މަހާރާނީ - 2

(11 މާޗް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ސުބްޙާނަﷲއެވެ. ޚާލިދު ބޭނުންވަނީ އަހަރެން މި ކާފަރުންގެ ބަހަށް ހެއްލި، ﷲ ތަޢާލާގެ އަމުރުފުޅާ ދެކޮޅުހަދާން ހެއްޔެވެ؟" މާރިޔާ އިނީ ހައިރާންވެފައެވެ. އޭނާ ވަރުގަދަ އަޒުމަކާއެކު ބުންޏެވެ. "ﷲ ގަންދީ ބުނަމެވެ. އަހަރެން އެހެންނެއް ނުހަދާނަމެވެ. އަހަރެން މޫނުބުރުގާ ނުނަގާނަމެވެ. އެމީހުން ބޭނުން ގޮތަކަށް އެމީހުން ކަންތައް ކޮށްފާނެއެވެ."

ބޯޓުގައި ތިބި އެހެން ފަސިންޖަރުން އޭނާޔާ ދިމާއަށް އެކި ގޮތްގޮތަށް ބަލަމުން ގެންދިޔައެވެ. ބޯޓުގެ ފަޅުވެރިން ކާބޯތަކެތި ގެނެސްދޭން ފަށައިފިއެވެ. ކައި ނިމުނީމާ އޮތީ ރާ ގެނެސްދިނުމެވެ. ފަސިންޖަރުން ބޮއިގެން އަމަލުވާން ފަށައިފިއެވެ. މާރިޔާ އޭނާގެ ފިރިމީހާޔާ ގާތަށް ޖެހިލިއެވެ. ޚާލިދު ކަންބޮޑުވެފައި މާރިޔާއާ ދިމާއަށް ބަލައިލިއެވެ. ފަސިންޖަރުން ރޫސީ ބަހުން ކިޔަމުންދާ އެއްޗެއް އޭނާއަކަށް ނޭނގެއެވެ. މާރިޔާ ހިތްހަމަޖެހިލައިގެން އިނދެ ހިނިތުންވަނީއެވެ. ފަސިންޖަރުން ދައްކަމުން ދިޔަ "ވިހަ" ވާހަކަތައް މާރިޔާ އޭނާގެ ފިރިމީހާއަށް ތަރުޖަމާކޮށް ދިނީމާ ޚާލިދު ވަރަށް ބޮޑަށް ރުޅި އަތުވެއްޖެއެވެ.

"ޚާލިދު ހާސްނުވާށެވެ. ކީރިތި ރަސޫލާގެ މާތް ޞަޙާބީން ދީނުގެ މަގުގައި ކުރިމަތިލެއްވި ކަންތައްތަކާ އަޅައި ބަލާއިރު މިއީއަކީ އެއްވެސް ކަމެއް ނޫނެވެ. އެ ބޭކަލުންވެސް ކެތްކުރެއްވިއެވެ."

މި ފަދަ ހާލެއްގައި ގޮސް މަތިންދާ ބޯޓު ރޫސީވިލާތަށް ޖައްސައިފިއެވެ.

ޚާލިދު ވާހަކަ ކިޔައި ދިނެވެ. އަހަރެން ހީކޮށްގެން ހުރީ ވައިގެބަނދަރުން ނުކުމެގެން އަހަރެމެން ދާނީ ސީދާ މާރިޔާގެ ގެއަށް ކަމަށެވެ. ޕާސްޕޯޓު ލިބެންދެން އެ ގޭގައި ތިބޭނީއެވެ. ލިބުމާއެކު އެނބުރި ރަށަށް ދާނީއެވެ. އެކަމަކު މާރިޔާގެ ވިސްނުން ހުރީ އެހެންނެއް ނޫނެވެ. އޭނާ ވިސްނީ ދުރަށެވެ. ހާލަތު އޮތް ގޮތުގެ މައްޗަށެވެ. އޭނާ އަހަރެން ގާތު ބުންޏެވެ. "އަހަރެމެންގެ ގޭ މީހުންނަކީ ހަރުކަށި އޯތޮޑޮކްސް ކްރިސްޓިއަނުންނެވެ. މިހާރު އެމީހުން ގާތަށް ދިއުމަކީ ރަނގަޅު ކަމަކަށް ނުވާނެއެވެ. ހޮޓަލަކުން ކޮޓަރިއެއް ހިފަމާ ހިނގާށެވެ. ޕާސްޕޯޓު ލިބެންދެން ތިބޭނީ ހޮޓަލެއްގައެވެ. ޕާސްޕޯޓު ލިބުނީމާ ގެއަށް ގޮސްފައި ފުރައިގެން ދާނީއެވެ."

