކަނޑުވާލަން ފާސް ކުރި ގާނޫނެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.