ސާފު ބޯފެނުގެ ނިޒާމް ހޯރަފުށީގައި ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި

ސާފު ބޯފެނުގެ ނިޒާމް ހއ. ހޯރަފުށީގައި ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބުރާސްފަތި ދުވަހު ފަށައިފިއެވެ.

"އެންމެނަށް ރައްކާތެރި ސާފު ބޯފެން ޔަގީން" ކޮށްދިނުމުގެ ސިޔާސަތުގެ ދަށުން އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯރަފުށީގައި އެމަސައްކަތް ފަށްޓަވައި ދެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތާރިގު އިބްރާހީމެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރައްވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުންޏާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ދެމެދު މިޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ 2017 ވަނަ އަހަރު ޖޫންމަހު 21 ވަނަ ދުވަހުއެވެ.

މިއީ އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މަޝްރޫއުގެ ފަންސާސް ދެ މިލިއަން އައްލައްކަ ސަތޭކަ އައްޑިހަ ފަސް ހާސް ސަތޭކަ އަށްޑިހަ ދެ ރުފިޔާ ފަންސާސް ހަތް ލާރި އެވެ.

މިމަޝްރޫޢުގެ ދަށުން އެރަށުގައި 19 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވޭނެ ކަމަށް ތިމާވެއްޓާބެހޭ މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. އަދި ގަޑިއަކު 8 ޓަނުގެ ފެންއުފައްދާ 2 އާރް.އޯ ޕްލާންޓްވެސް މިމަޝްރޫއުގެ ދަށުން އެރަށުގައި ބަހައްޓާނެއެވެ. އެ ދެ ޕްލާންޓުން ދުވާލަކު ޖުމްލަ 156 ޓަނުގެ ފެން އުފައްދާނެއެވެ.

މި މަޝްރޫއު ނިމޭއިރު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ސާފު ފެނުގެ ޚިދުމަތް ގުޅައިލެވޭނެ ކަމަށްވެސް ތިމާވެއްޓާބެހޭ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.