މާރިޔާގެ ވާހަކައަށް އަހަރެންވެސް ތާއީދުކޮށްފީއެވެ. އެރޭ އަހަރެމެން ތިބީ ހޮޓަލެއްގައެވެ. އަނެއް ދުވަހު ހެނދުނު ޕާސްޕޯޓު އޮފީހަށް ގޮސް އެތަނުގެ އޮފްސަރަކާ ބައްދަލުކޮށްފީމެވެ. އޭނާ ބޭނުންވީ މުއްދަތުހަމަވާ ޕާސްޕޯޓާއި މާރިޔާގެ ފޮޓޯއެކެވެ. އަހަރެން ކަޅާއި ހުދުގެ ފޮޓޯއެއް އޭނާގެ އަތަށް ދީފީމެވެ. ފޮޓޯއިން ފެންނަނީ ނިތްކުރިޔާ ހަމައަށް މޫނެވެ.

އޮފްސަރު ބުންޏެވެ. "މި ފޮޓޯ ކަމަކު ނުދާނެއެވެ. ބޮލާއި ކަރާއެކު ސާފުކޮށް ފެންނާންހުރި ކުލަ ފޮޓޯއެއް ގެންނާށެވެ."

މާރިޔާ ބޯ ހޫރައިލިއެވެ. "ނޫނެކެވެ. ތިޔަ ފޮޓޯއިން ވާނެއެވެ. އެހެން ފޮޓޯއެއް އަހަރެމެންގެ އަތަކު ނެތެވެ."

އޭނާ އަހަރެމެން ގޮވައިގެން އެހެން އޮފްސަރެއްގެ ގާތަށް ހިނގައްޖެއެވެ. އެ ތަނުން ތިން ވަނަ އޮފްސަރެއްގެ ގާތަށް ގެންގޮސްފިއެވެ. ތިން މީހުންވެސް ދެއްކީ އެއް ވާހަކައެކެވެ. ބުރުގާ ނާޅައި ހުރި ކުލަ ފޮޓޯއެއް ގެންނާށޭއެވެ.

އަހަރެންގެ އަންހެނުން ބުންޏެވެ. "އަހަރެން އެމީހުން އެ ބުނާ ގޮތަކަށް ނުހަދާނަމެވެ. ބުރުގާ ނާޅައި ހުރި ފޮޓޯއެއް ނުދޭނަމެވެ."

ނަތީޖާ ވަރަށް ސާފެވެ. އެ މީހުން އަހަރެމެން ލީ ފޯމު ގަބޫލުނުކޮށް އަނބުރައި ދީފިއެވެ. ދެން އަހަރެމެން ދިޔައީ ޕާސްޕޯޓު އޮފީހުގެ ޑިރެކްޓަރުގެ ގާތަށެވެ. އެއީ އަންހެނެކެވެ. މާރިޔާގެ އާދޭހާއެކުވެސް ފޮޓޯ ގަބޫލުކުރާކަށް ޑިރެކްޓަރު އެއްބަހެއް ނުވިއެވެ. މާރިޔާ ބުންޏެވެ. "ތިޔައީ އަޅުގަނޑުގެ ފޮޓޯއެކެވެ. ތިޔަ ބޭފުޅުންގެ އަތްޕުޅުގައި ހުރި ފޮޓޯތަކާ އެއްގޮތްތޯ ބައްލަވާށެވެ. އެއްވެސް ތަފާތެއް ނުހުންނާނެއެވެ. ބައްލަވަން ބޭނުންފުޅުވަނީ މޫނު ނޫންތޯއެވެ؟ މޫނު ތިޔަހަރީ ފެންނާށެވެ. އިސްތަށިގަނޑަށް ހުންނާނީ ބަދަލު އައިސްއައިހެވެ."

