ބަނގުލަދޭޝްގެ އިންތިޚާބު: މިފަހަރު ވެސް ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނީ ޙަސީނާއަށް

ބަނގުލަދޭޝްގެ އިންތިޚާބު އިދިކޮޅު ފަރާތްތަކުން ބޮއިކޮޓް ކުރި ނަމަވެސް އާދީއްތަ ދުވަހު ވޯޓުލުން ކުރިއަށް ގެންގޮސް ނިންމައިފިއެވެ.

އިދިކޮޅުފަރާތްތަކުން އެދެމުން ދިޔަ ގޮތަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ އެތައް މިލިއަން ބަޔަކު ވޯޓުލާކަށް ނުނިކުމެއެވެ.

ބަނގުލާދޭޝްގެ އިދކޮޅު ޕާޓީ، ބަނގުލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ)ގެ އިސް ބޭފުޅެއް ކަމުގައިވާ ޑރ. ޢަބްދުލް މުޢީން ޚާން ވަނީ ވޯޓުލާން ނުދިޔަ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އިލެކްޝަން ކޮމިޝަންގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ވޯޓުލުމުގައި ބައިވެރިވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރޭން އެންމެ 40 ޕަސެންޓު މީހުންނެވެ.

ހަވީރު ފަހެއް ޖަހަންދެން ވޯޓުލުން ކުރިއަށްގެންދިޔައިރު، ވޯޓުލައި ނިމޭތާ މާގިނަ އިރެއްނުކޮށް ވޯޓު ގުނުމުގެ ކަންތައް ކުރިއަށް ގެންދަން ފަށާނެއެވެ. އަދި ލަސްވެގެން ރޭގަނޑު ދަންވަރު އެކި ސަރަހައްދުތަކުން ވޯޓުގެ ނަތީޖާ އިއުލާން ކުރަން ފަށާނެއެވެ.

ބޮޑުވަޒީރު ޙަސީނާ ވާޖިދާ ދެކޮޅު ފަރާތްތަކުން ވަނީ ހަފުތާ ބަންދުގައި އާންމު ހަޅުތާލެއް އިއުލާންކޮށް ވޯޓުލާން ނުނިކުތުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ބަނގުލަދޭޝްގެ އެތައް މިލިއަން ރައްޔިތުން  ވޯޓުލުމުގެ ހައްގު އާދީއްތަ ދުވަހު ބޭނުން ކުރަމުންދިއައިރު، އިދިކޮޅު ޕާޓީތަކުން އިންތިޚާބު ބޮއިކޮޓްކޮށް ވޯޓުލާން ނުނިކުތުމުން، ފަސް ވަނަ ފަހަރަށް ޝައިޚް ޙަސީނާއަށް އެ ގައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ މަގު ވަނީ ފަހިވެގެން ގޮސްފައެވެ.

އަހަރުތަކެއް ކުރިން ފަގީރު ނިކަމެތި ގައުމެއްގެ ގޮތުގައި އޮތް ބަނގުލާދޭޝް ޙަސީނާ ވާޖިދުގެ އަނިޔާވެރި ވެރިކަމުގައި އާދަޔާ ޚިލާފު އިގުތިސާދީ ކުރިއެރުންތަކެއް ހޯދާފައި ވެއެވެ. ނަމަވެސް އެކަމަނާގެ ސަރުކާރުން އިންސާނީ ހައްގުތަކާ ފުޅާދާއިރާއެއްގައި ހިލާފުވެ، އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އަނިޔާވެރި ފިޔަވަޅުތަކެއް އަޅާފައިވާ ކަން ވަންހަނާކަމެއްނެތި ފާޅުވެފައިވެއެވެ.

ނޫސް އެޖެންސީ އޭއެފްޕީއިން ބުނި ގޮތުގައި ޙަސީނާ ވާޖިދުގެ ޕާޓީން ވާދަކުރާ ގޮނޑިތަކުގައި ވަރުގަދަ ވާދަވެރިއަކާ ކުރިމަތިލާކަށް ނުޖެހޭނެއެވެ.

