އެއްގޯސް ވެގެން އުޅެނީ ހަމައެކަނި ރާއްޖެއާ އިންޑިއާގެ ގުޅުމެއް ނޫން!

ކެނެޑާއާއި އެމެރިކާއަށްފަހު އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުމުގައި ވެސް ކުނި ޖެހި ކިލަނބުވެން ހިނގައްޖެއެވެ.

ދިވެހި-އިންޑިއާގެ ގުޅުމުގައި ރެނދުލާން ފެށިކަން ހާމަވާން ފެށީ އެކިއެކި ބޭނުންތަކުގައި ރާއްޖެއައިސް ވަކިހިއްޕާލައިގެން ތިބި އިންޑިއާ ސިފައިން ގައުމުން ބޭލުމަށް "އިންޑިއާ އައުޓް"ގެ ނަމުގައި މަގުމަތީ ހަރަކާތްތަކެއް ރާއްޖޭގައި ފެށުނު ހިސާބުންނެވެ. އެކަމުގައި ވަނީ ގައުމީ  ހަރަކާތެއްގެ ސިފަ ޖެހިފައެވެ. އޭގެ އިތުރަށް އިންޑިއާއަށާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔައި ބައެއް ދިވެހީން މީސްމީޑިއާގައި ލިޔާ ލިއުންތަކުގެ ސަބަބުން ވެސް ދެ ގައުމުގެ ގުޅުމަށް ވާންކުރަމުން އެބަދެއެވެ.

"އިންޑިއާ އައުޓް" ހަރަކާތުގެ "ބާނީ"އަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން "ފައްސާލަން" ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު މަސައްކަތްތަކެއް ކުރެއްވިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެގެން އުޅެނިކޮށް ރިޔާސީ ދައުރު ނިމި، ދެ ވަނަ ދައުރެއް އެމަނިކުފާނަށް ލިބިވަޑައެއް ނުގަތެވެ.

ރައީސް ޔާމީން "އިންޑިއާ އައުޓް" ކެމްޕޭނުގެ ބައިވެރިންނާ ސަލާމް ކުރައްވަނީ

ރައީސް ޔާމީނަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މަސައްކަތް ކުރީ އިންޑިއާއާ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. ގައުމު ތަރައްގީ ކުރުމުގެ ނަމުގައި އިންޑިއާއިން އިތުރު ލޯނު ނެގުމަށެވެ. ނަތީޖާއަކަށްވީ ދިވެހި ގައުމު އިތުރަށް އިންޑިއާގެ މުށުތެރޭގައި ފިތެމުން ދަރަނިވެރިވަމުން ދިއުމެވެ.

ފާއިތުވި 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމް- ޕީއެންސީން ރައްޔިތުންނަށް ވިސްނައިދިން އެންމެ ވަރުގަދަ ޝިޢާރަކީ ދިވެހިރާއްޖެއަކީ ދިވެހީންގެ ތަނެއްކަމަށާއި ބޭރު ބައެއްގެ އަޅުވެތިކަމުގެ ދަށަށް ދިވެހީން ދާން ނުޖެހޭނެ ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭނެ ކަމެވެ.

ކުރީގެ ރައީސް ޔާމީން ފެއްޓެވި "އިންޑިއާ އައުޓް" ކެމްޕޭންގެ ޝިޢާރާއެކު އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ އިންތިޚާބީ ވައުދު ފުއްދެވުމަށް ޓަކައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެކަމުގެ ފަސޭހަ އަލިމަގެއް ފެނިފައި ނުވާއިރު، އެކަމާ ގުޅިގެން އިންޑިއާ- ރާއްޖޭގެ ގުޅުމަށް ދަނީ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ  ސަރުކާރުން އިންޑިއާގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ބޭތިއްބުމަށް ކިތަންމެ ބޭނުންވިޔަސް އެކަމާ ދެކޮޅަށް އައު ސަރުކާރާއި ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުތުމުން ރާއްޖޭގައި ވަކިހިއްޕާލައިގެން ތިބުމަށް އިންޑިއާ ދެކޭ ހުވަފެން ވަނީ ބިލާހަކަށްވެ ފުނޑުފުނޑުވާން ފަށާފައެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު  ރައީސް ޑރ. މުޢިއްޒު ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބަދަލުގައި ތުރުކީ ހޮއްވަވައި އަހަރުތަކެއް ކުރިން ރާއްޖޭގައި އޮތް ސަގާފަތް މުގުރާލެއްވިއެވެ. އަދި އިންޑިއާގެ ހުރިހާ ސިފައިން އެނބުރި އިންޑިއާއަށް ދިއުމަށް ރަސްމީކޮށް އެދިވަޑައިގަތެވެ.

