ފުލެޓު ދޭނެ ކަމަށް ބުނެ މިނިސްޓްރީގެ ނަމުގައި މީހުން އަތުން ފައިސާ އަތުލަނީ

ފުލެޓު ދޭނެ ކަމަށްބުނެ އޮޅުވާލައިގެން ހައުސިން މިނިސްޓްރީގެ ނަމުގައި މީހުންގެ އަތުން ބަޔަކު ފައިސާ ހޯދަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ފުލެޓް ދޭނެ ކަމަށްބުނެ މީހުންގެ އަތުން ފައިސާ ހޯދައިގެން ސައްހަނޫން ރަޖިސްޓްރީންވެސް ހަދައިދެމުންދާ ކަމަށެވެ. އެހެން ކަމުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެމައްސަލަ ވަރަށް ސީރިއަށްކޮށް ބަލަމުންދާ ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެ އަމަލަކީ ރައްޔިތުންގެ ހައްގުތަކާ ވަރަށްބޮޑަށް ގުޅިފައިވާ ކަމެއް ކަމަށާއި، އެކަމަކީ މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް "ފަރުނުޖެއްސޭވަރުގެ" ބޮޑެތި ގެއްލުންތަކެއް ރައްޔިތުންނަށް ދިމާވެދާނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެހެން ކަމުން "އެއްވެސް ބޭފުޅަކު މިފަދަ ކަމެއްގައި ބައިވެރިވެވަޑައި ނުގަތުމާއި، މިކަމަށް ވީހާވެސް ބޮޑަށް ސާމާލުވެލެއްވުމަށް ދަންނަވަމެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެ ކަމުގައި ޝާމިލްވާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދި ކަމާބެހޭ މުއައްސަސާތަކުގައި ދަންނަވާފައިވާނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ހައުސިން މިނިސްޓްރީން ފުލެޓްތައް ދޫކުރަމުންދަނީ "އެކަމަށް ކަނޑައެޅިފައިވާ ޚާއްސަ އުސޫލުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި، އެނޫން ގޮތަކަށް މި މިނިސްޓްރީން އެއްވެސް ފަރާތަކަށް ފުލެޓް ދޫނުކުރާ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ." ބަޔާނުގައި ވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.