ވޯޓުލާން ނިކުތް ބައެއް މީހުން ބުނެފައި ވަނީ ވެރިކަން ކުރާ ޢަވާމީ ލީގަށް ވޯޓު ދިނުމަށް ދެކޮޅު ހަދާނަމަ، ސަރުކާރުން ދީފައިވާ ޢިނާޔަތުގެ ކާޑު އަތުލާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށެވެ.

"އެމީހުން ބުނީ އަހަރެން ވޯޓު ނުދީފިއްޔާ އަހަރެންގެ އަތުން ކާޑު އަތުލާނެކަމަށް." ފަރީދުޕޫރުގައި އޭއެފްޕީއަށް މައުލޫމާތު ދެމުން އުމުރުން 64 އަހަރުގެ ލާލް މިއާން، ބުންޏެވެ. "އެމީހުން ބުނީ ސަރުކާރުން އަޅުގަނޑުމެންނަށް ކާންދޭތީ އަޅުގަނޑުމެން އެމީހުންނަށް ވޯޓު ދޭން ޖެހޭ ކަމަށް."

ބަނގުލާދޭޝްގެ އިދިކޮޅު ޕާޓީ، ބަނގުލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)އާއި އެހެން ޕާޓީތަކުން ވަނީ މިދިޔަ އަހަރު އެތައް މަސްދުވަހު މުޒާހަރާކޮށް، ވޯޓުގެ ކުރިން ބޮޑު ވަޒީރު ޙަސީނާ ވާޖިދު އިސްތިއުފާ ދެއްވުމަށް ފަހު މިނިވަން އިންތިޚާބީ ކޮމިޝަނަކުން އިންތިޚާބުގެ ކަންތައް ބެލެހެއްޓުމަށް އެދިފައެވެ.

 އިދިކޮޅު މީހުން ހައްޔަރުކުރުން

 ބަނގުލަދޭޝްގެ އިންތިޚާބު ފެށުމުގެ މާކުރިން ސަރުކާރާ ދެކޮޅު އެތައް ހާސް ބަޔަކު އެކިއެކި ބަހަނާތަކުގައި ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި  ނޯބެލް އިނާމު ލިބިފައިވާ، މުޅިދުނިޔެއަށް މަޝްހޫރު ޝަޚްޞިއްޔަތު، ޔޫނުސް ލޭބަރ ގާނޫނުތަކާ ހިލާފުވީ ކަމަށް ބުނެ ބަންދުކޮށްފައިވެއެވެ.

އިދިކޮޅު ޕާޓީ ބީއެންޕީން ބުނި ގޮތުގައި އެ ޕާޓީގެ އެކި ފެންވަރުގެ ގާތްގަނޑަކަށް 25،000 ހާސް މީހުން ސަރުކާރުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި ބަންދުގައި ވަނީ 11،000 މީހުންނެވެ.

ބަނގުލާދޭޝްގެ ބައެއް މީހުން ބުނާ ގޮތުގައި އިންތިޚާބާ ދިކޮށް އިދިކޮޅު މީހުން ނޭވާލާ ގޮތަކުން ވެސް ޖަލުބަންދު ކުރެއެވެ.

އިންތިޒާމުތައް ބަލަހައްޓަން ފުލުހުން

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ވޯޓުލާއިރު އިންތިޒާމުތައް ބަލަހައްޓައި އެހީތެރިވުމަށް 175،000 ފުލުހުންނާއި 515،000 އަށް ވުރެ ގިނަ ރިޒާވް ފޯސް މެންބަރުން ވަނީ ހަރަކާތްތެރިވެފަ އެވެ.

