އޮކްޓޫބަރު 11 ގެ ކުރިން އިނގިލީގެ ނިޝާން ހަމަކުރަން އަންގައިފި

maldives-court-blocks-fingerprint-linked-party-membership-void-0102201614412988

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެތެރެއިން އިނގިލީގެ ނިޝާން ނެތް މެންބަރުން ޕާޓީތަކުގެ ދަފުތަރުން، އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އުނި ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިރޭ މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުން މިހެންވިދާޅުވެފައިވާއިރު، އެކޮމިޝަނުން މިގޮތަށް ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެނެވެ.

އެއިސްލާހުގައި ވާގޮތުން ސިޔާސީޕާޓީއެއްގެ މެމްބަރަކަށްވެވޭނީ، އެމީހެއްގެ އިނގިލީގެ ނިޝާން މެމްބަޝިޕް ފޯމާއެކު ހުށަހެޅުމުންނެވެ. މި ބަދަލާއެކު އަލަށް ޕާޓީތަކަށް ވަންނަން އެދޭ މީހުން އިނގިލީގެ ނިޝާން ހުށަހަޅަންޖެހޭއިރު، މި ބަދަލުގެކުރިން އިނގިލީގެ ނިޝާނާ ނުލައި ޕާޓީތަކަށް ސޮއިކޮށްފައިވާ މީހުންވެސް އިނގިލީގެ ނިޝާން ހުށަހަޅަން ޖެހެއެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ގާނޫނުގައިވާ ގޮތަށް އިނގިލީގެ ނިޝާން ނެތް މެންބަރުންގެ ނިޝާންތައް ހޯދުމަށް ގާނޫނުގައިވާ ގޮތަށް މަސް ދުވަސް ދޭނެ ކަމަށެވެ. އަދި މާދަމާ ހުރިހާ ޕާޓީތަކަކަށް އެކަން އަންގާނެ ކަމަށެވެ. އިނގިލީގެ ނިޝާން ނެތް މެންބަރުންގެ ލިސްޓު ވެސް ކޮމިޝަނުން ޕާޓީތަކަށް ފޮނުވާނެކަމަށެވެ.

އިނގިލީގެ ނިޝާން ނެތް މެންބަރުންނަށް ދީފައިވާ މުއްދަތު އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

އަލުން އިނގިލީގެ ނިޝާން ޖަހަންޖެހޭގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާ މެދު އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ޕާޓީން ބުނެފައި ވަނީ 2005 ގައި ސިޔާސީ ޕާޓީތައް އުފެދުމާއެކު ގިނަޢަދަދެއްގެބަޔަކު ޕާޓީތަކަށްވަނީ އޭރު އޮތް ގާނޫނީ އިމުގެތެރެއިން، އުސޫލާއެއްގޮތަށްކަމަށް އެހެންކަމުން މާފަހުން އާޤާނޫނެއްހަދައިގެން އެފަރާތްތަކަށް ތަކުލީފުޖެއްސުމަކީ ބަލައިގަނެވޭނެކަމެއްނޫންކަމަށެވެ. އިލެކްޝަނުން ދީފައިވާ މުއްދަތުގައި އަލުން ފިންގަޕްރިންޓް ހަމަނުކޮށްފި ނަމަ އެމްޑީޕީގެ 20،000 އަށް ވުރެ ގިނަ މެމްބަރުން ވަކިވާނެ ކަމަށް އެޕާޓީން ލަފާކުރެއެވެ.

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.