އޭނާގެ މައްޗަށް ނުފޫޒު ފޯރުވެވޭނެ އެއްވެސް މީހަކު ނުވަތަ ފަރާތެއް ނުހުންނާނެ ކަމަށް އިލެކްޝަންސްކޮމިޝަން (އީސީ) ގެ އައު ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.
އާފަތިހަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ އެކަމަށް އޭނާއާމެދު އެއްވެސް ފަރާތަކުން ސުވާލު އުފައްދަންޖެހޭނެ އެއްވެސް ފުރުސަތެއް ނުވަތަ ސަބަބެއްވެސް ނޯންނާނެ ކަމަށެވެ.
ކުރިން ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކައި ސިޔާސީ ޓްވީޓްތައް ކުރެއްވުމަކީ އޭރުގެ ހާލަތު ކަމަށާއިއޭރު ހުންނެވީ މިނިވަން މުއައްސަސާއެއްގެ ވެރިއެއްގެ ގޮތުގައި ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށްވެސް "ވަރަށް ރަނގަޅަށް އެނގޭނެ އެއްވެސް ފަރާތަކަށް އަޅުގަނޑުގެ މައްޗަށް ނުފޫޒެއް ނުފޯރުވެވޭނެކަން. ކުރިން ސިޔާސީ ވެގެން އުޅުނަސް އަދި އެފަދަ މަގާމްތަކެއް ފުރިޔަސް އަބަދު އެއްގޮތަކަށް ނުފެންނާނެ. ހާލަތާއެކު ކަންކަން ބަދަލުވެގެންދާނެކަން އެއްކޮޅު މީހުންނަށްވެސް އަދި ދެކޮޅު މީހުންނަށްވެސް އެނގެންޖެހޭނެ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިލެކްޝަންސްކޮމިޝަންގެ އެއްވެސް ކަމެއް ގާނޫނާއި ގަވާއިދުގެ ތެރެއިން ނޫންގޮތަކަށް ދިޔުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.
ޝަރީފަކީ ސަރުކާރުގެ އެކި މަގާމްތައް އަދާކުރައްވައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ޣިޔާސުއްދީން ސްކޫލާއި، ދަރުމަވަންތަ ސްކޫލުގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ކަމާއި، ބައެއް އަތޮޅުގެ އަތޮޅުވެރިކަމާއި، އީސީގެ ސެކްރެޓަރީ ޖެނެރަލް ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަމާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ނާއިބު ކަމާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފައެވެ.
vidhaalhuvaa basfulhuge thedhukan isaahithakun hurihaa rayyithunnah kashavaruvaane.