އަމިއްލަވަންތަކަން ދިފާއުކުރާނެ ބަޔަކަށް އަދުގެ ޒުވާނުން ހަދަންޖެހޭ: ރައީސް

އަދުގެ ޒުވާނުންނަކީ ހަރުދަނާ ގައުމިއްޔަތެއްގެ ވެރި އަދި މިނިވަންކަމަށް ލޯބިކުރާ، އަމިއްލަވަންތަކަން ދިފާއުކުރާނެ ބަޔަކަށް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީމް އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނެ މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަފަހަރަށް މިއަދު ފާހަގަކުރަމުންދާ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ އަމިއްލަ ވަންތަކަން ދިފާއުކޮށް މިނިވަންކަމަށް ލޯބި ކުރުމުން ޒުވާނުންނާއި ދަރިވަރުންގެ ހިތްތަކުގައި ގައުމީ ރޫހު އިތުރަށް އާލާވެ، ގައުމަށް ޚިދުމަތް ކުރާނެ އަދި ގައުމުދެކެ ލޯބިވާ ދަރިންތަކެއް އުފެދިގެންދާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނާއި، ޒުވާނުންނާއި ކިޔަވާ ކުދިންގެ ހިތްތަކުގައި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުވުމަކީ ކުރަންޖެހިފައިވާ ގައުމީ މުހިންމު މަސައްކަތެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމިއްޔަތު އާލާ ދިރުވުމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހެވެ. ސަރުކާރުން މި ދުވަސް ހަމަޖެއްސީ މީގެ އަހަރެއް ކުރިން ތަރިކަ މަޝްރޫއު އިފްތިތާހިކުރި ދުވަހާ ގުޅިގެން، ދިވެހިންގެ މެދުގައި އިސްލާމީ ވަހުދަތާއި ގައުމީ ރޫހު އުފައްދައި އާލާކުރުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.

މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމާއި، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހުރިހާ އެންމެންވެސް ޚާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

ދަރިވަރުންގެ ހިތްތަކުގައި ގައުމީ ރޫހު ދިރުވުމަށާއި، ދަރިވަރުންނަކީ ގައުމުދެކެ ލޯބިވާ، ވަފާތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމުގެ މަގުސަދުގައި ޚާއްސަ ޕްރޮގްރާމްތަކެއް ހިންގަވައިދެއްވުމަށް ރައީސް ވަނީ ސްކޫލްތަކުގެ ވެރިންނަށް ގޮވައި ލައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.