ވޭސްޓް މެނޭޖު ކުރުމަށް މިސަރުކާރުން ބޮޑު އިންވެސްޓެއްކުރޭ: ތާރިގު

ރާއްޖެ ސާފުކޮށް ބޭއްވުމަށް ނުވަތަ ވޭސްޓް މެނޭޖު ކުރުމަށް އެއްވެސް ސަރުކާރަކުން މީގެ ކުރިން ނުކުރާވަރުގެ ބޮޑު އިންވެސްޓްމެންޓެއް މިސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ތިމާވެއްޓާބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ ބަޖެޓުން 5 ކޮޅުވެއްޓި ބަނދެ އެ ގެނެސް ވެމްކޯއާ ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންވެ. ބުރާސްފަތި ދުވަހު ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސް ޔާމީން ވެމްކޯ އުފައްދަވައި ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭގައި އެކުންފުނިންވަނީ ކުނި މެނޭޖު ކުރުމުގައި ކާމިޔާބީތަކެއް ހޯދައިފައި ކަމަށެވެ.

އަލަށް ގެނައި 5 ކޮޅުވެއްޓި ނުވަތަ ލޭންޑިން ކްރާފްޓްގެ ބޭނުން ވެމްކޯއިން ކުރަން ފަށާނީ އަންނަމަހުގެ އެކެއްގައެވެ. އެކުންފުނިން މިހާރު ބޭނުން ކުރަމުން ގެންދަނީ ކުއްޔަށް ނަގައިފައިވާ ލޭންޑިން ކްރާފްޓްތަކެކެވެ. ސަރުކާރުން ވެމްކޯއަށް މިދެއްވި 5 ލޭންޑިން ކްރާފްޓްގެ ސަބަބުން އެކުންފުންޏަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.ވެމްކޯއަށްގެނައީ 400 ޓަނުގެ 3 ކޮޅުވެއްޓިއާއި، 250 ޓަނުގެ 2 ކޮޅުވެއްޓިއެވެ.

"ވެމްކޯގެ ޚަރަދު އެންމެ ބޮޑު އެއްމަސައްކަތަކީ ވެމްކޯގެ ކުނިއުފުލަން ބޭނުންވާ އުޅަނދު، ޚާއްސަކޮށް ކޮޅުވެއްޓި ކުއްޔަށް ނަގައިގެން ބޭނުންކުރުން. އެކަމަށް ނިމުމެއް ގެނައުމުގެ ގޮތުން ސަރުކާރުން މިހާރު މިވަނީ ވެމްކޯއަށް އިންވެސްޓްމެންޓެއް ހަދައިދީ ފަސްކޮޅުވެއްޓި ބަނދެގެން ގެނެސް ހަވާލުކޮށްފައި،" ތާރިގު ވިދާޅުވިއެވެ. ވެމްކޯގެ ފަރާތުން ކޮޅުވެއްޓިތަކާ ހަވާލުވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝިފާއުއެވެ.

އޭގެ އިތުރަށް މާލެއާއި އަތޮޅުތަކުގައި މިހާރުވެސް 75 ވެހިކަލަށްވުރެ ގިނަ ވެހިކަލް އޮފަރޭޓް ކުރަމުން ގެންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރެއިން ފަންސާހަކަށް ވެހިކަލް ބޭނުންކުރަމުން ގެންދަނީ މާލޭގައެވެ. ބާކީ ވެހިކަލް އޮޕަރޭޓު ކުރަމުން ގެންދަނީ އަތޮޅުތަކުގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުން މަސައްކަތް މިކުރަނީ ވެމްކޯއަކީ އޮޕަރޭޝަނަލް އިންޑިޕެންޑެންޓް ލިބޭނެ ކުންފުންޏަކަށް ހަދައި އެތަނުގެ މަސައްކަތައް އެފިޝަންޓް މަސައްތަކަށް ހެދުމަށް،" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.