ކޮވިޑު ފެތުރުން އިތުރުވާތީ މާލެ ސަރަހައްދުގައި ވެކްސިން ޖެހުމާއި ފްލޫ ކްލިނިކް ގެ ޚިދުމަތް ފަށައިފި

ކޮވިޑު ފެތުރުން އިތުރުވާތީ މާލެ ސަރަހައްދުގައި ވެކްސިން ޖެހުމާއި ފްލޫ ކްލިނިކް ގެ ޚިދުމަތް ފަށައިފިއެވެ.

އެގޮތުން މާލެ ސަރަހައްދުގައި ދެ ޕްލޫ ކްލިނިކަކުންނާއި ތިން ވެކްސިން ސެންޓަރުން އަންނަނީ ޚިދުމަތްދެމުންނެވެ. އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކުން ކޮންމެ ދުވަހަކު ވެސް ފަރުވާ ދޭނެއެވެ.

މާލެ ސަރަހައްދުގެ ވެކްސިން ޖަހައިދޭ ސެންޓަރުތަކަކީ ދަރުމަވަންތަ ހޮސްޕިޓަލް، ދަމަނަވެށި އަދި ހުޅުމާލެ ހޮސްޕިޓަލުންނެވެ.

ހުޅުމާލެ ހޮސްޕިޓަލުން ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 10 އަށް ވެކްސިން ޖަހައިދޭއިރު، އައިޖީއެމްއެޗުން ވެކްސިން ޖަހައިދޭނީ ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 11 އަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ވެކްސިން ސެންޓަރުން އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 12 އަށް ޚިދުމަތް ދޭނެއެވެ. އަދި ދަމަނަވެށިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 1 އިން 3 އަށް ޚިދުމަތްދޭ އިރު، ހުޅުމާލެ ހޮސްޕިޓަލުން އާދިއްތަ، އަންގާރަ އަދި ބުރާސްފަތި މެންދުރުފަހު 1 އިން 3 އަށް ޚިދުމަތް ދޭނެއެވެ.

ރާއްޖޭގައި ކޮވިޑު ބަލީ އަނެއްކާ ވެސް އިތުރަމުން އަންނަކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާއިރު، މިމަހު 19 އިން 25 ވަނަ ދުވަހުގެ ނިޔަލަށް 1202 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް ފެތުރެމުން އަންނާތީ މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް ކޮވިޑްގެ ހަތަރުވަނަ ޑޯޒް ވެސް މިހާރުވަނީ ޖަހަން ފަށާފައެވެ.

އެގޮތުން ހަތަރުވަނަ ޑޯޒް ޖަހަން މިވަގުތު ޖަހަމުންދަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ބަލި ޖެހިގެން ނުރައްކާ ވާނެ ފަދަ ބަލިތައް ތަހައްމަލު ކުރާ ހައި ރިސްކް ކެޓަގަރީގެ މީހުންނަށެވެ. އަދި އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެސް ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒް ޖަހަން ވަނީ ފަށާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.