މަހާރާނީ - 1

މާރިޔާގެ ވާހަކަ

ދަތުރަށް ފެށުން

މާރިޔާއަކީ ވަރަށް ރީތި، ޒުވާން އަންހެން ކުއްޖެކެވެ. އޭނާއަކީ ރޫސީއެކެވެ. ގަދީމީ އާދަކާދަތައް ގަބޫލުކުރާ ދީނީ އާއިލާއަކަށް އުފަންވެފައިވާ ކުއްޖެކެވެ. އޯތޮޑޮކްސް ކްރިސްޓިއަނެކެވެ. ދީނުގެ ހަމަތަކަށް ތަޢައްޞުބާއެކު ބޯލަނބާ ކުއްޖެކެވެ.

އެއް ދުވަހަކު ރޫސީ ވިޔަފާރިވެރިއަކު އެހެން ދެތިން ކުއްޖަކު ހިމެނޭ ގޮތަށް އޭނާޔާއެކު ޚަލީޖްގެ ރަށަކަށް ދާން އެދިއްޖެއެވެ. އެ ރަށުން ކަރަންޓު ސާމާނު ގަނެގެން ގެނެސް ބޮޑު ފައިދާއަކާއެކު ރޫސީވިލާތަށް ވިއްކާނީ ކަމަށް ވިޔަފާރިވެރިޔާ ބުންޏެވެ. މި ކުދިން ދަތުރު ދާން އެއްބަސްވީމާ ހުރިހައި ކަމެއް ހަމަޖެއްސީ ވިޔަފާރިވެރިޔާއެވެ. ވިޔަފާރިވެރިޔާގެ ހަގީގީ ބޭނުން މި ކުދިންނަށް އެނގުނީ އެ ރަށަށް ދިޔައީމައެވެ. އޭނާ ބޭނުންވީ އެ ކުދިން ލައްވައި އަގަށް ބަދުއަޚުލާގީ އަމަލު ހިންގުވާށެވެ. ބައެއް ކުދިން އެ މަޅިގައި ޖެހިއްޖެއެވެ. އެކަމަކު ހަރުކަށި ކްރިސްޓިއަން މާރިޔާ ކަނޑައެޅިގެން ދެކޮޅު ހަދައިފިއެވެ. މާރިޔާއަށް މަލާމާތްކުރުމުގެ ގޮތުން ވިޔަފާރިވެރިޔާ ބުންޏެވެ. "ކަލޭ ތިޔަހަރީ ބީރައްޓެހި ގައުމެއްގައެވެ. އުނުއަނދެގެން ތިޔަހަރަ އެއްޗެއް ފިޔަވައި އެއްވެސް އެއްޗެއް ކަލޭގެ އަތަކު ނެތެވެ. އަހަރެން އެންމެ ލޯލާރިއެއްވެސް ކަލެއަކަށް ނުދޭނަމެވެ. ކަލޭ މުޅިން ބަރުވެގެން ދާނީއެވެ." އޭނާ ރޭވީ މާރިޔާގެ ދިރިއުޅުން މުޅީން ހަލާކުކޮށްލާށެވެ. އޭނާ ގެންގޮސް އެހެން ކުދިންނާއެކު ފުލެޓަކަށް ލައިފިއެވެ. އަދި އޭނާގެ ޕާސްޕޯޓު އަތުލައިފިއެވެ. މާރިޔާ ނޫން އެހެން ކުދިން ހާލަތު ނިޔާކުރި ގޮތް ކަމަށް ބަލައި ހަތިޔާރު ބަހައްޓައިފިއެވެ. ރޫސީ ވިޔަފާރިވެރިޔާ ޖެހިހައި ބެރަކަށް ނަށާން ފަށައިފިއެވެ. އެކަމަކު އަމިއްލަ އަބުރު ނަގައިލާކަށް މާރިޔާ އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. ޕާސްޕޯޓު ދޭށޭ، އެނބުރި ރަށަށް ދާން ބޭނުމޭ ކިޔައި ވިޔަފާރިވެރިޔާ ގާތު މާރިޔާ ކޮންމެ ދުވަހަކު އާދޭސްކުރެއެވެ. އެކަމަކު އޭނާގެ ހިތަކަށް އެއްވެސް އެއްޗެކޭ ނާރައެވެ. އެކަމަކު މާރިޔާ ހުރީ އެ މަޅިން ސަލާމަތްވާން އަޒުމު ކަނޑައަޅައިގެންނެވެ. އެއް ދުވަހަކު ފުލެޓުގެ އެކި ތަންތަން ހާވަމުން ގޮސް ޕާސްޕޯޓު ހޯދައިފިއެވެ. އެ ފިލައިގެން މަގުމައްޗަށް ނުކުމެއްޖެއެވެ. ލައިގެން ހުރި ހެދުން ފިޔަވައި އެހެން އެއްވެސް އެއްޗެއް އަތަކު ނެތެވެ. އެ އިސްލާމީ ގައުމަކު އޭނާ ދަންނަ އެއްވެސް މީހަކު ނެތެވެ. ދާނޭ ތަނެއް، ކުރާނޭ ކަމެއް ނޭނގެއެވެ.

