ދިވެހިން އެންމެ ގިނައިން އިންޑިއާއަށް ގޮސް އުޅޭ ކެރެލާ ސްޓޭޓުގައި ކޮރޯނާ ކޭސްތައް ބިރުވެރި ގޮތަކަށް އިތުރުވާން ފަށައިފި

މާސްކު އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް

ދިވެހިން އެންމެ ގިނައިން އިންޑިއާއަށް ގޮސް އުޅޭ ކެރެލާ ސްޓޭޓުގައި ކޮރޯނާ ކޭސްތައް ބިރުވެރި ގޮތަކަށް އިތުރުވުމާ ގުޅިގެން ކެރެލާ ސްޓޭޓް ސަރުކާރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ކެރެލާގައި އަލަށް ކޮވިޑް-19 އަށް ފައްސިވި ގިނަ މީހުންގެ ތެރެއިން ވޭރިއަންޓް ޖޭއެން.1 ވަނީ ފެނިފައެވެ.

ހޮސްޕިޓަލްތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވާއިރު ސަރުކާރުން ވަނީ ރައްކާތެރިކަމުގެ އެތައް ފިޔަވަޅެއް އެޅުމަށް އަންގާފައެވެ.

ސްޓޭޓް ބޯޑަރުގައި ސަރވޭލަންސް އިތުރުކުރުމާއެކު ކޮރޯނާ ޓެސްޓު ކެމްޕެއިން ކުރިއަށް ގެންދާއިރު އަލާމާތްތައް ހުރި މީހުންނާއި ބައްޔަށް ޝައްކު ކުރެވޭ މީހުންނަށް މަޖުބޫރުކޮށްގެން ވެސް ޓެސްޓު ކުރުމަށް ވަނީ އަންގާފައެވެ.

ސްޓޭޓް ސަރުކާރުން ކަނޑައަޅާފައި ވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް މާސްކު އަޅަން ލާޒިމުކޮށް، އެއްވެ އުޅުން މަނާކުރުމަށެވެ.

ކެރެލާގެ ސްޓޭޓް ސަރުކާރުން ވަނީ 60 އަހަރުން މަތީގެ ރައްޔިތުންނަށް ކެއްސުމާއި ހުމުގެ އިތުރުން ފްލޫ ފަދަ އަލާމާތްތައް ފެނިއްޖެނަމަ ހޮސްޕިޓަލަކަށް ދެއްކުމަށާއި  ދުވަސްކޮޅަކަށް އެއްވެ އުޅުމާ ދުރުހެލިވުމަށް އަންގާފައެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ސަރުކާރުން ބުނެފައި ވަނީ ހާލަތު މެދުނުކެނޑި މޮނިޓަރ ކުރަމުންދާ ކަމަށާއި ހާލަތަށް ބަލައި  ރައްކާތެރިވުމުގެ އިތުރު ފިޔަވަޅު އަޅާނެކަމަށެވެ.

ދުނިޔޭގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދަށް ބަލާއިރު އެމެރިކާއަށްފަހު އެންމެ  ގިނަ ބަޔަކަށް އެ ބަލި ޖެހުނީ އިންޑިއާ މީހުންނަށެވެ. އެ ބަލީގައި އިންޑިއާއިން 5 ލައްކައަށްވުރެ ގިނަ މީހުން މަރުވިއިރު، 4 ކުރޯޑު މީހުންނަށް ކޮރޯނާ ވައިރަސް ޖެހުނެވެ.

މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާއިން ބުނި ގޮތުގައި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ކެރެލާގައި ކޮވިޑް-19 އަށް 292 ފައްސިވެފައިވާކަން އެނގިފައިވާއިރު، އެ ބަލީގައި ތިން މީހުން މަރުވެފައިވެއެވެ. އެ ސްޓޭޓްގައި މި ވަގުތު ކޮރޯނާއަށް 2041 މީހުން ފައްސިވެފައި އެބަ ތިއްބެވެ.

މީގެ ތިން އަހަރު ކުރިން އިންޑިއާގައި ކޮރޯނާ ވައިރަސް ފެތުރުނު ދުވަސްވަރު

ކެރެލާއިން 72،056 މީހުން މަރުވެފައިވެއެވެ.

ރާއްޖޭގެ އެންމެ ގިނަ ބަޔަކު މިދުވަސްވަރު ދަތުރު ކުރަނީ އިންޑިއާގެ ކެރެލާ ސްޓޭޓުގެ ތުރިވިނަންތަޕޫރަމްއަށާއި ކޮޗިންއަށެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.