ސަރުކާރުން އައްޑޫސިޓީ ހިތަދުއާއި ހުޅުމީދޫގައި ޢިމާރާތްކޮށްފައިވާ ފުލެޓްތަކުގެ ތަޅުދަނޑިތައް ހައުސިން މިނިސްޓްރީން އައްޑޫސިޓީ ކައުންސިލާ މިއަދު ޙަވާލު ކުރައްވައިފިއެވެ.
އައްޑޫސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް ވިދާޅުވީ އެ ފުލެޓުތަކުގެ ތަޅުދަނޑިތައް ލިބުމުން ފުލެޓް ޙައްޤުވާ ފަރާތްތަކަށް އެ ޙަވާލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށެވެ.
ފުލެޓަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓު ކުރީސަރުކާރުން ވަނީ ހާމަކުރައްވައިފައެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު ފުލެޓުތަކުގެ ޙައްގުވެރިންނަށް ފުލެޓު ޙަވާލު ކުރެވިފައެއް ނުވެއެވެ.
ބޯހިޔާވަހި ކަމުގެ ކަންކަން ސިޓީކައުންސިލްގެ ދަށަށް ބަދަލު ކުރުމުން ދެން ފުލެޓުތަކުގެ ޙައްގުވެރިންނާ ފުލެޓު ޙަވާލު ކުރައްވާނީ ސިޓީ ކައުންސިލުންނެވެ.
ސިޓީ ކައުންސިލާ ތަޅުދަނޑިތައް ޙަވާލުކުރިޔަސް ފުލެޓުތަކުގައި އަދި ކަރަންޓެއް ނެތެވެ. ފެނެއް ނުގުޅައެވެ. އެތެރޭގެ ލޭންޑްސްކޭޕް މަސައްކަތްތައް ވެސް ނުނިމެނެއެވެ. މިހުރިހާ ކަމެއް ޙައްލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ޔަސްރިފް ވިދާޅުވިއެވެ.
އައްޑޫ ސިޓީން ގޯތި ނުލިބުމުގެ މައްސަލަ ވެސް މިހާރުވަނީ ބޮޑުވެފައެވެ. ގޯތި ނުލިބެނީ ބިން ނެތުމުން ކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ.