(12 މާޗް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަހަރެން އައި ރުޅީގައި މާރިޔާއާ އަރައިރުންވާން ފަށައިފީމެވެ. އޭނާވެސް ގެންދިޔައީ އަހަރެންގެ ވާހަކަތަކަށް ޖަވާބު ދެމުންނެވެ. ރުޅީގެ އިތުރަށް އަހަރެންގެ ހިތުގައި އޭނާގެ މައްޗަށް ރަހުމުވެސް އުފެދުނެވެ. ޒުވާބުކުރަމުން އަހަރެން ހޮޓަލަށް ހިނގައްޖައީމެވެ. ކޮޓަރިއަށް ވަދެފައިވެސް ޒުވާބަކަށް ހުއްޓުމެއް ނާދެއެވެ.
އިރު އޮއްސިއްޖެއެވެ. އެއްވެސް ނަތީޖާއަކާ ހަމައަށް އަހަރެމެންނަކަށް ނުދެވުނެވެ. މަޣްރިބް ނަމާދުކޮށްގެން ދެމީހުން ކލެއީއެވެ. ކައި ނިމުނުއިރު ޢިޝާނަމާދު ވަގުތު ވެއްޖެއެވެ. ޢިޝާ ނަމާދުކޮށްގެން ނިދަން އެނދަށް އަރައިފީމެވެ.
އަހަރެން އެނދުގައި އޮތްތަން ފެނުނީމާ މާރިޔާ އަހައިއެވެ. "ޚާލިދު ނިދަނީހެއްޔެވެ؟"
އަހަރެން ބުނެލީމެވެ. "އާނެއކެވެ. ކިހިނެއް ވީހެއްޔެވެ؟ މާރިޔާ ވަރުބައްޔެއް ނުވޭ ހެއްޔެވެ؟"
އޭނާ ހިތާމަވެރި ރާގަކަށް ބުންޏެވެ. "ސުބުޙާނަﷲއެވެ. މި އުނދަގޫ ދަނޑިވަޅުގައިވެސް ޚާލިދު ނިދަނީ ހެއްޔެވެ؟ މިފަދަ ނާޒުކު ދަނޑިވަޅެއްގައި އަހަރެމެން ކުރަން ޖެހޭ ކަމަކީ ﷲ އަށް ދެންނެވުމެވެ. ތެދުވާށެވެ. ﷲ ގެ ދަރުބާރަށް ހިނގާށެވެ."
އަހަރެން ތެދުވެއްޖައީމެވެ. ދެ ރަކުޢަތް ނަމާދެއް ކޮށްފައި ދުޢާކޮށް ނިމިގެން ނިދައިފީމެވެ. އަހަރެން ނިދިއިރުވެސް މާރިޔާ މުސައްލަމަތީގައި އިނެވެ. ދޭތެރެއަކުން އަހަންނަށް ހޭލެވިގެން ބަލައިލީއިރުވެސް މާރިޔާ ރުކޫޢުގައްޔާއި ސަޖިދައިގައްޔާއި ގިޔާމުގައި ރޮއިރޮއިފައި ދުޢާކުރަމުން ގެންދިޔަތަން އަހަންނަށް ފެނުނެވެ. ފަތިސްވީމާ އޭނާ އަހަންނަށް ގޮވައި ހޭލައްވައިފިއެވެ. "ފަތިސްވެއްޖެއެވެ. ނަމާދުކުރަމާ ހިނގާށެވެ."
އަހަރެން ތެދުވެގެން ގޮސް ވުޟޫކޮށްފީމެވެ.ނަމާދުކުރީ ދެ މީހުން އެކީގައެވެ. ނަމާދުކޮށް ނިމިގެން މާރިޔާ ކުޑައިރުކޮޅަކަށް ނިދައިލިއެވެ. މެންދުރުވާން ކައިރިވީމާ ތެދުވެފައި ބުންޏެވެ. "ޕާސްޕޯޓު އޮފީހަށް ހިނގާށެވެ."