ޑިރެކްޓަރު ބުނި ގޮތުގައި އެ ފޮޓޯ ގަވާއިދަކަށް ނުފެތެއެވެ. އެހެންވީމާ ގަބޫލެއް ނުކުރެވޭނެއެވެ.

މާރިޔާ ބުންޏެވެ. "އަޅުގަނޑުގެ އަތުގައި އޮތް ފޮޓޯއަކީ ތިޔައީއެވެ. ދެން އަޅުގަނޑު ހަދަންވާ ގޮތެއް ވިދާޅުވާށެވެ."

އޭނާ ބުންޏެވެ. "ކަމަނާގެ މައްސަލަ ހައްލުކުރެއްވޭނީ މޮސްކޯގައި ހުންނަވާ ޑިރެކްޓަރ ޖެނެރަލަށެވެ."

މައްސަލައިގެ ހައްލު އޮތް ގޮތް އޭނާ ކިޔައިދިނީމާ އަހަރެމެން ދެމީހުން އޮފީހުން ބޭރަށް ނުކުމެއްޖައީމެވެ.

މާރިޔާ އަހަންނާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "މޮސްކޯއަށް ހިނގާށެވެ."

އަހަރެން ކުޑަކޮށް ނުރުހިފައި ބުނެފީމެވެ. "އެ މީހުން އެ ބުނާ ގޮތަށް މާރިޔާ ހެދިއްޔާ ވާނީ ކީއްހެއްޔެވެ؟ އެ މީހުން އެ ބުނާ ގޮތަށް ފޮޓޯއެއް ނަގާފައި ދޭށެވެ. ﷲ ތަޢާލާ އެއްވެސް މީހަކަށް އެ މީހަކަށް ނުއުފެލޭވަރުގެ މުސީބާތެއް ނުޖައްސަވައެވެ. އަމިއްލައަށް ކުޅަދާނަވާ މިންވަރަށް ތަގުވާވެރިވާށެވެ. މިހާރު ކުރިމަތިވެފައި މި އޮތީ މަޖުބޫރު ހާލަތެކެވެ. ޕާސްޕޯޓު ފެންނާނީ ދެތިން މީހަކަށެވެ. އޭގެ ފަހުން މުއްދަތު ހަމަވަންދެން އޮންނާނީ މާރިޔާގެ އަތުގައި ގޭގައެވެ. އެއްވެސް މީހަކަށް އެޔެއް ނުފެންނާނެއެވެ. މައްސަލަ ބޮޑުކުރަން ނޫޅޭށެވެ. މޮސްކޯއަށް ދާނެ ކަމެއް ނެތެވެ."

"ނޫނެކެވެ. ތިޔަކަމެއް ނުވާނެއެވެ. ބުރުގާ ނާޅައި ހުރެގެން އަހަރެން ފޮޓޯއެއް ނުނަގާނަމެވެ." މާރިޔާ ބުންޏެވެ.