ހާސްވެފައި ހުރެގެން އޭނާ އެކި ދިމަދިމާއަށް ހިނގަމުން ދަނީއެވެ. ކުއްލިއަކަށް ޒުވާން ފިރިހެނަކު ފެނިއްޖެއެވެ. ބަލާބެލުމަށް ރަނގަޅު ފާޑު ޖަހާ މީހެކެވެ. އޭނާޔާއެކު ތިން އަންހެނަކުވެސް ތިއްބެވެ. މާރިޔާ ރޫސީ ބަހުން އޭނާގެ ހާލަތު އެ ޒުވާނާއަށް ކިޔައިދެވޭތޯ މަސައްކަތް ކުރިއެވެ. ޒުވާނާ މައާފަށް އެދިފައި ރޫސީ ބަސް ނުދަންނަ ކަމަށް ބުންޏެވެ. މާރިޔާ އިނގިރޭސިބަހުން ސުވާލުކުރިއެވެ. "އިނގިރޭސި ބަސް ދަންނަންތަ؟" ޒުވާނާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލީމާ މާރިޔާ ވަރަށް ބޮޑަށް އުފާވެފައި ބުނެފިއެވެ. "އަހަރެން މިއީ ރޫސީއަކީމެވެ. މި ރަށަކު އަހަރެންގެ ޓިކާނާއެއް ނެތެވެ. ހޮޓަލެއްގައި ހުރެވޭ ވަރަކަށް އަތަކު ފައިސާއެއް ނެތެވެ. އަހަރެން ދެތިން ދުވަސް ވާންދެން ތިޔަ ގޭގައި ބައިދަފާނަން ހެއްޔެވެ؟ ކޮންމެވެސް ގޮތެއް ހޯދައިގެން އަހަރެން އެހައިތަނުން ރަށަށް ހިނގައިދާނަމެވެ. އެހެން ހަދައިދީފިނަމަ އެ އިހްސާންތެރިކަން އަހަރެން ދުވަހަކުވެސް ހަނދާންނައްތައެއް ނުލާނަމެވެ." މިހެން ބުނެފައި މާރިޔާ އޭނާގެ ބަދުނަސީބުގެ ދާސްތަން ކިޔައިދޭން ފަށައިފިއެވެ. ރޫސީ ވިޔަފާރިވެރިޔާއާ ދިމާވީ ގޮތާއި އޭނާގެ މަޅީގައި ޖެހުނު ގޮތް ވަރަށް ތަފުސީލުކޮށް ކިޔައިދީފިއެވެ. މާރިޔާގެ ވާހަކަ އަހައިފައި ޚާލިދު ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިއްޖެއެވެ. މި އަންހެންކުއްޖާ އެ ހަދަނީ ދޮގޭވެސް ހިތަށް އެރިއެވެ. އަނެއްކޮޅުން މާރިޔާގެ ލޮލުން ފައިބަމުންދާ ކަރުނައެއް ނުހުއްޓުނެވެ. އާދޭހުގެ ނަޒަރަކުން ޚާލިދާ ދިމާއަށް ބަލަހައްޓައިގެން ހުރެ ރޮނީއެވެ. ޚާލިދު އޭނާގެ މަންމައާއި ދެ ދައްތައިންނާ މަޝްވަރާކޮށްލިއެވެ. އެމީހުންގެ އެއް1ބަސްވުމާވެސް އެކު ޚާލިދު، މާރިޔާ ގޮވައިގެން ގެއަށް ހިނގައްޖެއެވެ. ގެއަށް ގޮސް މާރިޔާގެ އާއިލާގެ މީހުންނާ ގުޅޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު ގުޅޭ ގޮތެއް ނުވިއެވެ. މާރިޔާގެ އަވަށުުގެ ފޯނު ލައިނަށް ހުރީ ކޮންމެވެސް މައްސަލައެއް ޖެހިފައެވެ. ގަޑިއެއްހައިއިރު ވާންދެން ބަލާފައި އަނެއްކާވެސް ގުޅޭތޯ ބެއްޔެެވެ. އެކަމަކު ކާމިޔާބު ވާގޮތެއް ނުވިއެވެ.

