އެންމެ މަތިވެރި ޤުރުބާނީއަކަށް ވެގެންދާނީ ޤައުމުގެ ދިފާޢުގައި ޤުރުބާންވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އެންމެ މަތިވެރި ޤުރުބާނީއަކަށް ވެގެންދާނީ ޤައުމުގެ ދިފާޢުގައި، ވަޠަނުގެ ދިފާޢުގައި، އަދި ދީނުގެ ދިފާޢުގައި އެމީހެއްގެ ނަފުސާއި ހަށިގަނޑު ޤުރުބާންކުރުން ކަމަށާއި، މިއަށްވުރެ މަތިވެރި ޤައުމީ ވާޖިބެއް އަދި މަސްޢޫލިއްޔަތެއް ނޯންނާނެ ކަމުގައި ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏ވިދާޅުވެއްޖެ‏އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ 62 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ބަންޑާރަކޮށީގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންގެ އެންމެ އިސް ވާޖިބަކަށް ވާނީ އިސްލާމްދީން ދިފާޢުކުރުން ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު އަމިއްލަ ވެރިކަމެއް ދިފާޢު ކުރުމާއި ހިމާޔަތްކުރުމަކީ ސިފައިންގެ މައްޗަށް ޤާނޫނު އަސާސީން މަތިކުރާ އެންމެ ވަރުގަދަ ޒިންމާ އާއި މަސްޢޫލިއްޔަތު އަދި އަމާނާތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އަމިއްލަ ވެރިކަމެއް ދިފާޢުކުރުމަކީ ޤައުމުގެ ސިޔާދަތު ހިމާޔަތްކޮށް، އަދާވާތްތެރިންގެ މައްޗަށް ގަދަވެގަނެ، އަދާވާތްތެރިންގެ ފަރާތުން ޤައުމު ދިފާޢުކުރުން ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިފައިންނަކީ އަބަދުވެސް ސިފައިންގެ ތެރޭގައި އެކަށައަޅާފައި އޮންނަ ކޯޑް އޮފް އެތިކްސް އާއި، އަދި ސިފައިންގެ ކޮމާންޑަރުން ދޭ އަމުރުތަކަށް ފުރިހަމައަށް ކިޔަމަން ވާންޖެހޭނެ ބައެއްކަން ހަނދާންކޮށްދެއްވިއެވެ. އަދި، ސިފައިންނަކީ ޚާއްޞަ އަޚްލާޤަކާއި ޚާއްޞަ ސިފަތަކެއް ހިމެނޭ ބަޔަކަށް ވާތީ، ޤާނޫނުއަސާސީގައި ސިފައިންގެ މައްޗަށް މަތިކުރާ ވަރަށް ވަރުގަދަ ޒިންމާތަކެއް ކަނޑައެޅިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ތަމްރީން ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދެވެ. މިރަސްމިއްޔާތުގައި ‏މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި، ‏‏ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރުން ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.