"ޕާސްޕޯޓު އޮފީހަށް ދަނީ ކީއްކުރަން ހެއްޔެވެ؟ ފޮޓޯ ކޮބައިހެއްޔެވެ؟ ފޮޓޯ ނެތި ގޮސްގެން ކުރާނީ ކީއްހެއްޔެވެ؟"
"އަދި އެއް ފަހަރު މަސައްކަތް ކޮށްލަމާ ހިނގާށެވެ. ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައިލާކަށް ނުވާނެއެވެ."
ދެމީހުން ޕާސްޕޯޓު އޮފީހަށް ހިނގައްޖައީމެވެ. އޮފީހަށް ވަންއިރު އަހަރެމެންގެ އިންތިޒާރުގައި މީހަކު ހުއްޓެވެ. އަހަރެންގެ އަންހެނުންގެ ބުރުގާގެ ސަބަބުން އެމީހާއަށް އެނގިއްޖެއެވެ. "ތިޔައީ މާރިޔާހެއްޔެވެ؟"
މާރިޔާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އޭނާ މާރިޔާއަށް ސިޓީއުރައެއް ފޯރުކޮށްލިއެވެ. "މި އޮތީ ޕާސްޕޯޓެވެ. ގެންދަވާށެވެ."
ސިޓީއުރަ ކަނޑައިގެން ބަލައިލީއިރު އޮތީ ޕާސްޕޯޓު ހަދައި ނިންމައިފައެވެ. ކުރިން ދިން ބުރުގާއެޅި ފޮޓޯ ޖަހައިފައެވެ. ހައިރާންވީވަރުން އަހަންނަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. މާރިޔާގެ އުފަލުގެ ކޮޅެއް ނެތެވެ.
ތަގުވާރިކަން ޚިޔާރުކުރާ މީހަކަށް ﷲ މަގު ފަހިކޮށްދެއްވަނީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށޭ އަހަރެން ބުނީމެއް ނޫންހެއްޔެވެ؟"
އަހަރެމެން ނުކުންނާން ހިނގައިގަތީމާ އެ އޮފްސަރު ބުންޏެވެ. "އަދި އެއް ފަހަރު ތިޔަ އައި ރަށަށް ދާން ޖެހޭނެއެވެ. އެ ރަށުގެ ޕާސްޕޯޓު އޮފީހުން ޕާސްޕޯޓުގައި ދެތިން ތައްގަނޑު ޖައްސަން ޖެހޭނެއެވެ."
އަހަރެމެން ވައިގެ މަގުން އަނެއްކާވެސް މާރިޔާގެ ރަށަށް ހިނގައްޖައީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިހާރު މި އޮތީ މާރިޔާގެ ގެއަށްނގޮސް މައިންބަފައިންނާ ބައްދަލުކުރުމުގެ ދަނޑިވަޅު އައިސްފައެވެ. އެރޭ އަނެއްކާވެސް އަހަރެމެން ތިބީ ހޮޓަލެއްގައެވެ.
އިމްތިހާނުގެ ފެށުން
އަނެއް ދުވަހު ހެނދުނު މާރިޔާގެ ގެއަށް ދާން ދެމީހުން ނުކުމެއްޖައީމެވެ.މާ ގިނައިރުތަކެއް ނުވެ އަހަރެމެން ތިބީ ދުވަސްވެފައިހުރި މެދުފަންތީގެ ގެއެއްގެ ކުރިމަތީގައެވެ. ދޮރުގައި ޓަކި ޖަހައިލީމާ ހުޅުވީ ޖާނުން ވަރުގަދަ ފިރިހެނެކެވެ. އެއީ މާރިޔާގެ ބޭބެއެވެ. އޭނާ ފެނުމާއެކު މާރިޔާ ބޭބޭއޭ ގޮވައިލާފައި އޭނާގެ ގައިގައި އޮޅުލައިގެންފިއެވެ. އަދި މޫނުބުރުގާ ނަގައިފިއެވެ. ބޭބެގެ މޫނުމަތީން ފުރަތަމަ ފެނުނީ އުފާވެރިކަމުގެ އަސަރެވެ. އޭގެ ފަހުން އޭނާ ލައިގެން ހުރި ހެދުމުގެ ސަބަބުން ކުޑަކޮށް ހައިރާންވީކަން އެނގުނެވެ.