މާރިޔާއަކީ ކްރިސްޓިއަނެއްކަން އެނގުނީމާ ޚާލިދުގެ މަންމަ އޭނާޔާ މެދު ކަންތައްކުރީ ވަރަށް އޯގާތެރިކަމާ އެކީގައެވެ. އަދި އިސްލާމްދީން ގަބޫލުކުރާށޭވެސް ބުނެފިއެވެ. މާރިޔާ ވަރަށް ހަރުކަށިކަމާއެކު ދެކޮޅު ހަދައިފިއެވެ. ދީނުގެ ވާހަކަ ދައްކާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. އާއިލާގެ ތެރޭގައި އޮތް ދީނީ ހަރުކަށިކަމުގެ ސަބަބުން އޭނާވެސް ވެފައި ވަނީ އިސްލާމްދީނަށް ނަފުރަތުކުރާ މީހަކަށެވެ. އިސްލާމްދީނުގެ ނަން އިވުނަސް އޭނާ ރުޅި އާދެއެވެ. ޚާލިދު އެ ރަށުގެ އިސްލާމީ މަރުކަޒަށް ގޮސް ރޫސީ ބަހުން އިސްލާމްދީނާމެދު ލިޔެފައި ހުރި ބައެއް ފޮތް ގެނެސް އޭނާގެ އަތަށް ދީފައި ކިޔާށޭ ބުނެފިއެވެ. ޚާލިދު ވިސްނައިދިނީމާ އޭނާ އެ ފޮތްތައް ވަރަށް ފަރުވާތެރިކަމާއެކު ކިޔަން ފަށައިފިއެވެ. އެ ފޮތްތަކުގައި ހުރި ހެކިތަކާއި ބުއްދިއަށް ގަބޫލުކުރެވޭ އާދަޔާ ޚިލާފު ވާހަކަތަކުގެ ސަބަބުން މާރިޔާއަށް އަސަރުނުކޮށެއް ނުދިޔައެވެ. އެ ދުވަސްވަރު ޚާލިދުގެ މަންމަވެސް ދިޔައީ އޭނާއަށް އިސްލާމްދީނުގެ ވާހަކަތައް ކިޔައްިދެމުންނެވެ. މާ ގިނަ ދުވަސްތަކެއް ނުވެ މާރިޔާ އިސްލާމްދީން ގަބޫލުކޮށްފިއެވެ.

މާރިޔާ ގެންދިޔައީ ދީނީ ތައުލީމު ހާސިލުކުރަމުންނެވެ. ތައުލީމު ލިބިގެން ތިބި ހެޔޮލަފާ އަންހެނުންނާއެކު އުޅުމުގެ ސަބަބުން އޭނާގެ ކިިބައިގައި އިސްލާމީ ރިވެތި އާދަތައް ފިސާރި ރަނގަޅަށް އަށަގެންފިއެވެ. މިހާރު އޭނާ ބިރު ގަންނަނ އެނބުރި ރަށަށް ދިޔައީމާ އަނެއްކާވެސް ކްރިސްޓިއަން ދީނަށް ވަންނާން ޖެހިދާނެތީއެވެ.

ކާވެނީގެ އުފާވެރިކަން

ޚާލިދު މާރިޔާއާ އިނދެފިއެވެ. އިސްލާމްދީން ދެކެ މާރިޔާ ލޯބިވާން ފެށްޓީ އާއްމު އެހެން އަންހެނުންނަށްވުރެ މާ ބޮޑަށެވެ. އެއް ދުވަހަކު ޚާލިދާއެކު ބާޒާރަށް ގޮސް އުޅުމުގެ ތެރޭގައި މޫނުބުރުގާ އަޅައިގެން ހުރި އަންހެނަކު އޭނާއަށް ފެނިއްޖެއެވެ. އެއީ އެހައި ވަރަށް ނިވައިވެގެން ހުރި އަންހެނަކު ދުށް ފުރަތަމަ ފަހަރެވެ. އޭނާ ޚާލިދާ ސުވާލުކޮށްލިއެވެ. "އެ އަންހެންމީހާ މޫނު ފޮރުވައިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ މޫނުގައި އައިބެސް ހުރީ ހެއްޔެވެ؟"

ޚާލިދު ބުންޏެވެ. "ނޫނެކެވެ. އޭނާ ނިވައިވެގެން އެ އުޅެނީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންވާން ވެގެންނެވެ."

