ދަންމަރު: ހިތްހަމަޖެހުން ހޯދުން

ފައިސާވެރިންގެ ވަށައިގެން އެކި ބާވަތްބާވަތުގެ އަގުބޮޑު ތަކެތި ފުނިޖަހާފައި ހުންނަތަން ވަރަށް ގިނައިން ފެނެއެވެ. ބަލާބެލުމަށް ފައިސާވެރިންނަކީ ޢާންމު އިންސާނުންނާ ތަފާތު ފެންވަރެއްގައި އުޅޭ ބައެކެވެ. އެހެން ނަމަވެސް މުއްސަނދި މީހާ އެކަނިވެ، ވިސްނައިލާނޭ ފުރުޞަތު ލިބުނީމާ ތިމާއަކީވެސް އެހެން މީހުން ފަދަ އާދައިގެ ބަލިކަށި އިންސާނެއްކަމަށް އިޙްސާސް ކުރެވެއެވެ.

އެމެރިކާގެ މަޝްހޫރު ފޯރޑް ކުންފުނީގެ ވާރިޘް އަލްފްރެޑް ފޯރޑަކީ ވަރަށް މުއްސަނދި މީހެކެވެ. އެހެންނަމަވެސް އޭނާގެ ހިތް ބަދަލަކަށް އެދެމުން ދިޔަ ދުވަސްވަރު އަލްފްރެޑަށް ހަރޭކްރިޝްނާ މޫވްމަންޓްގެ ވާހަކަ އަޑު އިވިއްޖެއެވެ. މި މޫވްމަންޓްގެ މަރުކަޒުތައް އެމެރިކާއާއި، ހުޅަނގުގެ ޤައުމުތަކުގައި ހުރެއެވެ. މިތަނުން ހިތަށް ހަމަޖެހުމެއް ލިބިދާނެއޭ ހީކޮށް އަލްފްރެޑް މި މޫވްމަންޓާ ގުޅިއްޖެއެވެ. އަދި 28 ޑިސެމްބަރ 1984 ގައި އެ މޫވްމަންޓްގައި އުޅޭ ހިންދީ އަންހެންކުއްޖަކާ އިނދެފިއެވެ. ކާވެނީގެ ރަސްމިއްޔާތު އޮތީ އޮސްޓްރޭލިއާގައި ހުންނަ މި މޫވްމަންޓްގެ މަރުކަޒުގައެވެ. 1 ޖެނުއަރީ 1985 ދުވަހު ނުކުތް "ޓައިމްސް އޮފް އިންޑިއާ" ނޫހުގައި އަލްފްރެޑްގެ ފޮޓޯއެއް ޖަހާފައި ހުއްޓެވެ. ސާދޫން ލާ ކަހަލަ ހެދުމެއް ލައިގެން ހުއްޓައެވެ. އެނޫހުގައި އޭނާއާބެހޭ ރިޕޯޓެއްވެސް ޝާއިޢު ކޮށްފައިވެއެވެ. އެ ރިޕޯޓްގައި ވެއެވެ.

"މިސްޓަރ ފޯރޑް (އަލްފްރެޑް) އަކީ ހަމައެކަނި ނަމަކަށް ފޯރޑެކެވެ. "އަހަންނަކީ ކާރެއްނޫނެވެ. އެހެން މީހުންހެން ފުރާނަޔާއެކު ހައްދަވާފައިވާ މީހަކީމެވެ." އޭނާ ބުންޏެވެ."

މީހަކަށް ކިތަންމެ ގިނަ ފައިސާއެއް ލިބުނު ކަމުގައި ވިޔަސް އޭނާގެ ވުޖޫދުގެ ބައެއްކަމުގައި އެ ފައިސާ ހިމެނިގެންނެއް ނުދާނެއެވެ. މާއްދީ އުފަލާއި، އަގުބޮޑު މުދަލުގެ ތެރޭގައިވެސް އޭނާއަށް އެކަނިވެރިކަން އިޙުސާސް ކުރެވޭނެއެވެ. އޭނާ އަބަދުވެސް މަސައްކަތް ކުރާނީ މި އެކަނިވެރިކަން ފިލުވައިލެވޭ ފަދަ ބައިވެރިއަކު ފެނޭތޯއެވެ. އެ ބައިވެރިއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އިންސާނާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހޯދޭނޭ މަގު ނުފެނުމުން، މާއްދީ ތަކެތިން އެކަނިވެރިކަން ފިލުވަން މަސައްކަތް ކުރަނީއެވެ. މިއީ ޙަޤީޤީ ހަމަޖެހުން ހޯދޭނޭ ގޮތެއް ނޫނެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.