"އެތެރެއަށް ވަންނާށޭވެސް ނުބުނެ ބަލަހައްޓައިގެން ހުންނާނީ ހެއްޔެވެ؟" މާރިޔާ އުފާވެރިކަމާއެކު އަހައިލިއެވެ.
"ނޫނޭ. ކުއްލިއަކަށް ކޮއްކޮ ފެނުނީމާ ހަދާނެ ގޮތެއް ނޭނގުނީއެވެ. އަވަހަށް ވަންނާށެވެ."
ޖޯސަފް އަހަރެން ގޮވައިގެން ގޮސް މެހުމާނުޚާނާއަށް ވައްދައިފިއެވެ. އެޔަށް ފަހު މާރިޔާ ގޮވައިގެން ގޭތެރެއަށް ވަދެއްޖެއެވެ. އަހަންނަށް އެ މީހުން ވާހަކަދައްކާ އަޑު އިވެއެވެ. ވާހަކަދައްކަމުން ދިޔައީ ރޫސީ ބަހުންނެވެ. އެހެންވީމާ ކިޔަނީ ކީކޭ ކަމެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އަޑު މަޑުމަޑުން ގަދަވަމުން ހޫނުވަމުންދާ ކަމުގައި އަހަންނަށް އިހުސާސްކުރެވުނެވެ. އެ މީހުން އެންމެން މާރިޔާއާ ދިމާއަށް ހަޅޭއް ލަވަނީއެވެ. ދޭތެރެދޭތެރެއިން މާރިޔާގެ އަޑުވެސް އިވެއެވެ. އޭނާ ގެންދިޔައީ ކެތްތެރިކަމާއެކު މަޑުމަޑުން އެމީހުންނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުންނެވެ. އަހަރެންގެ ހަވަނަ ހިއްސުން ނުރައްކަލުގެ ރަނގަބީލު ޖަހައިފިއެވެ. އެކަމަކު ހުރިހައި ކަމެއް ރަނގަޅަށް އޮޅުން ނުފިލަނީސް އަހަންނަކަށް އިންތަނުން ތެދުވެވޭކަށްވެސް ނެތެވެ. ކުއްލިއަކަށް އެމީހުންގެ އަޑު މަޑުމަޑުން ކައިރިވަމުން އައިސް އޭނާ އިން ތަނާ ވަރަށް ކައިރިވެއްޖެކަމުގެ އިހުސާސް ކުރެވިއްޖެއެވެ. ކުއްލިއަކަށް ޖެހި ލަތްކަކާއެކު މެހުމާނުޚާނާގެ ދޮރު ހުޅުވިއްޖެއެވެ. އެތެރެއަށް ވަނީ ތިން ފިރިހެނުންނެވެ. އެތަނުން އެކަކީ މެދު އުމުރުގެ މީހެކެވެ. އޭނާގެ ރަވައްޔާ ފެނުނީމާ އަހަރެން ބިރުގެންފިއެވެ. ވަނުމާއެކު އެ ތިން މީހުން ވަހުޝީ ޖަނަވާރުތަކެއްހެން އަހަރެންގެ މައްޗަށް ފާވެގެންފިއެވެ. ދިފާއު ވެވޭތޯ އަހަރެން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވިއެވެ.