ދުނިޔޭގެ އަށް ވަނައަށް އެންމެ އާބާދީ ބޮޑު ގައުމުގެ ސިޔާސީ މަސްރަހު ގިނަ ދުވަސްތަކެއް ވާނދެން ކިލަނބު ވެފައި ވަނީ އެގައުމުގެ ބާނީ ލީޑަރުގެ ދަރިކަނބަލުން ޙަސީނާ ވާޖިދާއި ކުރީގެ އަސްކަރީ ވެރިޔާގެ އަނބިކަނބަލުން، ޚާލިދާ ޒިޔާއާ ދެމެދު އުފެދިފައިވާ ދެކޮޅުވެރިކަމުގެ ސަބަބުންނެވެ.

އިންތިޚާބުގައި މަކަރާއި އޮޅުވާލުން

 އުމުރުން 76 އަހަރުގެ ޙަސީނާ، 2009 ވަނަ އަހަރު ވެރިކަމަށް އެނބުރި ވަޑައިގެންނެވި ފަހުން ބޭއްވި އިންތިޚާބުތަކުގައި އިންތިހާއަށް މަކަރާއި ހީލަތާއި އޮޅުވާލުމާއި ވައްކަން ހިންގާފައި ވާކަމަށް ތުހުމަތު ކުރެވުނަސް އެއިން މައްސަލައެއް ބަލާނެ މީހެއް މުއައްސަސާއެއް ބަނގުލާދޭޝްގައި ނެތެވެ. އިދިކޮޅު ފަރާތްތަކުގެ އަޑު ވަނީ ހިމޭންކޮށްލެވިފައެވެ. ކުރިމަތީގައި އޮންނަނީ މަރު ނުވަތަ ބަންދެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ބުނި ގޮތުގައި މިފަހަރު ގާތްގަނޑަކަށް 120 މިލިއަން ވޯޓުލާ މީހުން ސީދާ އިންތިހާބު ކުރާ 300 މަޖިލިސް ގޮނޑިއަށް ވޯޓުލާއިރު، އެ ގޮނޑިތަކަށް ގާތްގަނޑަކަށް 2،000 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ.

މިފަހަރު މިނިވަން ކެންޑިޑޭޓުންގެ އަދަދު އުޅެނީ 436 ގައެވެ. މިއީ 2001 ވަނަ އަހަރަށްފަހު މިނިވަން ކެންޑިޑޭޓުން އެންމެ ގިނައިން ކުރިމަތިލީ ފަހަރެވެ.

ބީއެންޕީން ބުނި ގޮތުގައި ޢަވާމީ ލީގުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި "ފޭކް" ބަޔަކު ނެރުނީ ބައިނަލްއަގުވާމީ ދުނިޔޭގައި އިންތިޚާބުގެ އަގު އެރުވުމުގެ ގޮތުންނެވެ.

އާދީއްތަ ދުވަހު ލީ ވޯޓު ގުނަން އާދީއްތަ ދުވަހުގެރޭ ފަށައި  ހޯމަ ދުވަހު ނަތީޖާ ނެރޭނޭކަމަށް ބެލެވެއެވެ.

އެއްވެސް ޝައްކެއްތި ފަސްވަނަ ދައުރަކަށް ވެސް ބަނގުލާދޭޝްގެ ބޮޑު ވަޒީރަކަށް ހޮވިވަޑައިގަންނަވާނީ ބޮޑު ވަޒީރު ޙަސީނާ ވާޖިދެވެ.

އިންތިޚާބާ ގުޅޭ، އިދިކޮޅުފަރާތްތަކުގެ ޝަކުވާތައް އަޅާނީ ދަސްބިމަށެވެ. އެކަމާ ދެކޮޅަށް މުޒާހަރާ ކުރާ ގިނަ ބަޔަކު، ފުލުހުން ނިކުމެ ޖަލަށްލައި ހިމޭން ކުރާނެއެވެ.

ބަނގުލާދޭޝްގައި ޑިމޮކްރަސީއަކީ ބާރުގަދަ މީހުން ނިކުމެ، ނިކަމެތީން ތަޅައި ސުންނާފަތި ކުރުމެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.