ޚާލިދުގެ ވާހަކަ އަހައިފައި އިރުކޮޅެއް ވާންދެން މާރިޔާ ހިމޭނުން ހުއްޓެވެ. އެޔަށް ފަހު ބުންޏެވެ. "އެއީ ހަމަ ހަގީގަތުގައިވެސް އިސްލާމީ ހިޖާބެވެ. ﷲ ތަޢާލާ ބޭނުންވެވޮޑިގެން ވަނީ އަހަރެމެން އެ ގޮތަށް އުޅޭށެވެ."

ޚާލިދު އަހައިފިއެވެ. "މާރިޔާއަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟"

މާރިޔާ ބުންޏެވެ. "އަހަރެން ބޮޑު ފިހާރައަކަށް ވަދެްއްޖެއްޔާ އެތާގައި ތިބޭ މީހުން ކަޅި އަހަރެންގެ މޫނަކުން ނެއްޓޭ ގޮތެއް ނުވެއެވެ. ހީވަނީ ލޮލުން އަހަރެން ކައި ހުސްކޮށްލަފާނެ ހެންނެވެ. އެހެންވީމާ މޫނު ފޮރުވުމަކީ ލާޒިމު ކަމެކެވެ. އަހަރެންގެ މޫނު ފެންނާން ވާނީ ފިރިމީހާއަށް އެކަންޏެވެ. އެކަހަލަ ބުރުގާއެއް ގަނެގެން ނޫނީ މިއަދަކު ގެއަކަށް ނުދާނަމެވެ. ލިބޭނީ ކޮން ތަނަކުން ހެއްޔެވެ؟"

މާރިޔާ ދެއްކި ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދީ ޚާލިދު ބުނެލިއެވެ. "މަންމައާއި ދައްތަމެން އެތިބަހެން މާރިޔާވެސް މިހާރު ތިޔަ އަޅާ ގޮތަށް ބުރުގާ އަޅައިގެން އުޅޭށެވެ."

"ނޫނެކެވެ. އަހަރެން އަޅާނީ ﷲ ތަޢާލާ ރުއްސަވާ ކަހަލަ ބުރުގާއެކެވެ." މާރިޔާގެ އަޒުމަކަށް ބަދަލެއް ނައެވެ.

ދުވަސްތައް ފާއިތުވަމުން ހުރެދެއެވެ. މާރިޔާގެ އީމާންކަން ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަވަމުންނެވެ. ޚާލިދުގެ މަންމަ މާރިޔާ ދެކެ އިންތިހާއަށް ލޯބިވާން ފަށައިފިއެވެ. ޚާލިދުވެސް ހުންނަނީ އޭނާޔާ ހެދޮ މޮޔަވެފައެވެ.

މާރިޔާގެ ޕާސްޕޯޓުގެ މުއްދަތު ހަމަވާން ގާތްވެއްޖެއެވެ. އެހެންވީމާ ޕާސްޕޯޓު އައުކުރުން ލާޒިމު ވެއްޖެއެވެ. އެކަމަކު ރަށަށް ގޮސްގެން ނޫނީ އައު ކުރެވޭކަށް ނެތެވެ. ޕާސްޕޯޓު އައު ނުކޮށް އުޅުމަކީ އެ ރަށުގެ ގާނޫނު މަނާކުރާ ކަމެކެވެ. ޚާލިދު ނިންމީ މާރިޔާ ގޮވައިގެން ރޫސީވިލާތަށް ދާށެވެ. ދެމީހުން ރަޝިއަން އެއަރލައިންސްގެ ބޯޓެއްގައި ރޫސީވިލާތަށް ދާން ފުރައިފިއެވެ. މާރިޔާ އިނީ މޫނުބުރުގާ އަޅައިގެންނެވެ.

ޚާލިދު ބުންޏެވެ. "ތިޔަހެން އިނީމާ މައްސަލައަކާ ކުރިމަތިލާންވެސް ޖެހިދާނެއެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.