މޮސްކޯގައި

މާރިޔާ ކުރުނުކޮށް ކިޔަން ފެށީމާ އަހަރެން އޭނާ ގޮވައިގެން މޮސްކޯއަށް ހިނގައްޖައީމެވެ. އެ ރަށުގައި އަހަރެމެން ތިބީ މެދު ފެންވަރެއްގެ ހޮޓަލެއްގައެވެ. އެއް ރޭ ތިބެފައި އަނެއް ދުވަހު ހެނދުނު ޕާސްޕޯޓު އޮފީހަށް ހިނގައްޖައީމެވެ. ޑިރެކްޓަރ ޖެނެރަލާ ބައްދަލުވެއްޖެއެވެ. އެއީ ވަރަށް ހަރުކަށި، ވިޔާނުދާ މީހެކެވެ. އޭނާ މާރިޔާގެ ޕާސްޕޯޓާއި ފޮޓޯ އެކި ގޮތްގޮތަށް ބަލައި ހެދުމަށް ފަހު ބުންޏެވެ. "މި ފޮޓޯގައި މިހިރީ ކަލޭކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟" މާނައަކީ މާރިޔާގެ މޫނު އޭނާއަށް ނުދައްކަނީހެއް އެ ފޮޓޯ ގަބޫލެއް ނުކުރާނެއެވެ. އޭނާގެ ނިޔަތް އޮތް ގޮތް މާރިޔާއަށް ވިސްނައިގަނެވުނީމާ ބުނެފިއެވެ. "އެންމެ ރަނގަޅެވެ. އަންހެން އޮފްސަރަކު ގެންނަވާށެވެ. އޭނާއަށް އަޅުގަނޑުގެ މޫނު ދައްކައިފާނަމެވެ. ތިޔަ ބޭފުޅާއަކަށް ނުދައްކާނަމެވެ."

މާރިޔާ މިހެން ބުނީމާ އޭނާ ރުޅި އައިސް ރަތްވެއްޖެއެވެ. ޕާސްޕޯޓާއި ފޮޓޯ އޭނާގެ މޭޒުގެ ވަތްގަނޑަށް ލުމަށް ފަހު ބުންޏެވެ. "ބާ ޕާސްޕޯޓެއްވެސް އާ ޕާސްޕޯޓެއްވެސް ދެނެއް ނުލިބޭނެއެވެ. މި ތަނުން ބުނާ ގޮތަށް ރަނގަޅު ފޮޓޯއެއް ހިފައިގެން އައީމާ ނޫނީ އެއްވެސް ކަމެއް ކުރިއަކަށް ނުދާނެއެވެ."

އެ ބުނާ ގޮތް ނޫން ގޮތަކަށް ނުހަދާނެކަން އޭނާގެ ރާގުން ވަރަށް ސާފުކޮށް އެނގެއެވެ. މާރިޔާވެސް ހުރީއަކީ ދޫދޭ ކަހަލަ ގޮތަކަށް ނޫނެވެ. އޭނާ ޑިރެކްޓަރ ޖެނެރަލާ ޒުވާބުކުރަން ފަށައިފިއެވެ. އެތައް އިރަކު ވާހަކަދެއްކީމާވެސް އޭނާގެ ނިންމުމަކަށް ބަދަލެއް ނުގެނައެވެ. އެންމެ ފަހުން މާރިޔާ ވާހަކަދެއްކުން ހުއްޓާލައިފިއެވެ. އަހަރެން އޭނާ ގޮވައިގެން ބޭރަށް ނުކުމެއްޖައީމެވެ.

"މާރިޔާ. ﷲ އެއްވެސް މީހަކަށް އެ މީހަކަށް ނުއުފުލޭވަރުގެ ބުރައެއް ނުޖައްސަވައޭ ކުރިންވެސް ބުނީމެއް ނޫންހެއްޔެވެ؟ މިހާރު އަހަރެމެން މިތިބީ މަޖުބޫރުވެފައެވެ. އެއްތަނުން އަނެއް ތަނަށް މި ގޮތަށް ދުވެދުވެ ތިބޭނީ ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟" އަހަރެން އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރީމެވެ.

އޭނާ ފުރިހަމަ ޔަގީންކަމާއެކު ބުންޏެވެ. "ﷲ އަށް ކިޔަމަންތެރިވެ ތަގުވާވެރިވެއްޖެ މީހަކަށް އެކަލާނގެ ކޮންމެވެސް މަގެއް ދައްކަވާނެއެވެ. އެކަލާނގެ އަޅުތަކުންގެ މައްސަލަތައް ހައްލުކޮށް ދެއްވަނީ އެމީހުން ހީވެސް ނުކުރާ ކަހަލަ ގޮތްގޮތަށެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.