އެއީ ތިން މީހުންނެވެ. އަނެއްކޮޅުން އެހައި ވަރުގަދަވެސް ތިން މީހުންނެވެ. މާގިނައިރުތަކެއް ނުވެ އަހަރެންގެ ވަރު ދޫވެއްޖެއެވެ. މިއަދު މި ކޮޓަރިތެރޭގައި އަހަރެންގެ ފުރާނަ ހިނގައިދާނޭ ކަމުގެ ބިރު އަހަރެންގެ ސިކުނޑީގެ އެއް ކަނެއްގައި އުފެދިއްޖެއެވެ. ހަތަރެސްފައި ހޫރަމުން ދިޔައިރު އަހަރެން ގެންދިޔައީ ބޭރަށް ނުކުންނާން ހުރި ދޮރު ހުރި ދިމާއެއް ފާހަގަކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ދޮރު ހުރިތަން ފާހަގަ ކުރެވުމާއެކު އަހަރެން އެ ދިމާއަށް ދުއްވައިގެންފީމެވެ. ދޮރު ހުޅުވައިފައި މޮތައެއްހެން މަގުމައްޗަށް ނުކުމެ ދުއްވައިގެންފީމެވެ. އެ ތިން މީހުން އަހަރެންގެ ފަހަތުން ދުވެފައި ނުކުތެވެ. އެކަމަކު އަހަރެން މީހުންގަނޑުގެ ތެރެއަށް ފުރޭނިގެން ގޮސް ފިލައިފީމެވެ. އަހަރެން ދިޔައީ ހޮޓަލަށެވެ. ކޮޓަރިއަށް ވަދެ ފުރަތަމަ ކަމަކަށް މޫނުން އައިސްފައި ލޭ ސާފުކޮށްފީމެވެ. ލޯގަނޑުން މޫނު ބަލައިލީމެވެ. މޫނަށް އަރައިފައި އެތިފަހަރުގެ ސަބަބުން ނޭފަތާއި ނިތްކުރިމަތި އޮތީ ނޫފައިގެންފައެވެ. ވީދިފައި އޮތް ގަމީސް ބާލައިފީމެވެ. އަދި އެމީހުންގެ އަތްދަށުން ސަލާމަތްވީ ކަމަށްޓަކައި ﷲ އަށް ޝުކުރުކޮށްފީއެވެ.
އެ ވަގުތު ކުއްލިއަކަށް މާރިޔާގެ ޚިޔާޅު ކުރެވިއްޖެއެވެ. އޭނާގެ މޫނު އަހަރެންގެ ކުރިމަތީގައި އެނބުރޭން ފަށައިފިއެވެ. އެމީހުންގެ އަނިޔާވެރި އެތިފަހަރުތަކުން ސަލާމަތްވުމަކީ މާރިޔާއަށް ކުރެވޭނޭ ކަމެއް ބާވައެވެ؟ ފިރިހެނަކަށްވެ ހުރެ އަހަންނަކަށްވެސް ސަލާމަތެއް ނުވެވުނެވެ. ،ާރިޔާއަކީ އަންހެނެކެވެ. އަހަރެން އެންމެ ބޮޑަށް ބިރުގަތީ މާރިޔާ ހަތިޔާރު ބަހައްޓައިފާނެ ބާވައޭ ހިތަށް އެރީމައެވެ. އަޖައިބެއް ކަހަލަ ވަސްވާސްތަކެއް ހިތަށް ވެރިވާން ފަށައިފިއެވެ. މާރިޔާ އިސްލާމްދީން ދޫކޮށް އަނެއްކާވެސް ކްރިސްޓިއަނަކަށް ވެގެންފާނެ ބާވައެވެ؟ އެހެން ވެދާނެ ބާވައެވެ؟ މިހެން ވެދާނެ ބާވައެވެ؟ ކުރާނޭ ކަމެއް ނޭނގި ހައިރާންކައިފައި އިނދެވިއްޖެއެވެ.
މިއީ މުޅީން ބީރައްޓެހި ގައުމެކެވެ. އަހަންނަށް ކުރެވޭނޭ ކަމަކީ ކޮބައިހެއްޔެވެ؟ ގަނަތެޅުން ނޫން އެހެން ކަމެއް ކުރެވޭނެ ހެއްޔެވެ؟ މިއީ އިންސާނުންގެ ފުރާނައިގެ އަގެއް އޮންނަ ތަނެއް ނޫނެވެ. ދިހަވަރަކަށް ޑޮލަރު ދީފައި ބުނީމާ މީހަކު މަރައިލުމަކީ މި ރަށުގެ މީހަކަށް އެއްވެސް ކަމެއް ނޫނެވެ. ޔާ ﷲ. އެ މީހުން އަނިޔާއާއި ބިރުދެއްކުމުގެ ސަބަބުން ކެތް ނުކުރެވިގެން މާރިޔާ އަހަރެން އުޅޭ ތަނެއް އެ މީހުން ގާތު ބުނެފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ރޭގަނޑު އަނދިރީގައި އައިސް އަހަރެން ގަތުލުކޮށްލުމަކީ ކައިފައި ވައެއް ލުންހައި ފަސޭހަ ކަމެކެވެ.
(ނުނިމޭ)