ދިވެހީންގެ ވަރަށް ގިނަ ބަޔަކު ބުނަމުން ދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ގައުމުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށާއި މަޖިލީހުގެ ރުހުން ނެތި ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބުމަކީ ގާނޫނު އަސާސީއާއި ބައިނަލްއަގްވާމީ އަގުތަކާ ހިލާފު ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޑރ. މުޢިއްޒު ހަވާލުވެވަޑައިގެންނެވިފަހުން ކުރިން އިންޑިއާއަށް ރާއްޖެއިން ދީފައިވާ އިސްކަމަށް ގޮންޖައްސަވައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަފާތުކޮށް އަލުން އިންތިޒާމު ކުރަމުން ގެންދަވާކަމަށް ފާޑުކިއުންތެރިން ދަނީ ބުނަމުންނެވެ.

އިންޑިއާއަކީ ރާއްޖެއާ އަވައްޓެރި އަދި އެހީތެރިކަން ކިތަންމެ ބޮޑަށް ފޯރުކޮށްދޭ ގައުމަކަށް ވިޔަސް ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާ ވަނުމަކީ ދިވެހިންގެ ގިނަ ބަޔަކު އެދޭ ގޮތެއް ނޫނެވެ. އެކަން އެނގެނީ އިންޑިއާ ސަރުކާރަށާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް އަމާޒުވެ އިތުރު ވަމުންދާ ފާޑުކިއުންތަކުންނެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބޮޑުވަޒީރު މޯދީއަށާއި އިންޑިއާއަށް ފާޑުކިއުމަކީ އެކަން ކުރާ މީހުން ފާޅުގައި އިންޑިއާއާ ދެކޮޅަށް ހިންގާ ބަޣާވާތެކެވެ. ކާންދޭ އަތުގައި ދަތްއެޅުން ފަދަ ކަމެކެވެ. އަނެއްބަޔަކު ބުނާ ގޮތުގައި އިންޑިއާއަށް ފާޑު ނުކިޔެންވީ ސަބަބެއް ނެތެވެ.

އިންޑިއާގެ ޕަންޖާބުގައި ޚާލިސްތާންގެ ނަމުގައި މިނިވަން ގައުމެއް އުފައްދަން ހަރަކާތްތެރިވާ ސިކުންގެ ލީޑަރުން މަރާލުމަށް އިންޑިއާއިން ރާވައި ހިންގާކަމަށް ބުނާ ރޭވުންތަކުގެ ސަބަބުން ކެނެޑާއާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ވަނީ ހީނަރުކަން އައިސް ގުޅުން ކިލަނބުވެފައެވެ.

ލަދާޚްގެ މައްސަލައިގައި ޗައިނާއާއި އިންޑިއާގެ ގުޅުމަށް ވެސް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. ހަމަ އެގޮތަށް އިންޑިއާގެ ބަނޑުން އުފަންވި، ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވެސް އޮތީ ނާޒުކު ހާލަތަކަށް ވެއްޓިފައެވެ. އެކަމުގެ ސަބަބުން ސަރަހައްދީ ގައުމުތަކުގެ، ސަރަހައްދީ އެއްބާރުލުމުގެ ގުޅުން  "ސާކް"ގެ މައިގަނޑު ހަރަކާތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އިންޑިއާ އިގުތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ރޮނގުންނާއި ޢަސްކަރީ ގޮތުން ކިތަންމެ ބޮޑު ބާރަކަށް ވިޔަސް އިންޑިއާއަކީ އަވައްޓެރިންނަށް އޮތް ބިރަކަށް ވެގެން ނުވާނެއެވެ. އަދި އެއްގޯސް ވެގެން އުޅެނީ ހަމައެކަނި ރާއްޖެއާއި އިންޑިއާގެ ގުޅުން ކަމަށް ވިސްނުމަކީ ވެސް ހަގީގަތެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.